ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި އިތުރަށް އިމާރާތްކުރުމަށް އިސްރާއީލުން ޕްލޭންކޮށްފައިވާ 850ގެ އެޅުމުގެ މަޝްރޫއު ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އިން ގޮވާލައިފި އެވެ. އެ ޖަމާއަތުން ބުނީ އެއީ މެދުއިރުމަތީގެ ސުލްހަައިގެ ވާހަކަތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކެތަރިން އެޝްޓަން ވިދާޅުވީ ހުޅަނގު އައްސޭރީގައި ގެތައް އެޅުމަށް ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ދިއުމަށް އިސްރާއީލް ސަރުކާރުން ނިންމާފައިވާ ނިންމުން އެކަމަނާ ކުށްވެރިކުރައްވާ ކަމަށެވެ.
"އެފަދަ ކަމެއް ކޮށްފި ނަމަ، ދެ ދައުލަތް އޮންނަ ގޮތަށް ސުލްހަ ގެނައުމަށް ކުރާ މަސައްކަތް ކާމިޔާބުވުން ވާނީ އެއްގޮތަކަށް ވެސް ނުވާނެ ކަމަކަށް،" ކެތަރިން ވިދާޅުވެފައިވެ އެވެ.

ހުޅަނގު އައްސޭރީގައި ހަދާފައިވާ އާބާދީގައި އިތުރު ހައުސިން ޔުނިޓްތައް އިމާރާތްކުރާނެ ކަމަށް އިސްރާއީލް ސަރުކާރުން ވަނީ މިިދިޔަ ބުދަ ދުވަހު ބުނެފަ އެވެ. އިސްރާއީލު ސަރުކާރުން އެކަން ހާމަކުރީ ފަލަސްތީނު މީހެއްގެ އަމިއްލަ ބިމެއްގައި ހަދާފައިވާ އިމާރާތެއް ތަޅާލުން ހުއްޓުވުމަށް ހަރުކަށި ބައެއް ޕާލަމެންޓް މެމްބަރުން ހުށައެޅި ހުށައެޅުމަކަށް ޕާލަމެންޓުން ނޫނެކޭ ބުނެފައިވާ ވަގުތެއްގަ އެވެ. އެ އިމާރާތަކީ ގަވައިދާ ހިލާފަށް ބިނާކޮށްފައިވާ އިމާރާތެއް ކަމަށް އިސްރާއީލުގެ ސްޕްރީމްކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މުސްތަގުބަލުގައި އުފެއްދުމަށް ފަލަސްތީނު މީހުން އުއްމީދުކުރާ އެމީހުންގެ މިނިވަން ދައުލަތުގެ ބިންތަކުގައި އިސްރާއީލުން އާބާދީތައް ހެދުން ހުއްޓާ ނުލަނީސް ސުލްހައިގެ ވާހަކަތައް އިތުރަށް ކުރިއަށް ނުގެންދާނެ ކަމަށް ފަލަސްތީނުން ވަނީ ބުނެފަ އެވެ. ( އެސޯސިއޭޓެޑް ޕްރެސް)