10 Jun 2012, 09:22
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް ( އައިސީސީ)ގެ ވަކީލަކު ލީބިޔާގައި ހައްޔަރުކޮށްފި އެވެ.
އައިސީސީގައި މަސައްކަތް ކުރާ އޮސްޓްރޭލިއާގެ ވަކީލު ހައްޔަރުކުރީ ލީބިޔާގައި ހައްޔަރުކޮށްފައި ހުރި އެ ގައުމުގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަށް ނުރައްކާތެރި ލިއެކިއުންތަކެއް ފޯރުކޮށްދޭން މަަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށް ލީބިޔާ ސަރުކާރާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ.
"ޒިޔާރަތުގައި (ހުކުރު ދުވަހު ސައިފުލް އިސްލާމް އަށް ކުރި ޒިޔާރަތުގައި) އޭނާ ވަނީ އޭނާ (ސައިފް)ގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ލިއެކިއުންތަކެއް ހަވާލުކުރަން މަސައްކަތް ކޮށްފައި. އެއީ ލީބިޔާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަން އެކަމުން ދޭހަވޭ،" ސައިފުލް އިސްލާމްގެ މައްސަލައާ ހަވާލުވެފައިވާ އަދި ލީބިޔާ ސަރުކާރުގެ ފަރާތުން އައިސީސީއާ މުއާމަލާތްކުރައްވާ ވަކީލު އަހުމަދު އަލް ޖީހާނީ ވިދާޅުވި ކަމަށް އަލްޖަޒީރާގައިވެ އެވެ.
މެލިންޑާ ޓެއިލާ ނަމަކަށް ކިޔާ އޮސްޓްރޭލިއާގެ އެ ވަކީލަކީ ތަރާބުުލުސްގެ ހުޅަނގު ދެކުނުގައިވާ ޒިންޓާންގައި ސައިފުލް އިސްލާމް ހައްޔަރުކޮށްފައި ހުރި ތަނަށް ޒިޔާރަތް ކުރުމުގެ ހުއްދަ ލީބިޔާގެ ޗީފް ޕްރޮސެކިއުޓާގެ ހުއްދަ ލިބުނު އައިސީސީގެ ހަތަރު ވަކީލުންގެ ޓީމުގައި ހިމެނޭ މީހެކެވެ.
ޖީހާނީ ވިދާޅުވި ކަމަށް އަލްޖަޒީރާ ބުނީ އޮސްޓްރޭލިއާގެ ވަކީލު ހުރީ ޖަލުގައި ނޫން ކަމަށާއި އޭނާ ހުރީ ޒިންޓާންގައި ގޭބަންދުގައި ކަމަށެވެ. އަދި އޭނާއާ ލީބިޔާގެ ކަމާ ބެހޭ ފަރާްތްތަކުން ސުވާލުކުރަމުންދާ ކަމަށެވެ.
ސައިފުލް އިސްލާމް ހައްޔަރު ކުރި ލީބިޔާ ސިފައިންގެ ބްރިގޭޑްގެ ކޮމާންޑަރު އަޖުމީ އަލް އަތީރީ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އައިސީސީގެ ޓީމުން ސައިފުލް އިސްލާމް އަށް ކުރި ޒިޔާރަތުގައި ސަލާމަތީ ގަވައިދުތަކާ ހިލާފުވެފައިވާ ކަމަށެވެ. އެގޮތުން ޓެއިލާ ސައިފުގެ ކައިރިއަށް ގެންދިޔައީ ނަރުހެއް ކަމަށް ބުނާ އަންހެނެއް ކަމަށާއި އޭނާގެ އަތުގައި ކެމެރާއެއް އޮތް ކަމަށެވެ. އަދި ސައިފުގެ ކަންތައްތައް ބަލަހައްޓާ ފަރާތްތަކުން އޭނާ އަށް އިހާނެތިކޮށް ހިތާ ކަމަށް ބުނެ ލިޔެފައިވާ ސިޓީއެއް ގެންދަން ވެސް އެމީހުން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އަޖުމީ ވިދާޅުވެފައިވެ އެވެ.
ލީބިޔާގެ ކުރީގެ ސަރުކާރުގެ އިސް ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މައްސަލައިގާ އައިސީސީ އާއި ލީބިޔާ ސަރުކާރާ ދެމެދު ވަނީ މައްސަލަތައް ހޫނުވެފަ އެވެ. ލީބިޔާ އިން ބޭނުންވަނީ އެ ފަރާތްތައް ލީބިޔާގެ ކޯޓަކަށް ހާޒިރުކުރުމަށެވެ.