ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަސްކަމަށްވާ، ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހަކީ މާކުރިން ވެސް މިގައުމަށް ގެންނަން ޖެހޭ ދުވަހެއް ކަމަށް ހޯމް މިނިސްޓަރު އަދި ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑީއާރްޕީ އިން ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަފުޅު ދައްކަވަމުން ޖަމީލު ވިދާޅުވީ ފެބުރުއަރީ 7 ވަނަ ދުވަސް ދިވެހި ރައްޔިތުން ދުށީ އުފަލާ އެކު ކަމަށާއި އެ ދުވަސް އަންނަން ޖެހުނީ ރައީސް ނަޝީދާއި އެމްޑީޕީގެ ސިޔާސަތުތައް ބޮއްސުންލައި ދިއުމުގެ ސަބަބުން ނަޝީދުގެ ވެރިކަން ނިމުމަކަށް އަންނާނީ ކޮން ދުވަހަކުންތޯ ރައްޔިތުން އިންތިޒާރުކޮށްގެން ތިއްބައި ކަމަށެވެ.

"ހަތެއް ފެބުރު އަރީ ގެންނަން ޖެހުނީ ރައީސް ނަޝިދާއި އެމްޑީޕީގެ ސިޔާސަތުތައް ބޮއްސުންލައި ކޮން ދުވަހަކުތޯ އެކަން ނިމުމަކަށް އަންނާނީ ދުއާ ދަންނަވައި އިހުތިޖާޖު ކުރަނިކޮށް، އެ ދުވަސް ރައްޔިތުންނާ ހަމައަށް އައީ. ރައްޔިތުން ގަބޫލް ކުރާނީ ހަތެއް ފެބުރުއަރީ އައީ މާލަހުންކަމަށް. އެއީ މާކުރިން ވެސް އަންނަން ވެފައި އޮތްދުވަހެއް،" ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަތެއް ފެބުރުއަރީ ގެނައުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކީ ފަހުރުވެރި ގާޒީން ކަމަށާއި އެއީ އެއްގޮތަކަށް ވެސް އެމްޑީޕީން އެބުނާ ފަދަ ބާޣީންނެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް ނަޝީދަށް ވަރށް ބޮޑަށް ފާޑުވިދާޅުވަމުން ޖަމީލު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީ އެއްފަރާތް ކުރުމަށް ފަހު ގާނޫނުތައް އެއްކިބާކޮށް މީހުން ރަހީނުކޮށް ނިޒާމުގެ ތެރެއިން ގެއްލުވާލައި ރައްޔިތުންގެ މަޖިލިސް ހިސާރުކޮށް ތަކެތީގެ އަގުބޮޑުކޮށް ރައްޔިތުން މުޅިން އިނދަޖައްސާލި ކަމަށެވެ.

"(ނަޝީދުގެ) ވެރިކަން ނިމުމަށް ފަހު އަށެއް ފެބުރުއަރީގައި ރާއްޖޭގެ ކަންކޮޅުގައި ހިންގި ޖަރީމާއަކީ ދިވެހި ރާއްޖޭގެ ހައިސިއްޔަތުން ހިންގި ގަތުލު އާއްމެއް އެއީ. އެއީގަތުލު އާއްމެއް. އެކަން އެންމެ ބޮޑަށް ހިންގަފައި މިއޮތީ އައްޑު އަތޮޅުގައި،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ 183 މިލިއަން ރުފިޔާގެ ގެއްލުން ފެބުރުއަރީ އަށް ވަނަ ދުވަހު ދިވެހި ގައުމަށް ދީފައިވާ ކަމަށެވެ.