މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މަރުގެ ގުރޫޕްގެ ގޮތުގައި ލޭބަލްވެފައިވާ ގުރޫޕް ބީގައި ރޭ ކުޅުނު މެޗްތައް ޖަރުމަނުވިލާތުންނާއި ޑެންމާކުން ކާމިޔާބު ކޮށްފިއެވެ.

ޖަރުމަނުން ރޭގެ މެޗް ކާމިޔާބު ކުރީ 17 އަހަރު ވަންދެން ރާއްޖެ އަޅުވެތިކުރި ޕޯޗުގީޒުންނާ ބައްދަލުކޮށް 1-0 ލަނޑުން ނެވެ. އަދި ޑެންމާކުން ރޭގެ މެޗް ކާމިޔާބު ކުރީ ފީފާ ރޭންކިންގައި މިވަގުތު ދުނިޔޭގެ ހަތަރު ވަނައިގައި އޮތް ނެދަލެންޑާ ބައްދަލުކޮށް 1-0 ލަނޑުންނެވެ.

މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ޖަރުމަން ރޭ ޕޯޗުގަލް އަތުން މޮޅުވިއިރު، މެޗުގައި ޖަރުމަނުން ޖެހި އެޓީމްގެ ހަމައެކަނި ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަޔާން މިއުނިކްގެ ފޯވަޑް މާރިއޯ ގޯމޭޒް އެވެ. މިމެޗް ކުޅުނީ ޔޫކްރޭންގެ ލިވިވްގާގައެވެ. އަދި ނެދަލެންޑްސް ކޮޅަށް، ޔޫކްރޭންގެ މެޓަލިސްޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޑެންމާކުން ޖެހި އެޓީމްގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވަޑް މައިކަލް ކްރޯން ޑެލީ އެވެ.

ރޭގެ މޮޅާއެކު ޖަރުމަނުން މުބާރާތުގެ ރަނގަޅު ފެށުމެއް ހޯދިއިރު، މިމުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ ވެސް ޖަރުމަނެވެ. އެގޮތުން ޖަރުމަނުން މިމުބާރާތް ތިން ފަހަރު މަތިން ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއް ޖަރުމަނަށް ކާމިޔާބު ކުރެވުނީ 1972 ވަނަ އަހަރު ބެލްޖިއަމްގައި ބޭއްވި މުބާރާތުގައި 3-0 ލަނޑުން ޔޫއެސްއެސްއާރުގެ މައްޗަށް ކުރި ހޯދައިގެން ނެވެ. ދެވަނަ ފަހަރަށް ޖަރުމަނުން ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައިވަނީ 1980 ވަނަ އަހަރު 1-2 ބެލްޒިއަމް އަތުން މޮޅުވެގެންނެވެ. އަދި ތިން ވަނަ ފަހަރަށް ޖަރުމަނުން ޔޫރޫ މުބާރާތް ކާމިޔާބު ކުރީ 1996 ވަނަ އަހަރު އިންގްލޭންޑުގައި ބެއްވި މުބާރާތުގައި ޗެކްރިޕްބްލިކްއާ ވަދަކޮށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ.

މީގެއިތުރުން ރޭ ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދާ ގްރޫޕްގެ ކުރީގައި ޑެންމާކު ވެސް ހަމަޖެހިލިއިރު، މިއީ 1967 ވަނަ އަހަރު އަހަރުގެ ފަހުން ނެދަލޭންޑްސް އަތުން ޑެންމާކް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި ރޭގެ މޮޅާއެކު ޑެންމާކް ވަނީ މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދުމުގެ އުންމީދު އާކޮށްފަ އެވެ.