މަޑުމަޑުން ދެލޯ މެރެމުން މެރެމުން ގޮސް އިޝްފާންއަށް ނިދިއްޖެއެވެ.

އިޝްފާންއަށް ދެން ހޭލެވުނީ ޖެހިގެން އައި ދުވަހުގެ ހެނދުނު ދިހައެއް ޖަހާ ބޮޑުވީފަހުންނެވެ. ލޯ ހުޅުވާލުމާއެކު، އެޅުނު އައްޔާއެކު ދެވަނަ ފަހަރަށް ލޯ މަރާލަން އޭނާއަށް މަޖުބޫރުވިއެވެ. އުނދަގުލުން ލޯ ހުޅުވާލުމާއެކު، މަންޒަރު ސާފުވާން ވެސް އިރުކޮޅެއް ނެގިއެވެ. އޭރު އޭނާގެ ބޮލަށް ހުރީ ބަރުވެފައެވެ. ކޮންމެވެސް ވަރަކަށް ބޮލުގައި ރިއްސަމުން ދިޔައެވެ. ނިތާ އެއްކޮށް ބޮލުގައި ދެ އަތުން އޭނާ ހިފައްޓާލިއެވެ. އެއަށްފަހު، ފުންނޭވާއެއް ދޫކޮށްލަމުން ފޯނު ހޯދާލިއެވެ. ގައި ދަށުގައި އޮތް ފޯނު ނަގާ ގަޑި ބަލާލުމާއެކު، ރޭގެ ހާދިސާ ހަނދާނަށް އަންނަން ފެށިއެވެ. ސަވާގެ ރުއިމުގެ އަޑު އޭނާގެ ކަންފަތުގައި ގުގުމާލުމާއެކު، އަވަސް އަވަހަށް ސަވާގެ ނަންބަރު ހޯދާލާ ޑައިލްކޮށްލިއެވެ. ރިންގުވެފައި ފޯނު ކެނޑުނުއިރު ވެސް ސަވާ ފޯނެއް ނުނެގިއެވެ. އިޝްފާން ދެވަނަ ފަހަރަށްވެސް ސަވާއަށް ގުޅިއެވެ.

ސަވާ އެހުރީ އޭނާ ދެކެ ހިތްހަމަ ނުޖެހިފައިކަން އިޝްފާންއަށް ޔަޤީންވުމާއެކު، އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.ސަވާ އޭނާ ދެކެ ހިތްހަމަ ނުޖެހިއްޖެނަމަ އިޝްފާންއަށް ވަރަށް އުނދަގޫވެއެވެ. ކުޑަ އިރުއްސުރެ ފަށައިގެން އޭނާއާ އެންމެ ގާތް މީހަކާ ސަވާއެވެ.

މަޑުމަޑުން ތެދުވެ އިށީނުމާއެކު، ހޭވިފައިވާ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. އިރުކޮޅަކު އެހެން އިނދެފައި ތެދުވެގެން، ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ. ފާޚާނާއަށްވަދެ ފެންވަރާ ތާޒާވެލައިގެން ކޮޓަރިން ނުކުމެ ސިޓިންރޫމަށް އިޝްފާން ބަލާލިއެވެ. ރޭގައި އެ ބޭނުންކުރި އެއްޗެހީގެ ހުސް ޕެކެޓްތައް އޭރު ވެސް އެތަނުގައި ހުއްޓެވެ. އެ އެއްޗެހި ނަގައިގެން ގޮސް ޑަސްބިނަށް ލުމަށްފަހު، ކައްކާބަޔަށް ވަދެ ފެން ހޫނުކުރަން ޖައްސާލާފައި ގަތްފައި ހުރި ކޮފީ ޕެކެޓްތަކުން ކޮފީ ޕެކެޓެއް ނަގާ ޖޯޑަށް އަޅާލިއެވެ.

ފެން ހޫނުވުމުން ކޮފީއެއް އޭނާ ތައްޔާރުކޮށްލިއެވެ. ކޮފީ ތަށި ހިފައިގެން ބޭރަށް ނުކުތްއިރު، ޒައިނާ ގޯތިތެރެ ކުނި ކަހަން އުޅެއެވެ. އޭނާ ޖޯލީގައި އިށީނދެލާ ޒައިނާއަށް ބަލަން ފެށިއެވެ. އިޝްފާން އަމިއްލަ ހިތާ ސުވާލުކުރަން ފެށިއެވެ. އޭނާގެ ހިތުގައި ޒައިނާއާ މެދު ކަންބޮޑުވުން އުފެދޭތީއެވެ. ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ހޯދަން އިޝްފާން ވަނީ ބޭޤަރާރުވެފައެވެ.

