09 Jun 2012, 12:10
ބަޣާވާތެއްގައި ބައިވެރިވެވަޑައިގަތް ކަން މިނިވަން ތަހުގީގަކުން ހާމަވެއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ރާނީ، ކުއީން އެލިޒަބަތުގެ ރަނިކަަމުގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވަޑައިގެންނެވުމަށް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވެފައި ވަނީ ބަޣާވާތެއް ގެނައުމުގައި އެމަނިކުފާނު އެއްވެސް ދައުރެއް އަދާކުރައްވާފައިވާ ކަަމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީން ބުނެފި ނަމަ ޔަގީނުން ވެސް އިސްތިއުފާ ދެއްވާނެ ކަމަށެވެ.
"ބަޣާވާތެއް ގެނައުމުގައި އަޅުގަނޑުގެ ދައުރެއް އޮތް ކަމަށް އެމީހުން (ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ) އިން ބުނެފި ނަމަ، ޔަގީނުން ވެސް އަޅުގަނޑު އިސްތިއުފާދޭނަން، އެކަަމަކު އަޅުގަނޑުގެ ދައުރެއް ނެތް ކަމަށް ވެއްޖެ ނަމަ، އެކަން ކުރީ އެހެން ކޮންމެވެސް މީހަކަށް ވެއްޖެ ނަމަ ރާއްޖޭގެ ގާނޫނުތައް އޮތް ގޮތުން އަޅުގަނޑު އިސްތިއުފާ ދޭކަށް ނުޖެހޭނެ "ރައީސް ވަހީދު ވިދާޅުވި ކަމަށް ބީބީސީގައި ވެއެވެ.
ބަޣާތެއް ގެނައުމުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންފައިވާ ކަަމަށް ކޮމިޝަނުގެ ތަހުގީގުން އެނގިއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ސާބިތުވެ، އެކަން ކުރީ އެހެން ބަޔަކުކަން ހާމަ ވެއްޖެ ނަމަަ އަމަލުކުރައްވާނެ ގޮތަކާ މެދު އެއްޗެއް ވިދާޅުވުމަށް ރައީސް ވަހީދު ދެކޮޅު ހެއްދެވި ކަމަށް ބީބީސީން ބުންޏެވެ.
އަވަސް އިންތިހާބެއް ނުބާއްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވާ ވިދާޅުވުން މިފަހަރުގެ އިންޓަވިއުގައި ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ. ވިދާޅުވެފައި ވަނީ އަވަސް އިންތިހާބެއް ބާއްވަން ރާއްޖޭގެ ގާނޫނު އަސާސީ ތަންނުދޭ ކަމަށެވެ.