22 Apr 2024, 00:21
ޓެލްއަވީވު (21 އެޕްރީލް 2024): ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާ އާ ގައުމުތަކުގެ ރައީސުންނާ ބައްދަލުކުރައްވާ ފެންވަރުގައި ތުރުކީގެ ރިޔާސީ ގަނޑުވަރުގައި ބައްދަލުކުރެއްވުމުން އެމެރިކާއާއި އިސްރާއީލު ވަރަށް ބޮޑަށް ރުޅި ގަދަވެ އުރުދުޣާންއަށް ފާޑުކިޔައިފިއެވެ.
އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވީ އުރުދުޣާން ޓެރަރިސްޓް ޖަމާއަތެއްގެ އިސްވެރިއަކާ ބައްދަލުކުރެއްވުމަކީ"ތަހުޒީބު" ދުނިޔެ ގަބޫލު ކުރާނެކަމެއް ނޫންކަމުގައެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔިސްހާގް ކާޓްސް ބުނީ ހަމާސް ޖަމާއަތަކީ އައިއެސް ޖަމާއަތްފަދަ ޓެރަރިސްޓް ޖަމާއަތެއްކަމަށާ އެފަދަ ނުރައްކާތެރި އަދި އަނިޔާވެރި ޖަމާއަތެއްގެ އިސްލީޑަރާ ފާޅުކަންބޮޑު ގޮތެއްގައި އުރުދުޣާން ބައްދަލުކުރެއްވުމަކީ އިސްރާއީލުގެ އިތުރުން ބައިނަލްއަގްވާމީ ދުނިޔެއަށްވެސް ގޮންޖެހުން ކަމުގައެވެ.
ތުރުކީގެ ބައެއް ނޫސްތަކުންވަނީ ހުޅަނގުން އިސްރާއީލުގެ ޓެރަރިޒަމަށް އެހީތެރިވުމަކީ އަދި ބައިނަލްއަގްވާމީ ގާނޫނުތައް މުގުރާލަން ހިއްވަރު ދިނުމަކީ ހުޅަނގުގެ ތަހުޒީބުކަން ތޯ ސުވާލު އުފައްދާފައެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރުވަނީ އުރުދުޣާން ހަނިއްޔާ އާ ބައްދަލުކުރައްވައި ގައުމެއްގެ ރައީސެއްގެ ޝަރަފު އޭނާއަށް ދެއްވުމަކީ އިސްރާއީލާ އަދި ސުލްހައަށް ލޯބިކުރާ ގައުމުތަކުގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނު ކަމެއްކަމަށް ސިފަކޮށްފައެވެ.

ހަމާސް އާއި ތުރުކީގެ އިސްވެެރިންނާއެކު އުރުދުޣާން އާއި ހަނިއްޔާ ބައްދަލުކުރައްވަނީ
މިމައްސަލާގައި އިސްރާއީލުގެ ޚާރިޖީ ވުޒާރާއިންވަނީ ތުރުކީ ސަރުކާރަށް އިހްތިޖާޖް ގެ ސިޓީއެއް ފޮނުވާފައެވެ. އިސްރާއީލުގައި ތުރުކީގެ ސަފީރަކު ނުހުންނަވާތީ ސަފީރު ހާޒިރުކޮށްގެން ތުރުކީއަށް އިހްތިޖާޖް ކުރުމުގެ ފުރުސަތު އިސްރާއީލަކަށް ނެތެވެ. ނަމަވެސް ތުރުކީއާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އިސްރާއީލުންވަނީ ދީފައެވެ.
އިސްރާއީލަކީ އެގައުމުގެ ބިމުގެ މިލްކުވެރިކަމާމެދުވެސް ސުވާލު އުފެދިފައިވާ އަދި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާ ކަމަށް ތުހުމަތު ކުރެވިފައިވާ އެކަހެރި ޓެރަރިސްޓް ގައުމަކަށްވާތީ ތުރުކީ ފަދަ އުފެއްދުންތެރި ބޮޑު ގައުމަކާ ދެކޮޅަށް އިސްރާއީލު އަޅާ ފިޔަވަޅަކުން ތުރުކީއަށް ކުރާނެ މާބޮޑު އަސަރެއް ނޯންނާނެކަމަށް ތުރުކީގެ މީޑިއާ ބުނެއެވެ.
އަދި ތުރުކީއަކީ ނޭޓޯގެ ގައުމަކަށްވާތީ އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވާ ޔޫރަޕަށްވެސް އަދި އެމެރިކާއަށްވެސް ތުރުކީއާ ދެކޮޅަށް ފިޔަވަޅެއް އަޅަން ނުކެރޭނެކަމަށް ތުރުކީ ދެކެއެވެ.
ތުރުކީ ދާދިފަހުންވަނީ އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގަތުލުއާންމުތަކުގެ ސަބަބުން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ބައެއް ފިޔަވަޅުތައް އަޅާފައެވެ. މީގެތެރޭގައި އިސްރާއީލަށް އެންމެ ބޮޑަށް ބޭނުންވާ 54 ބާވަތެއްގެ ތަކެތި އިސްރާއީލަށް ވިއްކުން މަނާކުރުމާއި އެނޫންވެސް އިގްތިސާދީ ބައެއް ފިޔަވަޅުތައް ހިމެނެއެވެ.
މިފިޔަވަޅުތަކާ ގުޅިގެން އިސްރާއީލުވަނީ ކަންބޮޑުވުން ފާޅުކޮށް ތިންވަނަ ގައުމެއް މެދުވެރިކޮށް ނުސީދާ ގޮތުން ތުރުކީން މިތަކެތި ގައުމަށް މަސައްކަތްކުރަމުން ގެންދާކަން ހާމަކޮށްފައެވެ. މިގޮތަށް ތިންވަނަ ފަރާތެއް މެދުވެރިކޮށް ތަކެތި ގަންނައިރު އެތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވުމަކީ އިސްރާއީލަށް ބޮޑު މައްސަލައަކަށްވަނީ ވެފައެވެ. އިސްރާއީލުންވަނީ ފާއިތުވި 6 މަސްތެރޭގައި ޣައްޒާގެ އާންމުންގެ 34 ހާސް މީހުން ޝަހީދުކޮށް ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑާލައި ޣައްޒާގެ އާންމުން ބަނޑަށް ޖެއްސުމުގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައެވެ.
އުރުދުޣާންވަނީ ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއީލް ހަނިއްޔާ އާ އޭނާގެ ގަނޑުވަރުގައި ވަރަށް ޝާރަފުވެރިކަމާއެކު ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ހަމާސްގެ ބައެއް އިސްވެރިންނާއި ތުރުކީގެ ޚާރިޖީ ވަޒީރާއި އެނޫންވެސް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިބައްދަލުކުރެއްވުމަށްފަހު އުރުދުޣާންވަނީ ހަމާސް ޖަމާއަތަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ އަދި ޓެރަރިޒަމާ ދެކޮޅަށް މިނިވަންކަމުގެ ވަރުގަދަ ޖިހާދެއްކުރާ ހިއްވަރު ގަދަ ޖަމާއަތެއްކަމަށް ސިފަކުރައްވާފައެވެ. އަދި އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމުގެ ހައްގު ހަމާސް އަށް އޮންނާނެކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.
އިސްރާއީލު ދާދިފަހުންވަނީ ޣައްޒާގައި ހިންގާ ގަތުލުއާންމު ތަކުގެ ތެރެއިން ވަރުގަދަ ޓެރަރިސްޓް ހަމަލާއެއްދީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ ތިން ދަރިންނާއި ތިން ކާފަ ދަރިންނާއެކު ޖުމްލަ 6 ދަރިން ޝަހީދުކޮށްލާފައެވެ. މި ހިތާމައާ ގުޅިގެން އިސްލާމީ އެތަށް ގައުމަކުންވަނީ ހަނިއްޔާއަށް ތައުޒިޔާ ކިޔާފައެވެ.
ހަނިއްޔާއަށް ތައުޒިޔާ ވިދާޅުވި އިސްލާމީ ލީޑަރުންގެ ތެރޭގައި އުރުދުޣާން އާއި ގަތަރުގެ އަމީރު ތަމީމް އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އާއި އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާއި އީރާނުގެ ދީނީ މުރުޝިދު އަދި ރޫޙީ ލީޑަރު އާޔަތުﷲ އަލީ ޚަމަނާއި ހިމެނިވަޑައިގަންނަވައެވެ. އެމެރިކާގެ ބިރު ދެއްކުންތަކާ ގުޅިގެން ހަމާސް ޖަމާއަތަށް އެކި ގޮތްގޮތުން އެހީތެރިވާން ކެރެނީ އެންމެ ތިން ގައުމަކަށެވެ. އެއީ އީރާން، ގަތަރު އަދި ތުރުކީއެވެ.