ގއ. ވިލިގިނލީގައި މަސްވެރިކަން ކުރާ ދޯނިތަކުގައި ބިދޭސީން މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް އެދި ވިލިގިނލީ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ވިލިގިނލީ ކޯޓަށް އެ މައްސަލަ ހުށަހެޅި އެ ރަށު، އަންބަރީގޭ އަންވަރު މޫސާ ބުނީ އެނާ އެ މައްސަލަ ކޯޓަށް ހުށަހެޅީ މަސްދޯނި ފަހަރުގައި ބިދޭސީން މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށާއި ނަމަވެސް އެކަން އާންމު ވެފައިވާތީ ކަމަށެވެ.

އޭނާ ބުނީ ވިލިގިނލީގައި މަސްވެރިކަންކުރާ ގާތްގަނޑަކަށް ހުރިހާ ދޯނިތަކެއްގައި ވެސް ބިދޭސީން މަސައްކަތްކުރަމުންދާ ކަމަށާއި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައި ވާނީ ބިދޭސީން މަސްދޯނިތަކުގައި މަސައްކަތް ކުރުން ހުއްޓުވައި ދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެދިނުމަށް ކަމަށެވެ.

"ވިލިގިނލީގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރިހާ ދޯނިތަކުގައި ބިދޭސީން މަސައްކަތް ކުރަމުން މިދަނީ. މިއީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު ކަމެއް. މި ކަން ހުއްޓުވައިދިނުމަށް އަޅުގަނޑު ކޯޓަށް ހުށަހެޅީ." އަންވަރު ބުންޏެވެ.

އޭނާ ބުނީ އެ މައްސަލަ ކޯޓަށް ހުށަހެޅިފަހުން މިހާތަނަށް އެއް އަޑުއެހުން ބާއްވާފައި ނިމިފައިވާ ކަމަށާއި އަދި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މަސްވެރިކަމާ ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގައި ބުނެފައި ވަނީ ފަޅުވެރިންގެ ގޮތުގައި ނުވަތަ އެހެން ގޮތަކަށް ނަމަވެސް ބިދޭސީންނާއި ގުޅިގެން، ބިދޭސީން ހިމެނޭ ގޮތަށް ނުވަތަ ބިދޭސީން ބައިވެރިކޮށްގެން އެއްވެސް ބާވާތެއްގެ މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމަށެވެ.