09 Jun 2012, 19:38
ގ. އުފުރިޔާ ގޭގެ ހިންގަމުން އައި ބިއުޓީ ޝެލޫނެއްގެ ތެެރެއަށް ފުލުހުންވަދެ އެތަނުގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި ހަތްމީހަކު ފުލުހުން މިއަދު ހައްޔަރު ކޮށް އެތަން ބަންދުކޮށްފި އެވެ.
ހަށި ވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން މިއަދު ބަންދުކުރީ އުފުރިޔާގޭގެ ހަތަރު ވަނަ ބުރީގައި ހިންގަމުން އައި "ސަބާއީ ސަބާއީ" ބިއުޓީ ސެލޫން އެވެ. ސަން އޮންލައިންގެ ނޫސްވެރިންނަށް ވަނީ އެތަނުގެ ތެރެއިން ބިދޭސީ ހަތަރު އަންހެނަކާއި ތިން ފިރިހެނަކު ބިޑި އަޅުވައިގެން ވެހިކަލަށް އަރުވާތަން ފެނިފަ އެވެ. ފިރިހެނުންގެ ތެރޭގައި ދިވެހިން ތިއްބެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބްއިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ "ސަބާއީ ސަބާއީ" ސެލޫނުން ހައްޔަރު ކުރި ހަތަރު އަންހެނުންނާއި ތިން ފިރިހެނުންވެސް ހައްޔަރުކޮށްފައިވަނީ ބަދުއަހުލާގީ އަމަލުހިންގި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ވިދާޅުވީ އެ ހަތަރު އަންހެނުންނަކީ ތެއިލެންޑް އަންހެނުންތަކެއް ކަމަށާއި އަދި ހައްޔަރުކުރި ފިރިހެނުންނަކީ ހުސް ދިވެހިން ކަމަށެވެ.
"އެމީހުން ހައްޔަރުކުރީ ބަދު އަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި،" ހަނީފު ވިދާޅުވި އެވެ.
އުފުރިޔާ ގޭގައި ދިރިއުޅޭ މީހަކު އެ ސަރަހައްދުގައި ހުރެ މިއަދު ބުނީ އެތާތެރޭގައި ގިނަ އަދަދަކަށް ފައިސާ ހުރި ކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އެކަމާ ގުޅޭގޮތުން އެއްޗެއް ނުބުންޏެވެ.
މީޑިޔާއަށް ސެލޫންގެ އެތެރެ ދައްކާނެކަމަށް ފުލުހުން ބުނި ނަމަވެސް ފަހުން ވަނީ އިމާރާތުގެ ވެރިފަރާތުން އެކަމަށް ހުއްދަ ނުދިން ކަމަށް ބުނެ އެ ފުރުސަތު ނުދީފަ އެވެ. މި މަހުގެ ކުރީކޮޅުވެސް ވަނީ މަސާޖު ޕާލާއެއް ރެއިޑްކޮށް ތައިލެންޑުގެ ކުދިންތަކެއް ހައްޔަރުކޮށްފަ އެވެ.