ޖާމަނީ އާއި ޕޯޗުގަލް މިރޭގެ މެޗަށް ނުކުންނައިރު ހުރިހާ ގޮތަކުން ވެސް އިތުބާރާއެކު އޮތީ ޖަރުމަނު ވިލާތެވެ. މިހާތަނަށް މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ގައުމުގައި ތިބީ މުޅިން ވެސް ތަރިންނެވެ. އެކަމަކު ޖަރޯމޭ ބޯޓިން ހެނދުނުގެ ވަގުތެއްގައި މޮޑެލްއަކާ އެކު ފެނުމުން ކޯޗު ޖޯހިމް ލޯ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

މިފަހަރުގެ މުބާރާތަށްދާއިރު ޖާމަނީ އަކީ ބެންޗުގައި ވެސް މޮޅު ކުޅުންތެރިން ތިބި ޓީމެކެވެ. މާރިއޯ ގޮޓްޒް އާއި މާކޯ ރިއުސް އަދި އަންދްރޭ ޝްރުލް އަކީ މިފަހަރުގެ ޖާމަން ޓީމުގެ ބެންޗުން އަރައި ވިދާލުމުގެ ފުރުސަތު ބޮޑު ކުޅުންތެރިންނެވެ.
މިދެ ގައުމު މިހާތަނަށް ބައްދަލުކޮށްފައިވަނީ 17 ފަހަރަކު އެވެ. މީގެ ތެރެއިން ޕޯޗުގަލް މޮޅުވީ އެންމެ ތިން މެޗަކުން ކަމަށްވާއިރު އެއްވަރުވީ އެންމެ މެޗެެވެ.

މިހެންވެ ޕޯޗުގަލްއާ ދެކޮޅަށް ޖާމަނީ ނުކުންނައިރު އެމީހުންގެ ފެންވަރު ކިތަންމެހާ ވެސް ރަނގަޅަށް ވަނީ ސާފުވެފަ އެވެ. އަނެއްކޮޅުން މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކަށް ލިބުނު ނާކާމިޔާބިއަކީ ޖާމަނީގެ ކުޅުންތެރިން ހިތްވަރުލިބިގަންނަން ބޭނުންވާ ނާކާމިޔާބީ އެެކެވެ. ޖަރުމަނުގައި 2006 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕުން ކެޓުމާއި 2008 ވަނަ އަހަރުގެ ޔޫރޯ ފައިނަލުން ބަލިވުމާއި އޭގެ އެއް އަހަރު ފަހުން ބަޔާން މިއުނިކް ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވުމާއި ޖެހިގެން އައި އަހަރު ވޯލްޑް ކަޕް ފައިނަލަނުގޮސް ކެޓުމަކީ ޖާމަނީގެ ކުޅުންތެރިން ތަށި ހޯދައިގެން ނޫނީ ގައުމަށް ނުދާން އަޒުމް ކަނޑައަޅާ ސަބަބުތަކުގެ ތެރެއިން މުހިންމު ކަންތައްތަކެވެ. އެކަމަކު ކޮންމެ ނަތިޖާއެއް ނުކުތަސް ކޯޗުކަމުން ޖީހޯމް ލޯ ވަތްކެއް ނުކުރާނެ އެވެ.

މިއާ ހިލާފަސް 17 އަހަރު ވަންދެން ރާއްޖެ އަޅުވެތިކުރި ޕޯޗުގީޒުންނަކީ އެވްރެޖްޓީމެކެވެ. އެ ޓީމުގެ ތަރިއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އުމުރުން 27 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރެއާލް މެޑްރިޑަށް މި ސީޒަނުގައި 62 ގޯލު ޖަހައިދިން އިރު އޭނާ އަށް ގައުމީ ޓީމުގައި ވިދާލަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތު މިފަހަރުގެ މުބާރާތް ކަމަށް ތަޖުރިބާކާރުން ވަނީ ބުނަން ފަށާފަ އެވެ.

ކޮލިފައިންގައި ޖަރުމަނު ސައްތައިން ސައްތަ ރެކޯޑެއް ހެދިއިރު ޕޯޗުގަލް ކޮލިފައިވީ ޕްލޭއޯފް ކުޅެގެންނެވެ. ކޮލިފައި ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ވެސް ރޮނާލްޑޯ އެވެ. އޭނާ ނޫނީ އެކަނި މަސައްކަތުން ޓީމު މޮޅުކޮށްދެވޭ ފެންވަރުގެ އެހެން މީހަކު އެ ޓީމަކު ނެތެވެ.