10 Jun 2012, 12:36
އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ޖީއެމްއާރު ގްރޫޮޕުން އެ އެއާޕޯޓްގައި އައު "އެއާ ކާގޯ އޮފީސް ކޮމްޕްލެކްސް" އެއް ހުޅުވައިފި އެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި އައު އޮފީސް ކޮމްޕްލެކްސް ހުޅުއްވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު އެވެ. އެ ރަސްމިއްޔާތުގައި އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު އިބުރާހީމް އާއި ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ސީއީ އޯ އެންޑްރޫ ހެރިސަން ބައިވެރިވެވަަޑައިގެންނެވި އެވެ.
ޖީއެމްއާރުން ބުނީ އަލަށް މިހުޅުވި އެއާ ކާގޯ އޮފީސް ކޮމްޕްލެކްސް އިން ކާގޯ ކްލިއަރެންސްގެ ހުރިހާ ހިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އޭގެ އިތުރުން އެދާއިރާގަައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭނުންވާ ހިދުމަތްތައް ވެސް ލިބެން ހުންނާނެ ކަމަށް ވެސް އެކުންުފުނިން ބުންޏެވެ.
"ފުރަތަމަ ފަހަރަށް އަޅުގަނޑުމެން މިގެންނަނީ ކަސްޓަމްސް މުވައްޒަފުންނާއި އަޅުގަނޑުމެންގެ ސޭލްސް މުވައްޒަފުންނާއި ކަސްޓަމަ ސާވިސް މުވައްޒަފުން އެއް ފުރާޅެއްގެ ދަށަށް. މިއީ ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއް. މިތަނުގައި އަޅުގަނޑުމެންގެ މުވައްޒަފުންނަށް ބޭނުންވާ ހިދުމަތްތައް ވެސް ހުންނާނެ. މުވައްޒަފުންނަށް މަސައްކަތުގެ މާހައުލު ރަނގަޅު ކޮށްދިނުމަކީ އަޅުގަނޑުމެންގެ މުހިއްމު އެއް ވައުދު،" މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖީއެމްއާރުގެ ސީއީއޯ އެންޑްރޫ ހެރިސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ އޮފީސް ކޮމްޕްލެކްސްގައި ކާގޯ ކްލިއަރެންސްގެ ހިދުމަތް މިހާރަށް ވުރެ ފުރިހަމައަށް ދެވޭ ފަދަ ސިސްޓަމެއް ބޭނުން ކުރަމުންދާނެ ކަމަށެވެ.
ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ޖީއެމްއާރުން މި ހުޅުވި ފެސިލިޓީގެ ސަބަބުން ހިދުމްތަ ހޯދާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށާއި އެންމެ މުހިއްމު ކަމަކީ މުވައްޒަފުންނަށް ރަނގަޅު މަސައްކަތުގެ މާހައުލެއް ލިބުން ކަމަށެވެ.
".. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ހަގީގަތުގައި ބަލައި ގަންނަނީ މުވައްޒަފުންނަށް، މިތަނުގައި މިމަަސައްކަތް ކުރާ، ހިދުމަތް ދޭން ތިބި ފަރާތްކަކަށް. މިއަދުގެ މިޒަމާނަށް އަޅުގަނޑުމެން ގަބޫލުކުރާ މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދިނުން، މިއީ ހަމަ އަޅުގަނޑުމެންގެ ދިވެހި މުވައްޒަފުން. މިފަދަ ތަނެއްގައި މަސައްކަތް ކުރުމުގެ އިންތިޒާރުގައި ތިބުމަށް ފަހު ޖީއެމްއާރުން މިކަން ފަހި ކޮށް ދިނުމުން، އެމުވައްޒަފުންގެ ނަމުގައި ޖީއެމްއާރަށް އަޅުގަނޑު ޝުކުރުވެރިވަން، " ޝަފީއު ވިދާޅުވި އެވެ.