ދަރިން ވަކި މީހަކާ ނޫނީ ކައިވެނި ނުކުރުމަށް ނުވަތަ ވަކި މީހަކާ ކައިވެނިކުރުމަށް މަޖުބޫރު ކުރުމަކީ އޭޝިއާގެ ގައުމުތަކުގައި އާއްމު ކަމަކަށް ވިޔަސް ޔޫރަޕްގައި އެކަން އޮތީ އެހެން ނޫން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ނަމަވެސް ޔޫރަޕްގެ އަދި ދުނިޔޭގެ ވެސް ބޮޑު ބާރެއް ކަމަށްވާ އިނގިރޭސިވިލާތުގައި އެކަން މިހާރު ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. އެފަދަ ގޮތަކަށް އަމަލުކުރާ މީހުން ޖަލަށް ލެވޭ ފަދަ ގާނޫނުތަކެއް ހެދުމުގެ މަސައްކަތް އެ ގައުމުގައި ފަށާފައި ވަނީ އެހެންވެ އެވެ.

"ގަދަކަމުން ކައިވެނިކުރުވުމަކީ ބިރުހުރި ކަމެއް. އަދި އެކަން އެއީ ކުށަކަށް ހެދުމުން އެ ދެވެނީ ވަރުގަދަ މެސެޖެއް. އެއީ އެކަމަކީ ހަޖަމުކުރެވޭނެ ކަމެއް ނޫން ކަމުގެ މެސެޖް،" އިނގިރޭސި ހޯމް ސެކްރެޓަރީ ތެރޭސާ މޭ ވިދާޅުވި ކަމަށް ބީބީސީގައިވެ އެވެ.

އިނގިރޭސި ވިލާތުގައި ކޮންމެ އަހަރަކު 8000 އަންހެނުންނަށް ކައިވެނި ކުރުމަށް މަޖުބޫރުކުރާ ކަމަށް އަންދާޒާކުރެވިފަ އެވެ.

އިނގިރޭސިވިލާތުގައި ފާސްކުރުމަށް މަސައްކަތްކުރާ ގާނޫނުތަކުން ބަރުބޫރު ކައިވެންޏާއި އެރޭންޖް ކައިވެނި ވަކިކުރެވޭނެ އެވެ.

ކައިވެނިކުރުމަށް މަޖުބޫރުކުރުން މަނާކުރާ ގާނޫނުތައް އެކުލަވާލުމަށް އާއްމުންގެ ހިޔާލުހޯދުމުގެ މަސައްކަތް މިދިޔަ މާޗް މަހު އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ފެށީ އެ ގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އެކަމަށް އެދިވަޑައިގެންނެވުމުންނެވެ. ކެމެރަން ވިދާޅުވާ ގޮތުގައި ގަދަކަމުން ކައިވެނިކުރުވުމަކީ އަޅުވެތި ކުރުމަށް ވުރެ ވެސް ބޮޑުކަމެކެވެ.

ގަދަކަމުން ކައިވެނިކުރުވަން އުޅޭ ކަމުގެ ނިޝާންތައް ކުރިން ދެނެގަތުމަށް އެހީތެރިވެ ދިނުމަށް ސްކޫލްތަކަށާއި އެހެނިހެން އެޖެންސީތަކަށް އެހީތެރިވުމަށް 500،000 ޕައުންޑްގެ ބަޖެޓެއް އިނގިރޭސި ހޯމް އޮފީހުން ވަނީ އިއުލާންކޮށްފަ އެވެ.