14:29


ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ އަބުރުފުޅަށް ހުތުރުވާ ފަދަ ގޮތަކަށް މިއަދު ނޫހުގައި ޝާއިކޮށްފައިވާ ލިޔުމަކާ ގުޅިގެން އެ ނޫހުގެ މެނޭޖިން އެޑިޓަރު އަބްދުއްލަތީފްގެ މައްޗަށް މަދަނީ ކޯޓަށް ހުށަހެޅުއްވި އަބުރުގެ ދައުވާގެ މައްސަލައިގެ މިއަދުގެ އަޑެއެހުމުގައި، ރައީސް މައުމޫނުގެ އަރިހުން ލަތީފް މައާފަށް އެދިވަޑައިގެންފި އެވެ.


ރައީސް މައުމޫނުގެ ވަކީލު އަލްއުސްތާޒު މުހައްމަދު ވަހީދު އިބްރާހިމް މިއަދު ވިދާޅުވީ، ނިއު ޔޯކް ޓައިމްސްގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅުވައިގެން، ރައީސް މައުމޫނުގެ އަބުރުފުޅާ ބެހި މިއަދު ނޫހުގައި ލިޔެފައިވާ އާޓިކަލްގައިވާ ވާހަކަތަތަކީ މިހާތަނަށް އެއްވެސް ދުވަހެއްގައި ޝަރީއަތަށް ސާބިތުވެފައިވާ މައްސަލައަކަށް ނުވާތީ، ރައީސް މައުމޫނުގެ އަރިހުން މައާފަށް އެދިވަޑައިގެން، މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ބަޔާނެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ބަޔާނާ ގުޅޭ ތަފްސީލު ދެއްވަމުން ވަހީދު ވިދާޅުވީ، އެ ލިޔުމުގައިވާ ވާހަކަތަކަކީ މިހާރުގެ ސަރުކާރަށް ވެސް ސާބިތުކޮށްދެވިފައިވާ ވާހަކަތަކެއް ކަމަށް ނުވާތީ، އެއީ ދޮގު މައުލޫމާތު ކަމަށް އެ ބަޔާނުގައި ލަތީފު މައާފަށް އެދިވަޑައިގެންފައިވާ ކަމަށެވެ.


މި ބަޔާން އިއްވެވުމަށްފަހު، ޝަރީއަތުން ވަނީ ޖަވާބުދާރީވުމުގެ ފުރުސަތު ރައީސް މައުމޫނުގެ ވަކީލުންނަށް ދެއްވުމަށްފަހު، މިއަދު ބޭއްވި އަޑުއެހުން ވަނީ ނިންމާލައިފައެވެ.


މި މައްސަލައާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމަވާނީ ލަތީފު އަމަލުކުރައްވާ ގޮތަށާއި މިއަދު އޭނާ ދެއްވި ބަޔާނަށް ރިއާޔަތްކުރެއްވުމަށް ފަހުގައި ކަމަށް ވަހީދު ވިދާޅުވި އެވެ.


މި މައްސަލައާ ގުޅިގެން އަބްދުއްލަތީފް ވިދާޅުވީ މިއަދު ނޫހުގައި ލިޔެފައިވާ އެ މައުލޫމާތުތަކަކީ މިހާތަނަށް އެއްވެސް ޝަރީއަތެއްގައި ސާބިތުވެފައިވާ ކަންތައްތައްކަށް ނުވާތީ، މިއަދު ނޫހުގެ އެޑިޓަރގެ ހައިސިއްޔަތުން މައާފަށް އެދިވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް އެ މައުލޫމާތުތަކަކީ، ލިޔެވެނީ ކޯއްޗެއްކަން އެނގިވަޑައިގެން ލިޔުނު މައުލޫމާތުތަކެއް ކަމަށާއި، އެކަމުގައި ރައީސް މައުމޫނަށް ނުބައި މައުލޫމާތުތަކެއް ބަޔަކު ދީފައިވާ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.


ރައީސް މައުމޫންގެ ވަކީލުންގެ ޓީމުން މި މައްސަލަ މަދަނީ ކޯޓަށް ހުށަހަޅުއްވާފައި ވަނީ، ރައީސް މައުމޫން ވެރިކަން ކުރެއްވިއިރު، ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވެފައިވާ ކަމަށާއި، ދައުލަތުގެ ފައިސާ ލޫޓުވާފައިވާ ކަމަށް ބުނެ، އެމަނިކުފާނު ރައީސްކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވި ގޮތާ މެދު، ދިވެހި ރައްޔިތުންގެ މެދުގައި އެމަނިކުފާނުގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް މިއަދު ނޫހުގައި ދޮގު ވާހަކަތަކެއް ފަތުރާފައިވާތީ ކަމަށް ބުނެ އެވެ. އަދި އެ ދައުވާ ކޮށްފައި ވަނީ ރައީސް މައުމޫންގެ އިއްޒަތަށާއި އަބުރަށް ހުތުރުވާ ފަދަ ގޮތަކަށް އެފަދަ ޚަބަރެއް ލިޔެފައިވާތީ އެކަމުގެ ސަބަބުން ރައީސް މައުމޫނަށް ލިބިވަޑައިގެންނެވި މާއްދީ އަދި މައުނަމީ ބަދަލު ހޯދުމުގެ ގޮތުން ކަމަށް ވެސް ބުނެފައިވެ އެވެ.


ނިއު ޔޯކް ޓައިމްސްގެ މެތޫ ސޯލްޓްމާޝް ލިއުނު ރިޕޯޓެއްގައި ވަނީ ދައުލަތުގެ ފައިސާއިން  ރައީސް މައުމޫން 400 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ލޫޓުވާލާފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ލިޔެފައެވެ. އަދި މި ރިޕޯޓާ ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ވެސް ވަނީ މި ޚަބަރު ފަތުރާފައެވެ.