10 Jun 2012, 11:30
ދިވެހި ގައުމީ ބޭންކް، ބީއެމްއެލްއަށް މި އަހަރު 30 އަހަރު ފުރެނީ އެވެ. ނަމަވެސް ބޭންކުގެ ހިއްސާދާރުން ތިބީ އުފަލަކުންނޫނެވެ. ސަބަބަކަށް ވަނީ މާލީ ކޮންމެ އަހަރެއް ނިންމާލަން ޖެހެނީ ހުސް އަތާ ކަމަށް ވުމެވެ. ފައިދާގެ ގޮތުގައި ގެއަށް ގެންދާނޭ އެއްޗެއް ހިއްސާދާރުންނަކަށް ނުލިބެ އެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރަނގަޅު ފައިދާއެއް ހޯދަމުން އައި ބީއެމްއެލް ކުއްލިއަކަށް އަޑިއަޅާލީ މީގެ ދެތިން އަހަރެއްހާ ދުވަސްކުރިންނެވެ. ބަލައިލުމެއް ނެތި ގިނަބަޔަކަށް ލިބޭނެ ގެރެންޓީއެއް ނެތް ލޯނުތަކެއް ދޫކުރެވުމެވެ. އެއީ ހަގީގީ މައްސަލަ އެވެ. ތިލަކޮށް ބުނާ ނަމަ ބޭންކް "ދެތިން ބަޔަކަށް ވިއްކާލެވުނީ" އެވެ.
ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ފެންނަ މަންޒަރަކީ ވެސް 1.3 ބިލިއަން ރުފިޔާގެ ފައިސާ ނުދައްކައި ގިނަ ދުވަސްވެފައި ހުރި ލޯނުތަކަކުން ސަލާމަތްނުވެވުމެވެ. އެކަމަށް ބޭންކް ވަނީ ގިނަ މަސައްކަތްތަކެއް ކުރަންޖެހިފަ އެވެ. އަދި ބޭންކުން މިދިޔަ އަހަރު އެކަމަށް ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައި އެބަހުއްޓެވެ. މިދިޔަ އަހަރު ބޭންކަށް ލިބުނު 519 މިލިއަން ރުފިޔާގެ ތެރެއިން 511.4 މިލިއަން ރުފިޔާ ވަނީ ފައިސާ ނުދައްކާ ގިނަ ދުވަސްވެފައިވާ ލޯނުތަކަށް އުނިކޮށް ޕްރޮވިޝަން ހަދައިފަ އެވެ. ބޭންކުގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމް ހަސަން ރިޕޯޓުގައި ވިދާޅުވެފައި ވަނީ މިދިޔަ އަހަރުގެ މަސައްކަތާ އެކު ނުލިބި ހުރި ލޯނުތަކުގެ 78 ޕަސެންޓް މިހާރު ރިކަވާ ކުރެވިފައިވާ ކަމަށެވެ. މިއީ ކާމިޔާބެއް ކަމަށް އޭނާ ފާހަގަ ކުރައްވަ އެވެ.
"މިކަމުން ދައްކައިދެނީ ބޭންކުގެ ރަނގަޅު ސްޓްރެޓެޖީއަކާއި ސަގާފަތެއް އަދި ވައްޓަފާޅިއެއް އޮތްކަން ބީއެމްއެލްގެ ހިއްސާދާރުންނަށް ދެމެހެއްޓެނިވި އަދި ފައިދާއެއް އަދި ކުރިއެރުމެއް ހޯދައި ދިނުމުގެ،" ޑރ. ޝިހާމް ވިދާޅުވެފައިވެ އެވެ.
