ސިވިލް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު އެ ކޯޓުން ހުޅުވާލައިފި އެވެ.

ސިވިލް ކޯޓުން މިއަދު ބުނީ އެ ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލުންގެ ރަޖިސްޓްރީއެއް އެކުލަވާލަން އެ ކޯޓުން ނިންމާފައިވާތީ، މިއަދުން ފެށިގެން އެ ކޯޓުގައި ވަކާލާތު ކުރަން ބޭނުންވާ ގާނޫނީ ވަކީލުން އެކަމުގެ ހުއްދަ އަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު އެ ކޯޓަށް ހުށަހެޅަން ޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓުން ބުނީ ފޯމާ އެކު ވަކާލާތުކުރުމުގެ ހުއްދައިގެ އަސްލާއި އޭގެ ސާފު ކޮޕީއަކާއި އައިޑީކާޑާއި އޭގެ ސާފު ކޮޕީއެއް ހުށަހެޅަން ޖެހޭނެ ކަމަށެވެ. އަދި ޕާސްޕޯޓު ސައިޒުގެ ތިން ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.