10 Jun 2012, 11:44
ޔޫރޯގައި މިރޭ އިޓަލީއާ ވަދަ ކުރުމުގެ ކުރިން ސްޕޭންގެ ކީޕަރު އިކާ ކަސިޔާސް އިޓަލީގެ ކީޕަރު ޖިއާން ލުއިޖީ ބުފަން އަށް ތައުރީފްކޮށްފި އެވެ.
ވޯލްޑް ކަޕް އެންމެ ފަހުން އުފުލާލި ދެ ކީޕަރުން އަދި ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުކަން އެންމެ ފަހުން ހޯދި ދެ ކީޕަރުންނަކީ އިޓަލީ އާއި ސްޕޭނުގެ ދެ ކެޕްޓަނުން ވެސްމެ އެވެ.
މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ކަސިޔާސް ބުނީ ބުފޮން އަކީ ރޯލް މޮޑެލްއެއް ކަމަށެވެ. އަދި އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ތިން ކީޕަރުންގެ ތެރޭގައި އަބަދުވެސް ގުނާލެވޭ ކީޕަރެއް ކަމަށެވެ.
"ތިން ކީޕަރުންގެ ތެރެއިން އަނެއް ދެ ކީޕަރުން އަބަދުވެސް ބަދަލުވޭ. އެކަމަކު ބުފޮން އަބަދުވެސް ތިން ކީޕަރުންގެ ތެރޭގައި ހިމެނޭ. އޭނާ ވަނީ ވަރަށް ގިނަ ކާމިޔާބީތައް ހޯދާފަ. އިޓާލިއަން ލީގާއި އިޓާލިއަން ކަޕް، އަދި ވޯލްޑް ކަޕް ވެސް. މުޅި ދުނިޔެ އަށް ބަލާއިރު އޭނާ އަކީ ލެޖެންޑެއް،" ކަސިޔާސް ބުންޏެވެ.
ކަސިޔާސް ބުނީ ބުފޮން ކަހަލަ ކީޕަރަކު މިސާލަކަށް ބަލައިގެން ކުޅުން އިތުރަށް ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މި ދެ ކީޕަރުން މިރޭ އެކަކު އަނެކަކާ ބައްދަލުކުރާއިރު ޔޫރޯ ކުއާޓާ ފައިނަލުން އިޓަލީ އެންމެ ފަހުން ކަޓުވާލީ ސްޕޭން އެވެ.