10 Jun 2012, 10:54
މި ފަހަރުގެ ޔޫރޯގައި ވާދަ ކުރާ 16 ގައުމުގެ ތެރެއިން އެންމެ ކުޑަ ދެ ގައުމަކީ އަޔަލޭންޑާއި ކޮރޭޝިއާ އެވެ. އަޔަލޭންޑުން ފުރައިގެން ޕޮލެންޑަށް ދާން ގާތްގަނަޑަކަށް 1000ހާ މޭލު ކަޑައްތު ކުރަން ޖެހޭނެ އެވެ. ނަމަވެސް މި އުނދަގޫ ހުރަސްކޮށް މިރޭގެ މެޗު ބަލަން އަޔަލޭންޑްގެ 20000 ސަޕޯޓަރުން ވަނީ މެޗު ކުޅޭ ޕޮޒްނަން އަށް ގޮސްފަ އެވެ.
ކަންމިހެން އޮތްއިރު އެ ގައުމަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ތަޖުރިބާކާރު ކީޕަރު ޝޭ ގިވަން ހާނިއްކައިން ސަލާމަތްވެ މިރޭގެ މެޗަށް ފިޓްވުމެވެ. މުބާތުގައި ފެނިގެންދާނެ އެންމެ މުސްކުޅި ކޯޗު ޖިއޮވާނީ ތްރަޕަތޯނީގެ ޓީމުގެ ކުރި ބަލަހައްޓާދޭނީ ރޯއި ކީން އާއި ކެވިން ޑިއޯލެވެ. އެކަމަކު ކްރޮއޭޝިޔާ ޓީމުގައިވެސް އަނިޔާގެ މައްސަލައެއްނެތެވެ.
މި މެޗަށް ނުކުންނައިރު މީގެ ކުރިން މި ދެ ގައުމު ބައްދަލުކޮށްފައިވަނީ ހަ ފަހަރަކު އެވެ. ތިން މެޗު ޑްރޯވިއިރު އަޔަލޭންޑް މޮޅުވި އެންމެ ފަހަރަކު އެވެ. އެންމެ ފަހުން ދެ ގައުމު ބައްދަލުކުރި ފަހަރު ، ހުސްވި ނޮވެމްބަރު މަހު ކުޅުނު މެޗު ނިމުނީ ހަމަހަމަވެގެންނެވެ.
މި މެޗަށް ކްރޮއޭޝިޔާ ނުކުންނައިރު ކޯޗު އެންމެ ކަންބޮޑުވަނީ ކުޅުންތެރިން މާގިނައިން ކާޑު ހޯދާތި އެވެ. ކްރޮއޭޝިޔާއަކީ ގްރީސް ނެގުމަށް ފަހު ކޮލިފައިންގައި އެންމެ ގިނަ ކާޑު ދެއްކި ޓީމެވެ. އަނެއްކޮޅުން ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުން ކްރޮއޭޝިޔާ ބަލިވެފައި ނެތުމަކީ ވެސް އެގައުމަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.
މިއާއެކު ޓްރަޕަތޯނީގެ ކޯޗުކަމުގައި އަޔަލޭންޑް ބަލިވެފައެއްނެތެވެ. އެ ގައުމު ވާދަވެރި މެޗަކުން ބަލިނުވާތާ 14 މެޗު ވިއިރު ބައިކޮޅަށް ގޯލެއް ނުވައްދައި ވަނީ 11 މެޗު ހަމަކޮށްފަ އެވެ. ނަމަވެސް އަޔަލޭންޑުން ގަބޫލު ކުރާ ގޮތުގައި މުބާރާތުގެ ފުރަތަމަ މެޗަކީ އުނދަގޫ މެޗެކެވެ. އެމީހުން އެންމެ ފަހުން ބަލިވެފައިވަނީ ހުސްވި އަހަރުގެ މާޗު މަހު އުރުގުއާއީ އަތުންނެވެ.
މިއާ ހިލާފަށް ކްރޮއޭޝިޔާ ޓީމުގައި އޮތީ ތަފާތު ހިޔާލުތަކެކެވެ. ޓީމުގެ ކޯޗު ސްލަވަން ބިލިޗް މިހާރު ވެސް ހުރީ މުބާރާތަށް ފަހު ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯ އަށް ބަދަލުވުމަށް ތައްޔާރުވެގެންނެވެ. ނަމަވެސް ޔޫރަޕުގެ ވަރުގަދަ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ގިނަ އަދަދަކަށް ޓީމުގައި ތިބުމުން ޑާވޯ ސުކާގެ ހަ ގޯލާއެކު 1998 ވަނަ އަހަރު ވޯލްޑް ކަޕް ތިނަ ވަނަ ހޯދި ގޮތަށް ކްރޮއޭޝިޔާ ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެފާނެ ކަމަށް ބުނާ މީހުން ވެސް މަދެއްނޫނެވެ.