Last Updated:
2 year 7 month ago

ވިހިސައުވީސް: ސުޕަ މެޖޯރިޓީ ސަރުކާރަށް

    ބުލޮގު ޚުލާސާ

    މިއީ ރައްޔިތުންގެ މަޖިލީސް އިންތިޚާބު 2024ގެ އެންމެ ފަހުގެ އަދާހަމަތައް ގެނެސްދޭ ލައިވް ބްލޮގެވެ.

    މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވަން ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00އިން ފެށިގެން ހަވީރު 5:30 އާ ހަމައަށް ކުރިއަށްގެންދަން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ލަފާގެ މަތިން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ނިންމައިފައެވެ.

    މުޅި ރާއްޖޭގައި މިއަދު ކުރިއަށްދާ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

    މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 284,663 މީހަކަށް ލިބެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ގައުމުތައް ހިމެނޭގޮތަށް މި އިންތިޚާބުގައި ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

    އީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިއަދުގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރި ނަމަވެސް ވޯޓުލާ ވަގުތު މިހާރު ކަނޑައެޅިފައިވާ ވަގުތަށްވުރެ އިތުރެއް ނުކުރާނެއެވެ.

    އެންމެ ފަހުން އޭޕްރީލް 6، 2019ގައި ބޭއްވި މަޖިލީސް އިންތިޚާބުގައި ވޯޓުލާން ނުކުމެފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 81.32 އިންސައްތަ މީހުންނެވެ. އެއީ، 215,053 މީހުންނެވެ.

    21:16

    މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ކާމިޔާބުކޮށްފި

    ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން މިއަދު ކާމިޔާބުކޮށްފި.

    ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވަން މިއަދު ބޭއްވި އިންތިޚާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައި. ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރީއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށް. އަދި، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރި.

    ވަގުތީ ނަތީޖާތައް ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ 60 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި. އެއީ، މަޖިލީހުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި.

    ރައީސް މުއިއްޒު: ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކާމިޔާބުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
    21:03

    ގާސިމް ގޮނޑި ދިފާއުކުރެއްވީއިރު، ނަހުލާއަށް ނާކާމިޔާބީ

    ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްރޫއު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ދިފާއުކުރައްވައިފި.

    ވަގުތީ ނަތީޖާ ދައްކާ ގޮތުން ގާސިމް ވަނީ މާމިގިލީ ދާއިރާގެ ގޮނޑި ދިފާއުކުރައްވައިފައި. އެކަމަކު، ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރެއްވި ގާސިމްގެ އަނބިކަނބަލުން އަދި ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ނާކާމިޔާބުވެފައި.

    ހުޅުމާލޭ ދެކުނު ދާއިރާގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަހުލާއަށް ލިބިފައިވަނީ 178 ވޯޓު. އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޑރ. އަހުމަދު ޝަމްހީދަށް 811 ވޯޓު ވަނީ ލިބިފައި. އެހެންވެ، މިހާތަނަށް ލިބިފައިވާ ނަތީޖާއިން ފެންނަ ގޮތުގައި ޝަމްހީދު އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާނެ.

    ގާސިމް އިބްރާޙިމް އަދި ނަހުލާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
    20:42

    ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެ ދަރިކަލުން ދުންޔާ މައުމޫނާއި ފާރިސް މައުމޫން ނާކާމިޔާބުވެއްޖެ

    އެ އިންތިޚާބުގައި ދުންޔާ ވާދަކުރެއްވީ ހުޅުމާލޭ ދެކުނަށް ކަމަށްވާއިރު، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް ވާދަކުރެއްވީ މައްޗަންގޯޅި އުތުރު ދާއިރާއަށް

    20:32

    އެމްޑީޕީއަށް އައްޑޫ ވެސް ގެއްލިއްޖެ

    އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ އައްޑޫ ސިޓީގެ ގިނަ ގޮނޑިތައް ވެސް ޕީއެންސީގެ ކެންޑިޑޭޓުން ކަށަވަރުކޮށްފި.

    މީގެ ކުރިން އައްޑޫން ބޮޑު މެޖޯރިޓީއެއް ނަގަނީ އެމްޑީޕީން. އެކަމަކު، މި ފަހަރު އައްޑޫ މެޖޯރިޓީ ނަގާފައިވަނީ ޕީއެންސީން.