ގޭގެ ގޯތިތެރޭގެ އެއްފަރާތް ކަހާ ނިންމާލާފައި ޒައިނާ އެނބުރިލުމާއެކު، ޖޯލީގައި އޮތް އިޝްފާން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ހިނދު ކުޑަ ސިހުމެއް އޭނާއަށް ލިބުނެވެ. އިޝްފާންގެ ނަޒަރު ވަނީ ސީދާ އޭނާއަށް ހުއްޓިފައިކަމުން ލައިގެން ހުރި ހެނދުމުގައި ދެފަރާތުން ހިފާ ރީތިވެސް ކޮށްލެވުނެވެ. އިޝްފާންގެ އެ ނަޒަރުން ޒައިނާ ކުޑަކޮށް ލަދު ގަންނަ ގޮތްވިއެވެ. އަވަސް އަވަސްކޮށްލާފައި ކުނި ކަހާ ނިންމާލާފައި އޭނާ އެތެރެއަށް ވަތްއިރުވެސް، އިޝްފާން އެ އޮތްގޮތަށް ޖޯލީގައި އޮތެވެ.

މެންދުރަށް ކައްކާފައި ޒައިނާ، ފެންވަރައިގެން ނަމާދުކޮށްލިއެވެ. އޭރު ނިހާދު ގެއަކު ނެތެވެ. ޤުރުއާން ކިޔަވާ ނިންމާލިތަނާ ނިހާދު އައިސް ކޮޓަރިއަށް ވަަނެވެ.

ފޯނު ޑްރެސިންޓޭބަލް މަތީގައި ބާއްވާފައި ނިހާދު ފާޚާނާއަށް ވަނެވެ. އޭނާ ފާޚާނައިގައި އުޅެނިކޮށް، ފޯނު ރިންގުވިއެވެ. އޭރު ޒައިނާ އިނީ އެނދުމަތީގައެވެ. އެއްފަހަރު ފޯނު ރިންގްވެފައި ކެނޑުނެވެ. ދެވަނަ ފަހަރަށް ރިންގްވުމާއެކު ޒައިނާ ގޮސް ފޯނު ނަގާ ގުޅަނީ ކާކުތޯ ބަލާލަންވެގެން އުޅުނެވެ. އެވަގުތު ނިހާދު ފާޚާނާ ދޮރު ހުޅުވާލާފައި ނުކުތުމާއެކު، ޒައިނާއަށް އެ ދިމާލަށް ބަލައިލެވުނެވެ. ޒައިނާއަށް ބަލައިލުމަށްފަހު، ނިހާދު ނިކަން އަވަސް އަވަހަށް ފޯނު ނަގާ ބަލައިލިއެވެ. އޭނާ އަވަސް ނަޒަރެއް ޒައިނާއަށް ދެމުން ފޯނު ޖީބަށް ލާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

"ނުވެސް ކައިތަ ދަނީ؟" ޒައިނާ ސުވާލުކޮށްލުމާއެކު، ނިހާދު ހަމަ އެކަނި ހޫމްއަކުން ފުއްދާލީއެވެ. ޒައިނާއާ ދިމާލަށް ބަލައިލުންވެސް އޭނާއަށް މުހިންމުކަމަކަށް ނުވިއެވެ.

