10 Jun 2012, 11:45
ދުނިޔޭގެ އެންމެ ވާދަވެރި ދެ ކުލަބު ކަމަށްވާ ސްޕޭނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުޅުންތެރިން ސްޕޭން ޓީމުގައި ކިތަންމެ ގިނަ ނަމަވެސް އެ ދެ ކުލަބުގެ ވާދަވެރިކަން ގައުމީ ޓީމުގައި ނެތް ކަމަށް ކުޅުންތެރިން ބުނެފި އެވެ.
ރެއާލް މެޑްރިޑާއި ސްޕޭނުގެ ކީޕަރު އަދި ކެޕްޓަން އިކާ ކަސިޔާސް ބުނީ ހުސްވި އަހަރު މި ދެ ކުލަބުގެ ކުޅުންތެރިންގެ ގުޅުން އެހާ ރަނގަޅު ނޫން ކަމަށާއި ނަމަވެސް މިއަހަރު ވަރަށް ރަނގަޅު ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިން ވެސް ތިބީ ގައުމީ ޓީމަށް އަނެއްކާ ވެސް ޔުރޯ ކާމިޔާބުކޮށްދޭން ތައްޔާރަށް ކަމަށެވެ.
"ޕްލޭޔަރުންގެ ތެރެއިން ޑޭވިޑްވިޔާ، ކާލޮސް ޕުޔޯސް، ޒަވީ، އިނިއެސްޓާ، ބުސްކެޓްސް ފަދަ ކުޅުންތެރިންނާ އަހަރުމެންނާ (ރެއާލްގެ ކުޅުންތެރިން) މާބޮޑު ގުޅުމެްް މިދިޔަ އަހަރު ނެތް. އެކަމަކު މިއީ އެ ގުޅުން ރަނގަޅު އަހަރެއް. ޓީމު އޮތީ ވަރަށް އެކުވެރިކޮށް. އެންމެވެސް ބޭނުންވަނީ ތަށި،" އެންމެ ފަހުން ޔޫރޯ އުފުލާލި ކެޕްޓަން ބުންޏެވެ.
ބާސެލޯނާގެ މިޑްފީލްޑަރު އަދި ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ލަނޑު ޖަހައިދިން އަންދްރޭސް އިނިއެސްޓާ ބުނީ ބާސެލޯނާ އާއި ރެއާލްގެ ވާދަވެރިކަމުގެ ވާހަކަ ގައުމީ ޓީމަށް ކުޅޭއިރު ދެއްކުމަކީ މުހިންމު ކަމެއް ނޫން ކަމަށެވެ.
"އެވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. އަހަރުމެން މިތިބީ އެކުވެރިކަމާއެކު. ކުލަބަށް ނޫން މިހާރު މި ކުޅެނީ. ގައުމީ ޓީމަށް. އަހަރުމެންގެ ކުލަބު ވާދަވެރިކަމުގެ ވާހަކަ ދައްކައިގެން މޯޓިވޭޝަން ގެއްލުވައެއްނުލެވޭނެ. އެއި ނަފްސާނީގޮތުން އަހަރުމެން ބަލިކޮށްލަން ދައްކާ ވާހަކައެއް،" އިނިއެސްޓާ ބުންޏެވެ.
ސްޕޭނުގެ ކޯޗަކަށް ހުރި ވިސެންޓޭ ޑެލްބޮސްކޭ އަކީ ކުރިން ރެއާލް މެޑްރިޑުގެ ކޯޗެވެ. އޭނާ ވަނީ ކޯޗުކަމާ ހަވާލުވެ މި ދެ ކުލަބުގެ ކުޅުންތެރިންގެ ވާދަވެރިކަން ގައުމީ ޓީމުން ފޮހެލައިފަ އެވެ. ނަމަވެސް ޑެލްބޮސްކޭ ބުނީ ކޯޗުކަމާ ހަވާލުވިއިރު ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ވާދަވެރިކަމުގެ ސަބަބުން ގައުމީ ޓީމަށް އަސަރުކުރާ ކަމަށެވެ.