    20:23

    ބޮންޑޭ ބަލިކޮށް އަސްމާއްތަ ވެސް ގޮނޑި ކާމިޔާބުކޮށްފި

    ކުރީގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) ވެސް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރުކަން ކާމިޔާބުކޮށްފި.

    ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާތަނަށް އަސްމާއްތަ ވަނީ 1،599 ވޯޓު ކާމިޔާބުކުރައްވާފައި.

    އޭނާއާ ދެން ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު އާމިރަށް ލިބިފައިވަނީ 351 ވޯޓު. މިހާރު އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް މިހާތަނަށް ލިބިފައިވަނީ 111 ވޯޓު.

    20:16

    އަދުރޭ ވެސް އެނބުރި މަޖިލީހަށް

    ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވެސް މަޖިލީސް ގޮނޑި ކާމިޔާބުކުރައްވައިފި.

    ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަދުރޭ ވާދަކުރައްވާފައިވަނީ 2014 ވަނަ އަހަރު ވެސް އޭނާ މެންބަރުކަން ކުރެއްވި ލ. ފޮނަދޫ ދާއިރާއަށް.

    ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އަދުރޭ ވަނީ 1،278 ވޯޓު ކާމިޔާބުކުރައްވާފައި.

    އޭނާއާ ދެން ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ހުސައިން އަބޫބަކުރަށް ލިބިފައިވަނީ 236 ވޯޓު.

    އަބްދުއްރަހީމް --- ފޮޓޯ: ޕީޕީއެމް
    20:08

    މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ކާމިޔާބުކޮށްފި

    މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފި.

    ގިނަ ދާއިރާތަކެއްގެ ގޮނޑިތައް އެ ޕާޓީން ވަނީ ކަށަވަރުކޮށްފައި.

    20:02

    މަޖިލީހުގެ ކުރީގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ބަލި ގަބޫލުކުރައްވައި، އެމްޑީޕީން އޭނާއާ ވާދަކުރެއްވި މުހައްމަދު އިބްރާހިމް (ކުޑޫ)އަށް މަރުހަބާ ވިދާޅުވެއްޖެ

    19:58

    އިނގުރައިދޫ ދާއިރާގެ ގޮނޑިއަށް އަނެއްކާ ވެސް ފަލާހު

    މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ގޮނޑި އަނެއްކާ ވެސް އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހް ކާމިޔާބުކުރައްވައިފި.

    ވަގުތީ ނަތީޖާދައްކާ ގޮތުން އޭނާ ވަނީ 1،400 އަށްވުރެ ގިނަ ވޯޓު ކާމިޔާބުކުރައްވާފައި. އެއާ އެކު އެ ދާއިރާގެ ގޮނޑި އޭނާއަށް ވަނީ ކަށަވަރުވެފައި.

    ފަލާހް ވާދަކުރައްވާފައިވަނީ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި.

    އޭނާ ވަނީ 2014 ވަނަ އަހަރު ވެސް އެ ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވެފައި.

    މެންބަރު ފަލާހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
    19:49

    ފަސްވަނަ ދައުރަކަށް ސިޔާމް ގޮނޑި ދިފާއުކުރައްވައިފި

    ރައްޔިތުންގެ މަޖިލީހުގެ ފަސްވަނަ ދައުރަކަށް ދ. މީދޫ ދާއިރާގެ ގޮނޑި މިހާރު ވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވާ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ދިފާއުކުރައްވައިފި.

    އެ މަނިކުފާނު ވަނީ މިހާތަނަށް ގުނުނު އަށް ފޮށިން 1،032 ވޯޓު ކާމިޔާބުކުރައްވާފައި.

    އެ މަނިކުފާނާ ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އިލްޔާސް އިސްމާއިލް ލަތީފަށް ލިބުނީ 214 ވޯޓު. އަދި، އަމިއްލަ ކެންޑިޑޭޓު އަލީ ރަޝީދަށް ލިބިފައިވަނީ 200 ވޯޓު.

    މިއީ ސިޔާމް މަޖިލީހުގެ ގޮނޑި ދިފާއުކުރައްވާ ފަސްވަނަ ފަހަރު.

    އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު: އެ މަނިކުފާނު ވަނީ ގޮނޑި ކަށަވަރުކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް
    19:39

    ބާރަށު ދާއިރާގެ ގޮނޑިއަށް އަނެއްކާ ވެސް ޝުޖާ

    ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު މި ފަހަރު ވެސް އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައިފި.

    ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާތަނަށް ގުނުނު ފަސް ފޮށިން އޭނާ ވަނީ 1،117 ވޯޓު ކާމިޔާބުކުރައްވާފައި.

    އޭނާއާ ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަލީ އަސްގަރަށް ލިބިފައިވަނީ 299 ވޯޓު.

    އެހެންވެ، ބޮޑު ތަފާތަކުން ޝުޖާ އިންތިޚާބު ކާމިޔާބުކުރައްވާފައިވާ ކަމަށް ވަގުތީ ނަތީޖާއިން ވަނީ ދައްކާފައި. އޭނާއަކީ 2014 ވަނަ އަހަރު ވެސް އެ ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވި ކެންޑިޑޭޓު. މި ފަހަރު އޭނާ ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގައި.

    ޝުޖާ -- ފޮޓޯ / ރައްޔިތުން މަޖިލީސް
    19:02

    މިހާތަނަށް ލިބިފައިވާ ނަތީޖާއިން ދައްކާ ގޮތުގައި ގިނަ ދާއިރާތަކުން ކުރީގައި އުޅުއްވަނީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުން

    18:26

    ވޯޓު ގުނަން ފަށައިފި

    މަޖިލީސް އިންތިޚާބު 2024ގެ ވޯޓު ގުނަން ފަށައިފި.

    މަޖިލީސް އިންތިޚާބުގެ ވޯޓުގުނުން ކުރިއަށް ދަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް
    17:41

    5 ޖެހުމާ ހަމައަށް ވޯޓުލީ 207،693 މީހުން

    ފަހެއް ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 207،693 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި.

    އީސީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ފަހެއް ޖެހުމާ ހަމައަށް 72.96 އިންސައްތަ މީހުން ވަނީ ވޯޓުލާފައި.

    އެހާތަނަށް ވޯޓުނުލައި 76،970 މީހުން އެބަތިބި.

    ވޯޓު ކިއޫތައް ބަންދުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
    17:31

    ވަގުތު ހަމަވުމާ އެކު ވޯޓު ފޮށިތަކުގެ ކިއު ބަންދުކޮށްފި

    ވޯޓުލާން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ވަގުތު ހަމަވުމާ އެކު ވޯޓު ފޮށިތަކުގެ ކިއު ބަންދުކޮށްފި.

    ވޯޓުލާން ކަނޑައަޅާފައިވަނީ ހެނދުނު 8:00 އިން ފެށިގެން 5:30 އާ ހަމައަށް.

    16:50

    ގަޑިއެއްހާއިރަށް ވީއިރު ވޯޓުނުލައި އެއް ލައްކައަށްވުރެ ގިނަ މީހުން

    ވޯޓުލާ ކިއޫތައް ބަންދުކުރަން ގަޑިއެއްހާއިރަށްވީއިރު އަދިވެސް ވޯޓުނުލައި އެއް ލައްކައަށް ވުރެ ގިނަ މީހުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި.

    އީސީން ބުނި ގޮތުގައި 4:00 އާ ހަމައަށް ވޯޓުލާފައިވަނީ 181،406 މީހުން. އެއީ، ވޯޓުލާ އާބާދީގެ 63.73 އިންސައްތަ.

    އަދިވެސް ވޯޓުނުލައި 103،257 މީހުން އެބަތިބި. އެއީ، ޖުމުލަ ވޯޓުލެވޭ މީހުންގެ 36.27 އިންސައްތަ މީހުން.

    އެންމެ ގިނައިން ވޯޓުލާފައިވަނީ ފިރިހެނުން. މިހާތަނަށް 91،176 ފިރިހެނުން ވަނީ ވޯޓުލާފައި. އެހާތަނަށް ވޯޓުލާފައިވަނީ 88،230 އަންހެނުން.

    މީހަކު ވޯޓު ލަނީ: މިހާތަނަށް ވޯޓުލާފައިވަނީ 63.73 އިންސައްތަ މީހުން -- ސަން ފޮޓޯ/ މޫސާ ނަދީމް
    15:49

    މިއަދު 15:00އާ ހަމައަށް 56.26 ޕަސެންޓް މީހުން ވޯޓުލައިފި. އެއީ 160،158 މީހުން.

    ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 77،227 އަންހެނުންނާއި 82،931 ފިރިހެނުން.

    ވޯޓުލެވޭ އާބާދީގެ 284،663 މީހުންގެ ތެރެއިން 124،505 މިހާތަނަށް ވޯޓުލާފައި ނުވޭ.

