އުމުރުން ދުވަސްވީ މީހުނަށް އަސާސީ ޕެންޝަން ދޭ އުމުރު 60 އަހަރަށް ތިރިކޮށްފި ނަމަ އެކަމުން ދިވެހި ރައްޔިތުނަށާއި ދިވެހި ދައުލަތަށް އެތައް ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނެފި އެވެ.

ސީއެމްޑީއޭ އިން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ އަސާސީ ޕެންޝަން ދޭ އުމުރު 60 އަހަރަށް ތިރިކޮށްފި ނަމަ ގިނަ ބަޔަކަށް އަސާސީ ޕެންޝަން ދޫކުރަންޖެހި މިހާރު ގާއިމްކޮށްފައިވާ ޕެންޝަން ސިސްޓަމަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

"މީގެ ސަބަބުން ދުރުރާސްތާ އިގްތިސާދުގެ އުފެއްދުންތެރިކަން އެވްރެޖްކޮށްދަށްވެ، އިގްތިސާދީ ހަރަކާތްތައް މަދުވުމަކީ އެކަށީގެންވާކަމެއް. އަދި ނަތީޖާއެއްގެ ގޮތުން އުމްރާނީ ތަރައްގީ އަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ،" ސީއެމްޑީއޭ އިން ބުންޏެވެ.

ސީއެމްޑީއޭ އިން ބުނީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ގާއިމް ކުރެވިފައިވާ ކަމަށާއި މިއީ ވަޒީފާ ދޭ ފަރާތާއި ޕެންޝަން ލިބޭ ފަރާތުން މުސާރައިގެ ޖުމްލަ 14 ޕަސެންޓް ލައިގެން ކުރިއަށް ގެންދާ ސުކީމެއް ކަމަށެވެ. އަދި އެ ސުކީމް 60 އަހަރަށް ހަދައިފި ނަމަ ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.

ސީއެމްޑީއޭ އިން އެފަދަ ބަޔާނެއް ނެރުނީ އަސާސީ ޕެންޝަން ލިބޭ އުމުރު 65 އިން 60 އަށް ހަގުކުރުމަށް ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވަނިކޮށެވެ.