ތިމާވެށީގެ ދުވަސް ފާހަގަ ކުރަން ފައިމަގުގައި އުޅެން ހާއްސަކުރި ވަގުތުތަކުގައި ހުއްދަ ނެތި ސައިކަލް ދުއްވި 37 މީހަކާމެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފި އެެވެ. ޖޫރިމަނާ ކޮށްފައި ވަނީ އައްޑޫ ސިޓީގައި ސައިކަލް ދުއްވި 19 މީހަކާއި މާލޭގައި ސައިކަލް ދުއްވި 18 މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިޔާ ކޯޑިނޭޓަރު މިއަދު ވިދާޅުވީ ހުއްދަ ނެތް ވެހިކަލް ދުއްވުން މަނާކޮށްފައި ވަނިކޮށް ސައިކަލް ދުއްވި މީހުން ޖޫރިމަނާކޮށްފައިވަނީ އެމީހުން ލައިސައިންސް ހިފެއްޓުމަށް ފަހު ޓްރާންސްޕޯޓް ގާނޫނޫގެ ދަށުން ކަމަށާއި އެ އެންމެން ޖޫރިމަނާކޮށްފައިވަނީ 750 ރ. އިން ކަމަށެވެ.

ފައިމަގުގައި އުޅޭ ވަގުތު ގައި ހުއްދަ ނެތި ވެހިކަލް ދުއްވައިގެން ބައެއް ފަރާތްތައް ޖޫރިމަނާ ކުރި ނަމަވެސް ފައިމަގުގައި ހިނގަން ކަނޑައެޅި ވަގުތުގައި އެކަމަށް ވަރަށް ބޮޑަށް ތަރުހީބެއް އާންމުން ވަނީ ދީފަ އެވެ.

ހުއްދަ ދޫކޮށްފައިވާ އުޅަނދު ފަހަރު ފިޔަވާ އެހެން އުޅަނދު ފަހަރު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި އިއްޔެ ހަމަ ޖައްސާފައިވަނީ އޮތީ ހަވީރު 4:00 ފެށިގެން ރޭ ގަނޑު 10:00 އަށެވެ.