    15:40
    ކުރީގެ ރައީސް ޔާމީން ވޯޓުލައްވަން ވަޑައިގަތުން -- ސަން ފޮޓޯ/ މޫސާ ނަދީމް
    15:35

    ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓުލާން ވަޑައިގަތުމަށް ފަހު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި އިންތިޚާބަށް ''ކަޑަ ޖަހަން'' އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް.

    މި ސަރުކާރާއި ނިމިދިޔަ ސަރުކާރުން ވެސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްތައް ކުރި ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވި.

    15:21

    އިންތިޚާބުގެ ކަންކަމާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި

    މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި.

    އެއީ، ވޯޓު ކަރުދާސް ދެއްކުމާ ގުޅިގެން މާލެއިން ހައްޔަރުކުރި އެކަކު. އަދި، ވޯޓުލުމަށް ހުރަސްއަޅައި، ވޯޓުލައި މަރުކަޒުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި ގދ. ފިޔޯރީން ދެ މީހުން.

    15:04

    އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމުކޮށްފައިވާ ގޮތުގައި މިއަދު 14:00 އާ ހަމައަށް ޖުމްލަ 148,894 މީހުން ވަނީ ވޯޓުލައިފަ.

    އެއީ 52.31 ޕަސެންޓު.

    ވޯޓުލައިފައިވަނީ 70،896 އަންހެނުންނާއި، 77,998 ފިރިހެނުން.

    މިހާތަނަށް އަދި ވޯޓު ނުލައި 135,769 މީހުން އެބަތިބި.

    މަޖިލިސް އިންތިޚާބުގައި މީހަކު ވޯޓުލަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް
    13:51

    ވޯޓުލީ މީހުންގެ އަދަދު އެއް ލައްކައަށް

    މެންދުރުފަހު 13:00އާ ހަމައަށް ވޯޓުލީ މީހުންގެ އަދަދު 113،627އަށް އަރައިފި. އެއީ ވޯޓުލެވޭ އާބާދީގެ 39.92 ޕަސެންޓް.

    މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 51،976 އަންހެނުންނާއި 61،651 ފިރިހެނުން.

    ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 284،663އަށް އަރާއިރު، މިހާތަނަށް 171،036 ވޯޓުނުލާ.

    13:42

    ވޯޓުލެއްވުމަށް ފަހު ނައިބު ރައީސް ވިދާޅުވީ ސަރުކާރަށް ކާމިޔާބުވާނެ ކަމަށް

    ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް މިއަދު ކުރިއަށްދާ މަޖިލީސް އިންތިޚާބުގައި ވޯޓުލައްވައިފި.

    ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ނައިބު ރައީސް ހުސައިން ވިދާޅުވީ، ސަރުކާރަށް ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް.

    ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ގައުމުގެ ހަމަޖެހުމާއި ސުލްހައަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައި.

    ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވޯޓުލައްވަނީ: އޭނާ ވިދާޅުވީ ސަރުކާރަށް އިންތިޚާބު ކާމިޔާބުކުރެއްވޭނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
    13:05

    މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވެސް ވޯޓުލައްވައިފި.

    މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވޯޓުލެއްވުން -- ސަން ފޮޓޯ/ މޫސާ ނަދީމް
    12:54


    އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމުކޮށްފައިވާ ގޮތުގައި މިއަދު 12:00 އާ ހަމައަށް ޖުމްލަ 93,224 މީހުން ވަނީ ވޯޓުލައިފަ.

    އެއީ 32..75 ޕަސެންޓު މީހުން.

    ވޯޓުލައިފައިވަނީ 41,980 އަންހެނުންނާއި، 51,244 ފިރިހެނުން.

    މިހާތަނަށް އަދި ވޯޓު ނުލައި 191،439 މީހުން އެބަތިބި.

    12:53

    ކުރީގެ ރައީސް މައުމޫން ވެސް ވޯޓުލައްވައިފި

    ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލައްވައިފި.

    އެ މަނިކުފާނު ވޯޓުލެއްވުމަށް ފަހުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަލްޓި ޕާޓީ ޑިމޮކްރަސީގެ ނިޒާމު އިތުރަށް ހަރުދަނާވެ، ކުރިއަރަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި.

