10 Jun 2012, 12:31
ދޯންޏެއްގައި އެކަނި މަސްބާނަން ނިކުމެގެން އުޅުނު ރ. ހުޅުދުއްފާރު މީހަކު ކަނޑުވެފައި ވަނިކޮށް ފުލުހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ކަނޑުމަތިން ސަލާމަތް ކުރި މީހަކީ އެ އަތޮޅު ހުޅުއްދުއްފާރު، ބްލޫސޭންޑް އާދަމް ނަސީރު 35، ކަމަށެވެ. އަދި އޭނާ ކަނޑުމަތިން ފެނުމާ އެކު ފުލުހުންގެ ލޯންޗަށް ނަގައި އެވަގުތަށް އޭނާ އަށް ދޭން ޖެހޭ ފަރުވާދިނުމަށް ފަހު ހުޅުދުއްފާރަށް ގެންދިޔަ ކަމަށާއި އެމީހާ ފެނުނު އިރު އޭނާގެ ހާލު އެހާ ސީރިއަސްނޫން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އާދަމް ނަސީރު ފެނިފައި ވަނީ އިއްޔެ ހެނދުނު 9 ޖަހާ އެހާކަންހާއިރު އުނގޫފާރު ޕޮލިސް ސްޓޭޝަނުން އެ އަތޮޅު ތެރެއަށް ފުރި ތަހުޤީޤް ޓީމަކަށް ކަމަށެވެ. ފުލުހުން ބުނެފައި ވަނީ އާދަމް ނަސީރު ފެނިފައި ވަނީ އޭނާ މަހަށް ނުކުތް ދޯންޏާ 400 ވަރަކަށް ފޫޓު ދުރުން ކަނޑުމަތިން ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ ނަސީރު ސަލާމަތްކޮށްފައި ވަނީ ކަނޑުމަތިން ހުސްދޯންޏެއް ފެނުމުން އެދޯނިން ދަތުރުކުރި މީހަކު ވޭތޯ ބަލަމުންދަނިކޮށް ކަމަށެވެ. ފުލުހުންގެ ޓީމަށް އެދޯނި ފެނުމާ އެކު މަސްވެރި ކަމަށް ނުކުމެ އެއްވެސް ދޯއްޏެއް ވޭތޯ ރަށްރަށަށް ގުޅައިގެން މަޢުލޫމާތު ސާފުކޮށްފައިވާ ކަމަށާއި އަދި މީހަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ މަރުކަޒަކަށް ރިޕޯޓްކޮށްފައިވޭތޯ ވެސް ބެލި ކަމަށެވެ.
ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ވަނީ މިދިޔަ އަހަރު ވެސް އެއަތޮޅު ލިބޯ ކަނދު އާ ދިމާ ބޭރު ކަނޑުން ދެ މީހަކު ސަލާމަތްކޮށްފަ އެވެ. ރ. އަތޮޅަކީ ކަނޑުމަތީ ހާދިސާތައް ގިނައިން ހިނގަމުން އަންނަ އަތޮޅެއްކަން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ބުނެ އެވެ.