އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ނަފްސާނީ މައްސަލަތަކާ ހެދި އޭނާގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ ގާނޫނީ ބާރުވެރިކަން ނުވަތަ "ކޮންޒަވޭޓަޝިޕް" ބްރިޓްނީގެ ބައްޕައާ ހަވާލުކޮށްފައި އޮތުން އެންމެ ފަހުން ނިމި އޭނާ ފުރިހަމައަށް މިނިވަން ވެއްޖެއެވެ.

ބްރިޓްނީގެ ބައްޕަގެ ބެލުމުގެ ދަށުގައި ކޮންޒަވޭޓަޝިޕެއްގައި 13 އަހަރު ހުރުމަށްފަހު ބްރިޓްނީ އެއިން މިނިވަންވީ 2021 ވަނަ އަހަރުގައެވެ. ނަމަވެސް އެއަށްފަހު ވެސް ބައެއް ކަހަލަ ގާނޫނީ މައްސަލަތައް ހުރުމާ ގުޅިގެން ތަފާތު ކޯޓު ކޭސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަންތައްތަކަކީ ކޯޓު ފީ ތަކުގެ ބަހުސްތަކެވެ. ބްރިޓްނީ އާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވަނީ އޭނާގެ ކިބައިން ފައިސާ ހޯދާށެވެ. ކޮންޒަވޭޓަޝިޕްގެ ދުވަސްވަރު ކޯޓަށް ހާޒިރުވާން ޖެހުމުން ވީ ހަރަދުތައް ހޯދުމުގެ ނަމުގައެވެ.

އެންމެފަހުން ކޯޓުން ނިންމީ މައްސަލަ ބްރިޓްނީއާ ދެކޮޅަށެވެ. އެގޮތުން އޭނާގެ ބައްޕަގެ ފީތައް ވެސް ދެއްކުމަށް ކޯޓުން ވަނީ ބްރިޓްނީއަށް އަމުރުކޮށްފައެވެ. ކޯޓު ފީތަކުގެ ގޮތުގައި ދެ މިލިއަން ޑޮލަރެއްހައި ފައިސާ ދައްކަން ޖެހެއެވެ.

އެއަށްފަހު ބްރިޓްނީގެ އާއިލާ އާ ގުޅޭގޮތުން އޮތް މައްސަލަތައް ނިމުނީއެވެ. އަދި އާއިލާގެ ބާރުގެ ދަށުން އޭނާ އެއްކޮށް މިނިވަން ވީ ކަމަށާއި އިތުރު ކޯޓު މައްސަލަައެއް ނެތް ކަމަށް ބްރިޓްނީގެ ވަކީލު ވަނީ ހާމަކޮށްފައެވެ.

"ކޮންޒަވޭޓަޝިޕް" ގެ މައްސަލާގައި ދެ ބަފައިން ކޯޓުގައި އަރާރުންވެ މައްސަލަ ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް ބައްޕަ ޖެމީ ސްޕިއާސް ކޮންޒަވޭޓަޝިޕް ދޫކޮށްލަން ނިންމިކަން ހާމަކުރީ 2021 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.

ބްރިޓްނީގެ ތަފާތު އެކި ކަހަލަ މައްސަލަތަކެއް ހުރި ކަމަށް ބުނެ ކޯޓުން ހުއްދަ ހޯދައިގެން އޭނާގެ ބައްޕަގެ ކޮންޒަވޭޓަޝިޕްގެ ދަށަށް ބްރިޓްނީ ގެންގޮސްފައިވަނީ 2008 ވަނަ އަހަރުގައެވެ. އެއަށްފަހުގައި އާއިލާއިން ބްރިޓްނިއަށް އެކި ގޮތްގޮތުން އަނިޔާތައް ދެމުންދިޔައިރު ފައިސާތައް ވެސް ނުހައްގުން ބޭނުން ކުރަމުން ދިޔައެވެ.