    ތިރީސް އަހަރު ވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވި މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަރިކަނބަލުން ދުންޔާ މައުމޫން ވެސް މި އިންތިޚާބުގައި ވާދަކުރޭ.

    ކުރީގެ ރައީސް މައުމޫން ވޯޓުލައްވަނީ: އެ މަނިކުފާނު ވަނީ ޑިމޮކްރަސީއަށް ކުރިއެރުން ލިބެން އެދޭ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މައުމޫން އެކްސް
    11:58

    އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވޯޓު ލައްވައިފި.

    ޝާހިދު ވޯޓުލެއްވީ މަޖީދިއްޔާ ސްކޫލުގައި

    11:46

    އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމުކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 11:00 އާ ހަމައަށް ޖުމްލަ 70،949 މީހުން ވަނީ ވޯޓުލައިފަ.

    އެއީ 24.92 ޕަސެންޓު މީހުން.

    ވޯޓުލައިފައިވަނީ 29،762 އަންހެނުންނާއި، 41،187 މީހުން.

    މިހާތަނަށް އަދި ވޯޓު ނުލައި 213،714 މީހުން އެބަތިބި.

    11:30

    11:25

    ވޯޓުލެއްވުމަށް ފަހު ނަޝީދު ވެސް އެދިވަޑައިގަތީ އެންމެން ނުކުމެ ވޯޓުލާން

    ކުރީގެ ރައީސް އަދި މި ހިނގާ 19 ވަނަ މަޖިލީހުގެ ބޮޑު ބައިގައި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި މުހައްމަދު ނަޝީދު ވެސް ވޯޓުލައްވައިފި.

    އެ މަނިކުފާނު ވޯޓުލައްވާފައިވަނީ އިސްކަންދަރު ސްކޫލުގައި ހުންނަ ފޮއްޓަށް.

    ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

    ވޯޓުލެއްވުމަށް ފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން ނަޝީދު ވެސް ވަނީ ވީހާ ވެސް ގިނަ ރައްޔިތުން ވޯޓުލާން ނުކުންނަން އެދިވަޑައިގެންފައި. އަދި، ޑިމޮކްރަސީގެ އެންމެ ބޮޑު އެއް ބާރު ކަމަށްވާ ގާނޫނު ހަދާ މަޖިލީސް އުފެއްދުމުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވާން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައި.

    ނަޝީދު ވިދާޅުވީ، އުންމީދު ކުރައްވަނީ ވީހާ ވެސް ގިނަ ރައްޔިތުން ނުކުމެ ވޯޓުލާނެ ކަމަށް ކަމުގައި.

    ކުރީގެ ރައީސް ނަޝީދު: އެ މަނިކުފާނު ވެސް ވަނީ ވީހާ ވެސް ގިނަ މީހުން ވޯޓުލާން އެދިވަޑައިގެންފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
    10:59

    ޞާލިޙް ވިދާޅުވީ އެމްޑީޕީއަށް މެޖޯރިޓީ ލިބޭތަން ފެނިވަޑައިގަންނަވާ ކަމަށް

    މި ފަހަރު ވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ސާފު މެޖޯރިޓީ ލިބޭތަން ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވި.

    ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މި ފަހަރު ވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް.

    "އަޅުގަނޑުމެންގެ އުންމީދަކީ މިއަދުގެ ވޯޓުލުން ނިމޭއިރު ރަނގަޅު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ލިބިގެންދިއުން. އެ ތަން މިއަދުގެ ވޯޓުލާއިރުއާއި ކެމްޕޭނުން ވެސް އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ،" އެ މަނިކުފާނު ވިދާޅުވި.

    ކުރީގެ ރައީސް ޞާލިޙް ވޯޓުލައްވަނީ: އެ މަނިކުފާނު ވަނީ މެޖޯރިޓީ ލިބޭތަން ފެންނަ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ އެމްޑީޕީ

    ޞާލިޙް ވަނީ ވީހާ ވެސް ގިނަ މީހުން ވީހާ ވެސް އަވަހަކަށް ވޯޓުލާން އެދިވަޑައިގެންފައި.

    މިދިޔަ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެން ޞާލިޙް ވިދާޅުވީ މިއަދުގެ ވޯޓުން އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި ހާއްސަކޮށް ބޮޑެތި ސިޓީތަކުގެ މެޖޯރިޓީ ހޯދޭނެ ކަމަށް.

