09 Jun 2012, 10:19
ރ. އަތޮޅު މަޑުއްވަރީން ވަދާނުކުމެ އުޅުނު ބަޔަކު ވެސް މާވަހަރެއް ހޮވައިފި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މާވަހަރު ފެންނަމުންދާ ދުވަސްވަރެއްގައި މަޑުއްވަރީ މީހުން ނެގި މާވަހަރު މިދޔަ ބުރާސްފަތި ދުވަހު ނެގީ ވަދު މަސްވެރިކަމަށް ނުކުމެ އުޅުމުގެ ތެރޭގައި މަޑުއްވަރީއާ މާދުރު ނޫން ހިސާބެއްގެ ފަރެއް ކައިރިން ކަމަށް އެ މާވަހަރު ހޮވި މީހުން ބުންޏެވެ.
މާވަހަރު ނެގި ޑިންގީގައި އެ ދުވަހު މަހަށް ނުކުތް މަޑުއްވަރީ، އަލިވާގޭ އަހުމަދު މުހައްމަދު މިއަދު ބުނީ ވަދާނުކުމެ އުޅެނިކޮށް ފެނުނު މާވަހަރުގައި 6.5 ކިލޯ ހުރި ކަމަށާއި މާވަހަރުން ބައި އަޅަން ޖެހެނީ ހަތް މީހަކަށް ކަމަށެވެ.
"އަޅުގަނޑުމެން ވަދާ ނުކުމެ އުޅެނިކޮށް މަޑުއްވަރީއާ މާދުރު ނޫން ހިސާބެއްގެ ފަރެއްގެ ކައިރިން މާވަހަރު ފެނުނީ ބުރާސްފަތި ދުވަހު 11 ޖަހާ އެހާކަންހާއިރު. މާވަހަރު މިހާރު އޮތީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި. އެ ޓެސްޓް ވެސްކޮށްފިން. ކަމާ ގުޅޭ ތަޖުރިބާ ހުރި ބޭފުޅުން ޔަގީންކަން އެބަދޭ މާވަހަރެއް ކަމަށް." އަހުމަދު ބުންޏެވެ.
އަހުމަދު ބުނީ އެ މީހުން ނަށް ލައްވި ނަސީބުގެ މާވަހަރު ވިއްކާލުމަށް މާލެ ދިއުމަށްޓަކައި މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި މާވަހަރު ހިފައިގެން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މާލެ އާދެވޭނެ ކަމަށެވެ.
މާވަހަރު ވިއްކާލުމަށް ފަހު ލިބޭ ފައިސާ ބެހުމާ ގުޅޭ ގޮތުން އަހުމަދު ބުނީ ފައިސާ ބަހާނެ ގޮތަކާ މެދު އަދި ވަކިގޮތެއް ނުނިނިންމާ ކަމަށާއި ހަތް މީހުންނަށް ފެންނަ ރަނގަޅު ގޮތަކަށް ބެހުމުގެ މަސައްކަތް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.
"މާވަހަރު ބެހުމާ މެދު އަދި ވަކި ގޮތެއް ނުނިންމަން. އަހަރެމެން މާވަހަރު ނެގުމުގައި ބައިވެރިވާ ހަތް މީހުންނަށް ފެންނަ ރަނގަޅު ގޮތަކަށް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ހުދު ކުލައިގައި އޮތް މާވަހަރާ ބެހޭ ގޮތުން އަހުމަދު ބުންޏެވެ.
މަޑުއްވަރީ މީހުން ހޮވި މާވަހަރަށް ވެސް ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެވެ.
ދުވާފަރުން ފާނައިގެ މަސްވެރިކަމަށް ނުކުތް ދޯންޏަކުން މިދިޔަ މަހު އަށް ކިލޯގެ މާވަހަރެއް ވަނީ ހޮވައިފަ އެވެ. އަދި ނައިފަރު ނަސްރު ނަމަކަށް ކިޔާ ކަންނެލި ދޯންޏެއް ވެސް ވަނީ 20 ކިލޯ އަށް ވުރެ ބަރުދަން ހުންނަ ހުދަންބަރު މާވަހަރެއް ހޮވައިފަ އެވެ. އަދި އެ މާވަހަރު ބަހާނެ ގޮތަކާ މެދު ކެޔޮޅާއި އޮޑިވެރިމީހާ ދެބަސްވުމުން މައްސަލަ ކޯޓަށް ވަނީ ވައްދައިފަ އެވެ. އޭގެ އިތުރަށް ފ. އަތޮޅު ހިމިތިން ހޮވި މާވަހަރެއްގެ މައްސަލަ މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ސިވިލް ކޯޓަށް ވައްދައިފަ އެވެ.