ނިހާދު ކޮޓަރިން ނުކުމެ ދޮރު ލައްޕާފާއި ދިޔަ މަންޒަރު ބަލަން އިން ޒައިނާ ވެސް އެނދުން ތެދުވިއެވެ. ކޮޓަރިން ނުކުތުމަށްފަހު، އޭނާ ގޮސް ކާގެއަށް ވަނެވެ. ތައްޓަށް އެއްޗެހި އަޅައިގެން މޭޒު ދޮށުގައި އިށީނދެ ކާން ފެށިނަމަވެސް، މާގިނައިން އޭނާއަކަށް ނުވެއް ކެވުނެވެ. ބަނޑުހައިނުވާތީއެއް ނޫނެވެ. އެހެންނަމަވެސް، ކާހިތްނެތީތީއެވެ. މީހާގެ އެތެރހަށީގައި ހީވަނީ ތޫފާނެއް އުފެދިގެން އުޅޭ ހެންނެވެ. ނިހާދާ މެދު ވިސްނާފައި އޭނާގެ ހިތް ރޮނީއެވެ. އޭނާއާ ދޭތެރޭ އެހާ އިހާނެތިކޮށް ނިހާދު ކަންތައް އެކުރަނީ ކީއްވެގެންބާއޭ ޒައިނާގެ ހިތަށް އަރަމުން ދިޔައެވެ. އެންމެފަހުން ބަތްތަށި އުކާލާފައި އޭނާ ގޮސް އިށީނީ ސޯފާގައެވެ. ޓީވީ އަޅުވާލާފައި އޭގެން އަންނަމުން ދިޔަ ޕްރޮގްރާމަށް ނަޒަރު ހުއްޓާލައިގެން ޒައިނާ އިނެވެ. އެހެން އިންއިރު، އޭނާގެ ހަނދާންނަށް އަންނަން ފެށީ ކުރީ ދުވަހުގެ ހާދިސާއެވެ. ނިހާދުގެ ކިބައިން އިޝްފާން އޭނާ ސަލާމަތްކޮށްދިން ގޮތެވެ. ނުވެސް ދަންނަ މީހަކު އެފަދަ ގޮތަކަށް އޭނާ ދިފާޢުކުރުމުން، ޒައިނާއަށް އެކަމާ ވިސްނެނީއެވެ. ހަމައެއާއެކު އިޝްފާން ބުނެފައިވާ ބަސްތަކަކާ މެދު ވެސް އޭނާއަށް ވިސްނެނީއެވެ.

"ކަލޭމެން އަންހެނުންވެސް މި މީހުން ހެދިހާ ގޮތެއް ހެދިގެން ހުންނާތީ އޭ އަނިޔާ ކުރެވެނީ؟ އަންހެނަކަަށް ވުމަކީ އަނިޔާއާ ގޯނާ ކުރަން ދެވޭ ލައިސެންސެއް ނޫނޭ." އެޖުމްލަތަށް ޒައިނާގެ ކަންފަތުގައި ގުގުމަމުން ދަނީއެވެ. އެ ޒުވާނާ މެދު ކޮންމެެވެސް ވަރެއްގެ ޝައުޤުވެރިކަމެއް ޒައިނާގެ ހިތުގައި އުފެދިފައިވެއެވެ.

އިޝްފާން ސޯފާގައި އޮށޯވެލައިގެން އޮވެފައި އަނެއްކާވެސް ސަވާއަށް ގުޅަން މަަސައްކަތްކުރިއެވެ. ސަވާ ފޯނު ނުނެގުމުން އޭނާ ހާސްވާގޮތްވިއެވެ. ތިން ހަތަރު ފަހަރު ގުޅުމުންވެސް ސަވާ ފޯނެއް ނުނެގިއެވެ. އެންމެފަހުން އިޝްފާން، އޭނާގެ ފޯނުގެ ކޮންޓެކްޓް ލިސްޓް ސްކްރޯލްކޮށްލަމުން އޭނާގެ މަންމަގެ މަދީހާގެ ނަންބަރު ހޯދާލިއެވެ. ދެވިސްނުމެއްގައި އޮތް މީހަކު ފަދައިން އޮތުމަށް ފަހު ޗޮކެއް ކަނޑާލަމުން އޭނާ ފޯނު މާމަތީގައި ބޭއްވިއެވެ. އިރުކޮޅަކު ވިސްނުމަކަށް ގެއްލިފައި އޮތުމަށްފަހު، ފޯނު ނަގާ އިތުރު ގޮތެއް ނެތް މީހަކު ފަދައިން، އިޝްފާން މަދީހާގެ ނަންބަރަށް ގުޅާލިއެވެ. ދެވަނަ ރިންގާއެކު، މަދީހާ ފޯނު ނަގައިފިއެވެ.

"ދަރިފުޅާ!." މަދީހާގެ އަޑުގައި ވަނީ އުފާވެރި އިޙްސާސްއެކެވެ. އޭނާގެ ދުލުން ދަރިފުޅާއޭ ކިޔާފައި އިޝްފާންއަށް ގޮވާލިއިރު، އެ އަޑުގައިވަނީ ބަޔާންކުރަން ދަތި އަސަރެކެވެ. އިޝްފާންގެ ފޯނު ކޯލަކަށް އޭނާ އިންތިޒާރުކުރަމުން ދިޔަ ވަރު އެ އަޑުން އެކަނިވެސް ހާމަވަމުން ދިޔައެވެ.

"ދަރިފުޅާ ކިހިނެއްތަ؟" މައިވަންތަ ކުލުނުގެ އަސަރު އެ އަޑުން ފާޅުވަމުން ދިޔައެވެ.

"ދޮންތަ ކޮބާ؟" މަދީހާގެ ސުވާލަށް ޖަވާބު ދިނުމަކީ މުހިންމުކަމެއްކަމުގައި އިޝްފާން ނުދެކުނެވެ. އިޝްފާންގެ އަޑުގައި ހުރި ހަރުކަށިކަމާއި، ޖެހިލުންކުޑަކަމުގެ ސަބަބުން މަދީހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެ ދެމެދަށް ދެން ވެރިވެގެން ދިޔައީ ހިމޭންކަމެކެވެ.

"އަޑެއް ނީވޭތަ؟ ދޮންތަ ކޮބާހޭ؟" އިޝްފާންގެ އަޑު ބާރުވަމުން ދިޔައެވެ.

"މަންމާ…" އިޝްފާން ފޯނުގައި ހުއްޓާ ސަވާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.

"ދޮންތައަތަށް ދީ ފޯނު." އިޝްފާން ބުނެލިއެވެ. އޭގެ އިރުކޮޅެއްފަހުން ސަވާ ހަލޯއޭ ބުނެލިއެވެ.

"ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނަގަނީ؟" އިޝްފާން ޝަކުވާކޮށްލިއެވެ. ދެންމެ އޭނާގެ އަޑުގައި ހުރި ނުރުހުންތެރިކަމުގެ އެއްވެސް އަސަރެއް މިހާރަކު ނެތެވެ. އެ އަޑު ބަދަލުވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

"އިޝްފާންއަށް ރޭގަ ކަންތައްކުރެވުނު ގޮތް ހަނދާންއެބަހުރިތަ؟ މިތަނުން ދިޔައިމަ ދޮންތަ ހީކުރީ ތި ބޭނުންކުރާ އެއްޗެހި ދެން ބޭނުންކުރުން ހުއްޓާލާނެކަމަށް. އެކަމަކު އެހެންނެއް ނޫނެއްނު މިވީ…" ސަވާ ހުރީ ހަމަ ހަޤީގަތުގައިވެސް ނުރުހުންވެފައެވެ.

"ދޮންތައަށް އެނގޭނެ އަހަންނަށް…" އިޝްފާންއަށް ބުނެވުނީ އެވަރަށެވެ.

"ހުއްޓާލަން މަސައްކަތްކުރީމަ ވާނީ. އަމިއްލަ ނަފްސަށް ކޮންމެވެސް ވަރަކަށް އިތުބާރު ކޮށްފަ، ކޮންމެވެސް ވަރެއްގެ އަޒުމެއް ބޭނުންވަނީ."ސަވާ ބުނެލިއެވެ.

"ސޮރީ ދޮންތާ! އެކަމަކު ރޭގަ އަހަރެން ބުނީ ދޮގެއް ނޫން. ދޮންތައާ ދޭތެރޭ ވީ ހުރިހާކަމެއްގެ ޒިންމާ އެމީހުން ނަގަން ޖެހޭނެ." އިޝްފާން ބުނެލިއެވެ.

"ޕްލީޒް ތިކަންތައް ހުއްޓާލާ. ތީ އިޝްފާންއަށް އެއްވެސް ފައިދާއެއް ވާނެކަމެއް ނޫން." ސަވާގެ އާދޭސްތަކުން އިޝްފާންއަށް އަސަރުކުރިނަމަވެސް، އޭނާއަށް އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރެއް ނެތެވެ. ސަވާއަށް އާބަސް އޭނާ ނުދިނީ އެހެންވެއެވެ.

ސަވާ ފޯނު ބޭއްވުމުންވެސް އެތައް އިރަކު ވިސްނަން އިޝްފާން އޮތެވެ. ހިތުގައި އުފެދުނު އިޙްސާސްތައް ކިޔަމަން ނުކުރެވޭހެން ހީވުމުން ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ.

