09 Jun 2012, 13:02
މިސްކިތްތަކަށް އެހީވާން ފައިސާ ހޯދަން ގާއިމު ކުރި ފަންޑަށް އިއްޔެ އެކަނިވެސް އެއް މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށާއި އެހީވާނެ ފައިސާ ހޯދަން އިއްޔެ ފަންޑެއް ގާއިމުށް މާލޭގައި ހުކުރު ކުރާ މިސްކިތްތަކުގައި ފަންޑު ފޮށިތަކެއް ބެހެއްޓި އެވެ. މި ޕްރޮގްރާމުގައި އިއްޔެ އެއް މިލިޔަން ރުފިޔާ ލިބިފައިވާއިރު މިނިސްޓްރީން ބުނެފައި ވަނީ އެއް ހަފުތާ ވަންދެން "މިސްކިތުގެ ހަފުތާ"ގެ ނަމުގައި މި ޕްރޮގްރާމް ކުރިޔަށް ގެންދާނެ ކަމަށެވެ.
މިނިސްޓަރު މުހައްމަދު ޝަހީމް އަލި ސައީދު މިއަދު ވިދާޅުވީ ރޯދަ މަސް އައުމުގެ ކުރިން މިސްކިތްތައް މަރާމާތު ކުރަން ފައިސާ ހޭދަ ކުރުމުގައި އެހީތެރިވާން ހުޅުވާލި ފުރުސަތުގައި އާއްމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް އިއްޔެ ލިބިފައިވާ ކަމަށާއި މާލެއާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުން ގިނަ އަދަދެއްގެ ފައިސާ ފަންޑަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ.
މާލެއާ ހުޅުމާލެ އާއި ވިލިމާލޭގައި ހުކުރު ކުރާ 26 މިސްކިތުގައި ފަންޑު ފޮށި ބެހެއްޓި އެވެ.
މިނިސްޓަރު ވިދާޅުވީ ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވިފައިވާ ކަމަށާއި މިސްކިތުފަންޑަށް ހަދިޔާ ކުރާ ފައިސާ ޖަމާ ކުރާނީ ބޭންކް އޮފް މޯލްޑިވްސްގައި ގާއިމޮކޮށްފައިވާ އެކައުންޓަކަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގެ އިތުރަށް ރަށްރަށުގެ މިސްކިތަތްކުގައި ވެސް ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ފަންޑު ފޮށި ބެހެއްޓުމުގެ މަސައްކަތްތަށް ކައުންސިލްތަކާ ގުޅިގެން ފަށާފައިވާ ކަމަށާއި އިއްޔެ ލިބުނު ފައިސާއިން މިސްކިތްތަށް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި ފަށާނެ ކަމަށެވެ.
"އެ ފައިސާއިން ހަރަދު ކުރަން ނިންމާފައިވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކަށް. ރޯދަ އައުމުގެ ކުރިން މިސްކިތްތައް މަރާމާރުކުރާނެ. އަތޮޅުތަކުގެ ރައްޔިތުންނަށް ވެސް ބޭންކު މެދުވެރިކޮށް ފައިސާ ހަދިޔާކުރެވޭ ގޮތައް އެކައުންޓު ހުޅުވާފައި އެހުރީ،" ޝަހީމް ވިދާޅުވި އެވެ.
މާލެ އާއި އަތޮޅުތަކުގައި އަބަދުވެސް ކޮންމެ ރޯދަ މަހަކަށް މިސްކިތްތައް މަރާމާތު ކުރުމާއި އާ މިސްކިތް ހުޅުވުން އޮވެ އެވެ. މިސްކިތްތަކަށް ފައިސާ ޖަމާކުރަ އެކައުންޓް ނަމްބަރަކީ_ 014 099999 7799 އެވެ.