ވެރިކަން ބަދަލުވިގޮތާ ބެހޭ ގޮތުން ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ލިޔުއްވައި ނެރުނު ރިޕޯޓަށް މައުލޫމާތު ދިން ސިފައިންނާ ފުލުހުން ޝަރީއަތުގައި ހެކިބަސް ދޭން ތައްޔާރަށް ތިބި ކަމަށް އަސްލަމް ވިދާޅުވެއްޖެ އެވެ.

"ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް" މި ނަމުގައި މިއަދު ރިޕޯޓް ނެރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ ރިޕޯޓުން އެނގެނީ ވެރިކަން ބަދަލުކުރަން ސަލާމަތީ ބާރުތަކުން ބޮޑެތި ޖިނާއީ ކުށްތައް ކޮށްފައިވާ ކަމާއި އެ ކުށްތަކުގެ މައްޗަށް ޝަރީއަތް ހިންގަން ޖެހުން ކަމަށެވެ.

ނަމަވެސް އެ މައްސަލަތައް އަމިއްލަ އަށް ކޯޓަށް ހުށަހެޅުއްވުމަށް އޭނާ އިންކާރު ކުރެއްވި އެވެ.

އަސްލަމާއި އަމީންގެ ރިޕޯޓާ ބެހޭ ގޮތުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން "ބަޣާވާތް" ކުރަން ސިޔާސީ ފަރާތްތަކުން ރާވަމުން ދިޔަ ކަމަށާއި އެމަނިކުފާނުގެ ސަރުކާރާ ދެކޮޅު 500 އެއްހާ ފުލުހުން ހޯދަން ސިޔާސީ ފަރާތައް މަސައްކަތްކުރިކަން ސަލާމަތީ ބާރުތަކުގެ އިންޓަލިޖެންސަށް ލިބިފައިވާ ކަން ރިޕޯޓުން އެނގޭ ކަމަށެވެ.

"ދެ ހާސް އެގާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަރުކާރާ އިދިކޮޅު 500 އެއްހާ ސިފައިންނާ ފުލުހުން ހޯދުމުގެ މަސައްކަތް، ލިސްޓު ކުރުމުގެ މަސައްކަތް، ފަށައި ގަނެވިއްޖެކަން އިންޓެލިޖެންސަށް އަދި އެނޫން ގޮތްގޮތަށް ވެސް ސާފުވެފައި އެބައޮތް. އެހެންވީމަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މި މަސައްކަތް ފެށިގެން އައީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަސްލަމާއި އަމީން ލިޔުއްވި ރިޕޯޓްގެ މަޗަށް ބުރެވެ، ސިފައިންނާއި ފުލުހުންގެ މައްޗަށް ދައުވާ ކުރެވެން ޖެހޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލާއި އެހެން މުއައްސަސާތަކުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމުގައި އަވަސްވާން ޖެހޭ ކަމަށެވެ.

"މީގެ މައްޗަށް އަމަލު ނުކޮށް ދައުލަތުގެ މުއައްސަސާތަކުން ތިބެގެން ނުވާނެ. ޕްރޮސެކިއުޓާ ޖެނެރަލް ވެސް އަދި އެހެން މުއައްސަސާތަކުން މި ރިޕޯޓްގައިވާ އެއްޗެއްގެ މައްޗަށް ބިނާކޮށް، ފުލުހުންނާ ސިފައިންގެ މައްޗަށް ދައުވާތައް އަވަހަށް ކުރެވެން ޖެހޭނެ. ޝަރީއަތްތައް އަވަހަށް ފެށެން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދު ނެރުނު 99 ސޮފުހާގެ ރިޕޯޓްގައި ފުލުހުންނާއި ސިފައިން ފެބްރުއަރީ 7، 2012 ގައި ހަރަކާތްތެރިވި ގޮތް ކަމަށް ބުނެ ފޮޓޯ އާއި ނަންމާއި އަމަލު ކުރި ގޮތުގެ ތަފްސީލުތަކެއް ހިމަނާފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެފަދަ ތަފްސީލު ރިޕޯޓަކަށް ދައުލަތުން މުއައްސަސާތަކުން ފިޔަވަޅު ނާޅައިފިނަމަ އެކަމާ ދެކޮޅަށް އެމްޑީޕީ ނުކުންނާނެ ކަމަށެވެ. އަދި "ބަޣާވާތް" ކުރިކަން ސާފުކޮށް ފެންނަން އޮއްވާ މުއައްސަސާތައް މެދުވެރިވެގެން އެކަން ކުރުވުމަށް ސީދާ ހަރަކާތައް ދިވެހި ރައްޔިތުން ނުކުތުމަށް ވާޖިބުވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

"މުއައްސަސާތައް ލައްވައި އެކަން [ރިޕޯޓަށް ފިޔަވަޅު އެޅުވުމަކީ] ކުރަން ބާރު އެޅުވުމަކީ، އޭގެ ސީދާ ހަރަކާތައް ގޮސް އިހްތިޖާޖު ކުރުމަކީ އަޅުގަނޑުމެންގެ ޕާޓީގެ ވެސް އަދި ހުރިހާ ރައްޔިތުންގެ ވެސް ވާޖިބެއްގެ ގޮތުގައި އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.

ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީއިން އާންމުންގެ ހިޔާލު ހޯދަން ނެރުނު ޓައިމްލައިނާ ބެހޭ ގޮތުން އަސްލަމް ވިދާޅުވީ އެއީ ވަރަށް ބޮޑެތި އޮޅުވާލުންތަކެއްގެ މައްޗަށް އޮތް ޓައިމްލައިނެއް ކަމަށެވެ.