ހަތަރުދަމު ކަހަލަ ގޮތަަކަށް އިޝްފާން އުޅުނީ އެފަދަ ގޮތަކަށެވެ. ރޭގަނޑު އެގާރަ ޖަހާ ބޮޑުވީފަހުން އޭނާ ބޭރަށް ދާން ނުކުމެލިއެވެ. ގެ ތަޅުލާފައި އަވަށުތެރެއިން ލާފައި އޭނާ ދިޔައީ ބަނދަރާ ދިމާލަށެވެ. ކޮންމެވެސް ވަރަކަށް މީހުން އުޅުނު ނަމަވެސް، މަގުތައްމަތީގައި ހަމަހިމޭންކަން ވެއެވެ. ޖެހެމުންދިޔަ ވައިރޯޅިތައް ލުއި ނަމަވެސް، ހަށިގަނޑަށް އަރާމުވާ ފަދަ ފިންޏެއް ފަޒާފައި ހިފާލާފައި ހުއްޓެވެ. އިޝްފާން، މަޑުމަޑުން ގޮނޑުދޮށަށް ދިޔުމަށް މިސްރާބުޖެހިއެވެ. ގޮނޑުދޮށަށް ފޭބުމަށްފަހު އޭނާ ހިނގަން ފެށިއެވެ. ރާޅުތަކުގެ މަޑުމަޑު ނާނާއިން މުޅިތަނުގެ ހިމޭންކަން ވަނީ ފޫދުއްވާލާފައެވެ. އުޑުމައްޗަށް ބަލާލުމާއެކު ލޮލުގައި އަޅައިގަތީ ފުރިހަމަ ނޫންނަމަވެސް، އަލިކަން ގަދަ ފަޅި ހަނދެކެވެ. އުޑުމަތި ސާފުވެފައި ވިލާ ރޮއްޖެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. އެ ހަނދުގެ ދަރުބާރުގައި އެތައް ހާސް ތަރިތައް ކުދިކުދި ޖަވާހިރުކޮޅުތަކެއް ފަދައިން ވިދަމުން ދިޔައިރު، އުޑުމަތި، ފެންނަނީ ވަރަށް ޗާލުކޮށެވެ. ހީވަނީ ހަނދުގެ އިސްތިޤުބާލުގައި އެތުރިލައިގެން ތިބިހެންނެވެ.

ހިނގަމުން ދަނިކޮށް ޒުވާން ޖޯޑެއްގެ ހުނުމުގެ އަޑު އިޝްފާންގެ ކަންފަތުގައި ޖެހިލިއެވެ. އެ އަޑު އައީ އެތަނުގައި ހުރި ގަސްތަކެއްގެ ބިށްދޮށުންނެވެ. އެކަމާ އަޅާ ނުލާ ކުރިއަށް ހިނގައިގަތް ނަމަވެސް، އޭނާގެ ކަންފަތުގައި ޖެހުނު ނަމެއްގެ ސަބަބުން ފިޔަވަޅުތައް ހުއްޓިއްޖެއެވެ. ކަންފަތް އެ ދިމާލަށް ހުޅުވާލަމުން އިތުރަށް ސަމާލުކަން ދޭން ސިކުނޑި ގޮވާލި ގޮވުމަށް އިޝްފާން އިޖާބަ ދިނެވެ. ކުޑަކޮށް އެ ގަސްތަކާ ކައިރިވެލާފައި އޭނާ އެ އަޑު އަހަން ފެށިއެވެ. އެ ދެމީހުން އެ ވާހަކަ ދައްކާ ނިމެންދެން އިޝްފާން އެތަނުގައި ހުއްޓެވެ.

ގެއަށް ދިޔަ މަގުމަތީގައި ވެސް އިޝްފާންއަށް ވިސްނެމުން ދިޔައީ ދެންމެ އިވުނު ވާހަކަތަކާ މެދުގައެވެ. ހަމަ އެއާއެކު، މާޒީގެ ހިތި ހަނދާނެއް ވެސް އައިސް އޭނާއަށް އުނދަގޫކުރަން ފެށިއެވެ. ގެއަށް ވަދެ ފެންޑާގައި ހުރި ޖޯލީގައި އޮށޯވެލައިގެން އޮތް އިޝްފާން ފުންނޭވާއެއް ދޫކޮށްލިއެވެ. ހަމަޖެހެން ކިތަންމެ މަސައްކަތް ކުރި ނަމަވެސް، ހީވަނީ ދެންމެ އިވުނު ޖުމްލަތައް އޭނާގެ ކަންފަތުގައި ގުގުމާހެންނެވެ.

"ނިހާދު ދެން ޒައިނާ ވަރިކުރަންވީނު." އެއީ ޒުވާން އަންހެނެއްގެ އަޑެކެވެ.

"ވަރިކުރީމަ އެހެން މީހަކާ އިންނާނީނު. އެއީ އަހަރެން އެންމެ ބޭނުންނުވާ ކަމަކީ. އެހެންނޫނަސް ޒީ ބުނީމެއްނު އެއީ މައްސަލައެއް ނޫނޭ." ނިހާދު ބުނެލިއެވެ.

"އަހަރެން ކޮންމެ ގޮތަކަށް ކަންތައްކުރިއަސް، އޭނަ ޖެހޭނީ އަހަރެން ހެދިހާ ގޮތެއް ހެދިގެން ހުންނަން. ވަރިވެގެންވެސް ދާނެ ތަނެއް ހުރި މީހެއް ނޫން އެއީ. ކުޑަމިނުން އަޅާލާނެ މީހަކުވެސް ނެތް" ދެކެވުނު ވާހަކައެއްގެ ތެރެއިން އަނެއްކާވެސް ނިހާދު ބުނެލިއެވެ.

އިޝްފާންއަށް ވިސްނެނީއެވެ. އަނެއްކާ ޒައިނާއަށް އޭނާގެ ފިރިމީހާގެ ހަޤީގަތް އެނގޭ ބާވައެވެ. ނޫނީ ފަރުދާގެ ފުރަގަހުގައި ހުރެ އޭނާގެ ފިރިމީހާ ކުޅެމުން އެދާ ކުޅިވަރު ވަނީ ޒައިނާއަށް ސިއްރުވެފައިހެއްޔެވެ؟ އެކަން އެނގިހުރެ ޒައިނާ ކެތްކުރަނީހެއްޔެވެ؟ ނިހާދު އޭނާއާ މެދު އެހާ އަނިޔާވެރިވާއިރު، ވަރި ނުވެ ޒައިނާ އެ ހުންނަނީ ކީއްވެހެއްޔެވެ؟ ޒައިނާއަށް ދިމާވެފައިވާ މަޖުބޫރީ ޙާލަތަކީ އުޅޭނެ ތަނެއް ނެތުމާއި، އަޅާލާނެ މީހެއް ނެތުންހެއްޔެވެ؟ އެހެންނަމަވެސް، އެނގިހުރެ އެހާ އަނިޔާވެރި ފިރިހެނަކާއެކު އުޅުމަކީ އަމިއްލަ ނަފްސު އަމިއްލައަށް ހަލާކުގެ ތެރެއަށް އެއްލާލުން ނޫން ހެއްޔެވެ؟ ޒައިނާއަށް ދެރަ ގޮތެއް ވާން އިޝްފާން ބޭނުންނުވަނީ ކީއްވެކަމެއް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އެ ވޭނީ ދުނިޔެއިން ޒައިނާ މިންޖުކޮށްދޭން އޭނާ ބޭނުންވާކަމެވެ. ޒައިނާއަށް ލިބެމުންދާ ވޭނާ ކެކުޅުމުން އެ ނިކަމެތި އަންހެން ކުއްޖާ ސަލާމަތްކޮށްދޭން ބޭނުންވާކަމެވެ. އެހެންނަމަވެސް، އޭނާ އެކަން ކުރާނީ ކިހިނެއްހެއްޔެވެ؟ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އޭނާ އަނީ ބީރައްޓެއްސެކެވެ. އެހެންނޫނަސް، ޒައިނާއަކީ އޭނާއާ އެއްވެސް ގުޅުމެއް ހުރި އަންހެން ކުއްޖެއް ނޫނެވެ. ހަމައެކަނި އޭނާގެ ޙަޔާތާ އެ އަންހެން ކުއްޖާ ގުޅެމުންދަނީ އެ ކުއްޖާއަށް ކުރިމަތިވެފައިވާ އެ ޙާލަތެވެ. އެ އަނިޔާއިން ޒައިނާ ސަލާމަތްކުރި ނަމަވެސް، އެ އަންހެން ކުއްޖާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭނެ ފަދަ ޤާބިލުކަމެއް ޚުދު އޭނާގެ ވެސް ނެތެވެ. ޒައިނާ އެ ދިރިއުޅުމުން ވަކިކުރުމުން ޒައިނާ އިތުރަށް ވާނީ ބިކަ ނޫންހެއްޔެވެ؟ އެކަމަކުވެސް އެ އަނިޔާތަށް ޒައިނާއަށް ލިބޭ ތަން ބަލަން ހުރުމަކީ އޭނާއަށް އުނދަގޫކަމަށް ވެއްޖެއެވެ.

(ނުނިމޭ)