އެމްއެންޔޫގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް ދަރިވަރުންގެ ޔޫނިއަންއިން ބުނެފިއެެވެ.

މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލުން ދީފައިވާ ދެ ފަންގިފިލާ ހުސްކުރަން އެންގުމާއެކު އެކަމުގެ ކަންބޮޑުވުން ދަރިވަރުން އަންނަނީ ފާޅުކުރަމުންނެވެ. އަދި މިކަމާ ގުޅިގެން އެމްއެންޔޫގެ ދަރިވަރުންގެ ޔޫނިއަނުންވެސް ވަނީ ރައީސުލް ޖުމްހޫރިޔާގެ އޮފީހުގެ ކަމާބެހޭ އިސް ފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.

މިކަމާ ގުޅިގެން އެ ޔޫނިއަނުން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ޔޫނިއަނުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ބައްދަލު ކޮށްފައިވާ ކަމަށެވެ. އެ ބައްދަލުކުރުމުގައި އައިޖީއެމްއެޗާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ޔޫނިއަންއިން ބުނީ މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ބައިވެރިވި ސަރުކާރުގެ އިސް ބޭފުޅުން ދެއްވި ކަމަށެވެ.

އަދި ސިއްހީ ދާއިރާއަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއް ކަމަށާއި، މެޑިސިން ކިޔަވާ ދަރިވަރުންނަށް މިހާރަށްވުރެ ފުރިހަަމަ ފެސިލިޓީތަކެއް ގާއިމު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވި ކަމަށްވެސް ޔޫނިއަންއިން ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ބައްދަލުވުމުގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލުގެ އަށް ވަނަ ފަންގިފިލާ އާއި 14 ވަނަ ފަންގިފިލާގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް ތިބެވޭނެ ކަމުގެ އިތުރު އުންމީދެއް ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގެ ދާއިމީ ހައްލަކާ ހަމައަށް ދިއުމަށް ގިނަ ދުވަސް ނަގާނެތީ މިހާރު ދަރިވަރުން ކިޔަވަމުން އަންނަ އިމާރާތުގައި ކިޔެވުން ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް އެ ޔޫނިއަނުން ވަނީ އެދިފައެވެ.

ގައުމީ ޔުނިވާސިޓީން މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލުން ދީފައިވާ ދެ ފަންގިފިލާ ހުސްކުރަން އެ ހޮސްޕިޓަލުން އެންގި ނަމަވެސް އެ ކުދިންނަށް ދެރައެއް ނުލިބޭނެ ކަމަށާއި، ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލު ކެމްޕަސް ހުޅުމާލޭގައި އަޅަން ނިންމާފައިވާކަމަށް މީގެ ކުރިން ގައުމީ ޔުނިވާސިޓީން ވަނީ ބުނެފައެވެ.

އަދި ދަރިވަރުންގެ ރައްކާތެރިކަމާއި ހެވާ ލާބަ ކަށަވަރުކުރުމަކީ ޔުނިވާސިޓީގެ އެންމެ އިސް ވާޖިބުކަން ވެސް ޔުނިވާސިޓީން ވަނީ ފާހަގަކޮށްފައެވެ.