ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރަން ސިފައިންނާއި ފުލުހުން ހިންގީ "ބަޣާވާތެއް" ކަމަށާއި އޭގައި އިސްކޮށް ބައިވެރިވީ ސިފައިންނާއި ފުލުހުން ކަމަށް ބުނެ ބައެއް ބޭފުޅުންގެ ނަމާއި ފޮޓޯ ހިމަނައިގެން ރިޕޯޓެއް ނެރެފި އެވެ.

މި ރިޕޯޓް ލިޔުއްވާފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ފަހުން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލާއި ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ދެ ބޭފުޅުން އެކުލަވައިލިވި 99 ސޮފުހާގެ ރިޕޯޓް މިއަދު ނެރެދެެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

"ފުލުހުންނާއި ސިފައިން ހިނގި ބަޣާވާތް" މި ނަމުގައި އެކުލަވައިލި ރިޕޯޓް ނެރުމަށް މާލޭ ސިޓީ ކައުންސިލް ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ އެ ރިޕޯޓްގައި "ބަޣާވާތް" ރޭވިގެން، އައި ގޮތާއި ފުލުހުންނާއި ސިފައިން އެކަމުގައި ބައިވެރިވި ގޮތުގެ މައުލޫމާތުތަކެއް ހިމަނާފައިވާނެ ކަމަށެވެ.

ވެރިކަން ބަދަލުވުމުގެ ކުރިން އެމްޑީޕީގެ ސަރުކާރާ ދެކޮޅު ފިކުރަށް ތަބާވާ ބަޔަކު ސަލާމަތީ ބާރުތަކުގައި ތިބި ކަމަށާއި ސަލާމަތީ ބާރުތަކުގެ ފަރާތްތަކާ އެކު ސިޔާސީ ފަރާތްތަކުން "ބަޣާވާތް" ރާވަމުން ދިޔަ ގޮތް ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމުގެ ކުރިން ބަޣާވާތެއް ކޮށްފާނެ ކަމުގެ މައުލޫމާތު ފެބްރުއަރީ 6، 2012 ވަނަ ދުވަހުގެ އިރާކޮޅު ސަލާމަތީ ބާރުތަކުގެ އިސްވެރިންނަށް ކަށަވަރުވި ކަމަށާއި އެއްވެސް ފިޔަވަޅެއް ނޭޅި ސަބަބު ވެސް ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

"މިކަމަށް ތައްޔާރުވާން ސިފައިންނަށް ފުރުސަތު ވަރަށް ބޮޑުކޮށް އޮވެ، އެހެން ނަމަވެސް ކަން ދިމާވެ، އެކަން އެރޭ، ފެބްރުއަރީ 6، 2012] 12:00 ޖެހީއްސުރެ، އަނެއް ދުވަހުގެ ހެނދުނާ ހަމައަށް ދިޔައިރު ވެސް، ސިފައިން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައި، އެތިބި ގޮތަކަށް ތިބެ، ހެނދުނުވީ ފަހުން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ނެތްތަން ފެންނަ ގޮތަކަށް ފުރޮޅާލުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ އެތާނގައި ހުންނަވަނިކޮށް، އެމަނިކުފާނުގެ ކޮންޓޯލެއް، އަމުރުވެރިކަމެއް ނެތްކަން ދެއްކުމަށް ކަންތައްތަކެއް ކުރި،" ރިޕޯޓްގައި އެކުލެވިގެންވާ ބައިތަކާ ބެހޭ ގޮތުން އަސްލަމް މިއަދު ވިދާޅުވި އެވެ.

ރިޕޯޓް ލިޔުއްވެވުމުގައި ބައިވެރިވެ ވަޑައިގެންނެވި އަމީން ފައިސަލް ވިދާޅުވީ ރިޕޯޓް ލިޔުއްވުމަށް މައުލޫމާތު ދެއްވީ "ބަޣާވާތު"ގައި ބައިވެރިވެރިންނާއި ފުލުހުންނާ ސިފައިން ކަމަށެވެ. އަދި އެ ރިޕޯޓްގައި ލިޔެފައިވާ ވާހަކަތަކަކީ ލޮލުން ފެނި، އަޑު އިވި، އަތުން ހިފާފައިވާ ކަންތައްތަކެއް ކަމަށެވެ.

"ބަޣާވާތުގައި ބައިވެރިވީކީ ހުރިހާ ފުލުހުންނަކާއި ސިފައިންނެއް ނޫން. ވަރަށް އިހުލާސްތެރިކަމާއެކީގައި ކެރިގެން އެބޭފުޅުން ނުކުމެވަޑައިގެން އަޅުގަނޑުމެންނަށް މި މައުލޫމާތު ހިއްސާކޮށްފައި ވަނީ،" އަމީން ފައިސަލް ވިދާޅުވި އެވެ.

"ބަޣާވާތު"ގައި ފުލުހުންނާއި ސިފައިން ބައިވެރިވި ގޮތުގެ ތަފްސީލް މައުލޫމާތު ހިމަނާފައިވާ ކަމަށް ބުނާ އިރު، ރައީސް ނަޝީދުގެ އެއްވެސް ބަސްފުޅެއް އެ ރިޕޯޓްގައި ހިމަނާފައެއް ނުވެ އެވެ. އަސްލަމް ވިދާޅުވީ އިންކުއަރީ ކޮމިޝަނަށް ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ރައީސް ނަޝީދު މައުލޫމާތު ނުދެއްވަނީސް އަމިއްލަ ބަޔަކު ކުރާ ކަމަކަމަށް ރައީސް ނަޝީދު މައުލޫމާތު ދެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އަސްލަމާއި އަމީންގެ ރިޕޯޓުގެ އިތުރުން އެމްޑިޕީން ވެސް ރިޕޯޓެއް ނެރޭނެ އެ ދެބޭފުޅުން މިއަދު ވިދާޅުވި އެވެ. އަސްލަމް ވިދާޅުވީ އެމްޑީޕީގެ ރިޕޯޓް ލިޔުއްވުމުގެ މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ކަމަށެވެ.