14:29


ރާއްޖޭގެ ޝަރުއީ ނިޒާމު ވަރުގަދަ ކުރުމުގެ މަގްސަދުގައި "އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް" އާ ދިވެހި ސަރުކާރާ ދެމެދު ދިގުމުއްދަތުގެ އެގްރިމެންޓެއް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.


ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، "އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް" ނުވަތަ އައިސީޖޭ އާއެކު ސަރުކާރުން ގާއިމްކުރާ ޕާޓްނާޝިޕް އެގްރިމެންޓް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަން އިތުރުކޮށް، ކޯޓުތަކަށް އާއްމުންގެ އިތުބާރު ހޯދުމުގެ މައްޗަށް ކަމަށެވެ. އަދި އެގްރިމެންޓުގެ ތަފްސީލު މިހާރު އިއުލާންކޮށްފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ އެ ބަޔާނުގައިވެ އެވެ.


އައިސީޖޭގެ ފަރާތުން މި އެއްބަސްވުމުގެ ކަންތައް ކުރިއަށް ގެންދަވާނީ ޝަރުއީ ނިޒާމާ ގުޅޭ ދެ ތަޖުރިބާކާރުން ކަމަށްވާ ޑރ. ޕަރަމް ކުމަރަސުވާމީ އަދި ޑރ. ލިއެންޑްރޯ ޑެސްޕޯއި ކަމަށް އެ ބަޔާނުގައިވެ އެވެ. މީގެ ކުރިން އ.ދގެ ސްޕެޝަލް ރެޕަޓުއަރސް އޮން އިންޑިޕެންޑެންސް އޮފް ޖުޑީޝަރީގެ މަގާމު ވެސް ފުރުއްވާފައިވާ މި ދެ ބޭފުޅުން އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ފަސް ދުވަހުގެ އެ ދަތުރުފުޅުގައި، އެގްރިމެންޓުގެ ޓަރމްސް އޮފް ރެފަރެންސް އެ ބޭފުޅުން އެކުލަވާލައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ޝަރުއީ ނިމާމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ، އެކަން ރަގަޅު ކުރުމަށް ސަރުކާރަށް އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.


1952 ވަނަ އަހަރު އުފެއްދިގެން އައި އައިސީޖޭއަކީ، ގައުމުތަކުގެ ޝަރުއީ ނިޒާމް ވަރުގަދަކޮށް، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ޤާނޫނީ ވެރިކަން ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އަމިއްލަ ޖަމިއްޔާއެކެވެ.