ބީއެމްއެލްގެ ސީއީއޯ ޕީޓާ ހޯޓަން ވެސް ވިދާޅުވަނީ ބޭންކަށް ފައިސާ ނުލިބި ގިނަ ދުވަސްވެފައި ހުރި ލޯންތަކުން ސަލާމަތް ވުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރުތެރޭގައި ކުރެއްވިއްޖެ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ އެމްއެމްއޭގެ ގަވާއިދާ އެއްގޮތަށް ޕްރޮވިޝަން ހެދަން ފެށުމާއި މިދިޔަ އަހަރުގެ ފައިދާގެ ބޮޑުބައެއް ބޭންކްގެ ގެއްލުން ފޫބެއްދުމަށް ބޭނުން ކުރެވުމެވެ. އަދި ތަޖުރިބާ އަށް ބަލައި އުފެއްދުންތެރި ލޯނުތަކާ މެދު އައު އުސޫލެއް ބޭންކަށް ގެންގުޅެވުމަކީ ވެސް އޭނާގެ ނަޒަރުގައި ބޭންކް ކުރިމަގު އުޖާލާ ވުމަށް އެޅުނު ފިޔަވަޅުތަކެކެވެ.
"މިދިޔަ އަހަރުގެ ފައިދާ އެއްކޮށް ޕްރޮވިޝަނަށް ވަނީ ކަނޑާފައި، އޭގެ އަމާޒަކީ މާޒީގެ ތަޖުރިބާ އަށް ބަލައި މި އަހަރުން ފެށިގެން އެކަން ހައްލުކުރުމަށް ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރުން، އެއީ އޭގެ ފެށުން،" ޕީޓާ ހޯޓަން ވިދާޅުވި އެވެ.
މާލީ ގޮތުން ވެސް ބޭންކުން ވަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެ ބޭންކުން މިދިޔަ އަހަރު އެއްބިލިއަން ރުފިޔާގެ ވިޔަފާރިކޮށް އައު ރެކޯޑެއް ގާއިމްކުރި އެވެ. އެއީ 2010 ވަނަ އަހަރާއި އަޅާބަލާ އިރު 28 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި 2010 ވަނަ އަހަރު ބީއެމްއެލްގެ ހިންގުމުގެ ފައިދާ އަށް 302 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މިދިޔަ އަހަރު ނިމި މިއަހަރާ ބޭންކް ކުރިމަތިލީ 519 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއަކާ އެކު އެވެ. މިއީ 72 ޕަސެންޓްގެ ކުރިއެރުމެކެވެ. ބޭންކުން އެކަން ސިފަ ކުރަނީ "ރެކޯޑް މިންވަރަކަށް ދިވެހި ގައުމީ ބޭންކަށް ފައިދާވި" އަހަރެއްގެ ގޮތުގަ އެވެ.
ބީއެމްއެލްގެ ފޯކަސް ވަނީ ގިނަ ދިމާތަކަކަށް މިހާރު ހުއްޓިފަ އެވެ. ޕީޓާ ހޯޓަން ވިދާޅުވާގޮތުން ބޭންކަށް ހުރި ރިސްކްތަކުގެ މައްޗަށް ހާއްސަ ނަޒަރަކުން ބަލައި ސަމާލުވާނެ އެވެ. އަދި މުވައްޒަފުންނާއި ކަސްޓަމަރުންނަކީ ބޭންކުގެ އެންމެ މަތީ ޕްރިއޯރިޓީ އެވެ. އެ ކަންކަމާ ކުރިމަތިލުމުގެ ބޭންކަށް ގިނަ ގޮންޖެހުންތަކެއް އަދިވެސް އެބަހުއްޓެވެ. ޕީޓާ ވިދާޅުވާ ގޮތުން ނަން ޕާފޯމިން ނެޓް އެސެޓްސްގެ މައްސަލަ ހައްލުކުރުމަށް އިހުނަށް ވުރެ ބޮޑަށް ސަމާލުވެ އަވަސް ފިޔަވަޅުތަކެއް ވަނީ އަޅަންޖެހިފަ އެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ދޫކޮށްލެވިފައި އޮތް މައްސަލަ އެކެވެ. ދެން ޕީޓާ ފާހަގަ ކުރައްވާ އަނެއް މައްސަލައަކީ ބޭންކްގެ މާލީ ހާލަތު ވަރުގަދަ ކުރުމެވެ. އެކަމަށް ކުރަން ޖެހިފައި އޮތް މަސައްކަތް ނުހަނު ބޮޑުކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.
"މި ކަންކަމަށް ރަނގަޅު ފައުންޑޭޝަނެއް ވަނީ މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ނެގިފައި، އެހެންކަމުން މި ބަލަނީ ބޭންކަށް 30 އަހަރު ފުރޭއިރު ބޭންކުގެ ފަރާތުން ކަސްޓަމަރުންނާއި ހިއްސާދާރުން ބޭނުންވާ ލަޑުދަނޑިތައް ހާސިލް ކުރެވޭތޯ،" ޕީޓާ ވިދާޅުވި އެވެ.
އިގްތިސޯދީގޮތުން ދުނިޔެ އަށް ތަދު ދުވަސްތަކެއް ކުރިމަތިވެފައި ވިޔަސް ބޭންކްގެ ހިތްވަރެއް ނޭލެ އެވެ. ބޭންކުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ނަން އިންޓަރެސްޓާ ދިމާލަށް ވަނީ ފޯކަސް ބަދަލުކޮށްފަ އެވެ. އެކަން އަހަރީ ރިޕޯޓުން އެނގެ އެވެ. އެއީ މިދިޔަ އަހަރު ބޭންކަށް ލިބުނު އާމްދަނީގެ 40 ޕަސެންޓަކީ ނަން އިންޓަރެސްޓް އިންކަމެވެ. ފީތަކާއި ކޮމިޝަންގެ ގޮތުގައި ބޭންކަން މިދިޔަ އަހަރު ވަނީ 432 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ 2010 އަކާއި އަޅާބަލާ އިރު ދެ ގުނަ މަތީ އަދަދެކެވެ.
ބީއެމްއެލްގެ ފައިދާ ވިދިވިދިގެން ދެ އަހަރު ނުލިބި ދިޔުމުން ހިއްސާދާރުން ވެސް ތިބީ މާޔޫސްވެފަ އެވެ. ގައުމުގެ އެންމެ ބޮޑު ބޭންކުގެ މަގާމުގައި ތިބެ ބޭންކް ލަދުގަންނަ ވަރަށް ބައެއް ކަންކަން ހުރީ ގޮސްފަ އެވެ. ނަމަވެސް މިއީ މާޒީ ހަދާން ނައްތާލައި އައު ހިތްވަރަކާ އެކު ތެދުވެ މުޅިން އައު އަމާޒަކަށް އައު ވިސްނުމެއްގައި ތެދުވާންވީ ވަގުތެވެ. އެކަމަށް ބޭންކުގައި ގާބިލް ޓީމެއްވެސް އެބައޮތެވެ. ބޭންކް މިހާރު އޮތް ހާލަތުން ހިންދެމިލުމަށް ބޭންކުން ކުރަން ޖެހޭ ދަތުރު އޮތީ ކުރިއަށެވެ. ބޭންކުގެ މެނޭޖްމަންޓް ވެސް އެކަން ގަބޫލުކުރެ އެވެ. އެ މެނޭޖްމަންޓުގެ ވައުދަކީ ވެސްއެ އެވެ.
"މިއަހަރު 30 އަހަރު ފުރޭއިރު ހިއްސާދާރުންނަށާއި ކަސްޓަމަރުންނަށާއި މުވައްޒަފުންނަށްވާ ވައުދަކީ ބޭންކުން މަސައްކަތްކުރަމުން ގެންދަނީ ދެން އަންނަން އޮތް 30 އަހަރަށް ވެސް ފަހުރުވެރިވާ ފަދަ ތަނަކަށް ބީއެމްއެލް ހެދަމަށް،" ޕީޓާ ވިދާޅުވި އެވެ.