    "އަޅުގަނޑަށް ފެނޭ ހަމަ ސާފު އަޣުލަބިއްޔަތު މި ފަހަރު ވެސް އިރާދަކުރެއްވިއްޔާ އެމްޑީޕީއަށް ލިބޭތަން. އަދި، ހާއްސަކޮށް ބޮޑެތި ސިޓީތަކުގެ އަޣުލަބިއްޔަތު ލިބޭތަން މާ ބޮޑަށް ވެސް އެބަފެނޭ. ކުދި ރަށްތަކުން ވެސް އެބަފެނޭ،" އެ މަނިކުފާނު ވިދާޅުވި.

    ކުރީގެ ރައީސް ޞާލިޙް، ނޫސްވެރިންނާ ވާހަކަދައްކަވަނީ: ވިދާޅުވީ، މެޖޯރިޓީ ލިބޭނެ ކަމަށް -- ފޮޓޯ/ އެމްޑީޕީ
    10:58

    10:00 އާ ހަމައަށް 47,296 މީހުން ވޯޓުލައިފި

    މިއަދު ހެނދުނު 10:00 އާ ހަމައަށް 47,296 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި.

    އީސީން އާންކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 10 އާ ހަމައަށް ވޯޓުލާފައިވަނީ 16.61 އިންސައްތަ މީހުން. އޭގެ ތެރޭގައި ގިނައީ ފިރިހެނުން. އެގޮތުން، 29,411 ފިރިހެނުން ވަނީ ވޯޓުލާފައި. އަދި، 17,885 އަންހެނުން ވަނީ އެހާތަނަށް ވޯޓުލާފައި.

    ހެނދުނު 10:00 އާ ހަމައަށް 83.39 އިންސައްތަ މީހުން ވޯޓެއް ނުލައި. އެއީ، 237,367 މީހުން.

    10:53

    ކުރީގެ ރައީސް ޞާލިޙް ވެސް ވޯޓުލައްވައިފި

    ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ޞާލިޙް ވެސް މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލައްވައިފި.

    އެ މަނިކުފާނު ވޯޓުލައްވާފައިވަނީ 10:30 ގައި ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓު ފޮއްޓަށް.

    ޞާލިޙްގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ 9:30 ގައި އަމީނިއްޔާ ސްކޫލުގައި ހުންނަ ވޯޓު ފޮއްޓަށް ވޯޓުލައްވާފައި.

    ކުރީގެ ރައީސް ޞާލިޙް ވޯޓުލެއްވުން -- ފޮޓޯ/ އެމްޑީޕީ
    ފުޢާދު ތައުފީގު/ އިލެކްޝަންސް ކޮމިޝަންގެ ރައީސް

    އެއްވެސް ދިމާލެއްގައި މާ ބޮޑު ކިއޫއެއް ނެތް. ވޯޓުލުން ވެސް ނުހުއްޓި، ވަރަށް ރަނގަޅަށް ކުރިއަށްދަނީ
    10:19

    އީސީން ބުނީ މިހާތަނަށް މާ ބޮޑު މައްސަލައެއް ނޫޅޭ ކަމަށް

    ހެންވޭރު ދަނޑުގައި ޓެންޓު ޖަހައިގެން ހަދާފައިހުރި ވޯޓުލާ މަރުކަޒެއްގައި ހުންނަވައިގެން 'ސަން'އާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުޢާދު ތައުފީގު ވިދާޅުވީ، މިހާތަނަށް މާ ބޮޑު މައްސަލަތަކެއް ފެންމަތިވެފައިނުވާ ކަމަށް.

    އޭނާ ވެސް ވަނީ ވީހާ ވެސް ކުރިއާލާ ވޯޓުލާން އެދިވަޑައިގެންފައި.

    ފުޢާދު ވަނީ ވޯޓުލާ ސަރަހައްދުތަކުގައި ބާރުބޮޑުނުވާނެ ގޮތަށް ވޯޓުލުމަށް ފަހު އެ ސަރަހައްދުގައި މަޑުނުކުރުމަށް ވެސް އެދިވަޑައިގެންފައި.

    އީސީގެ ރައީސް ފުޢާދު ތައުފީގު 'ސަން'އަށް އިންޓަވިއުދެއްވަނީ --
    09:56

    9:00 އާ ހަމައަށް 24،703 މީހުން ވޯޓުލައިފި

    މިއަދު ހެނދުނު 9:00 އާ ހަމައަށް 24،703 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި.

    އީސީން އާންކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 9 އާ ހަމައަށް ވޯޓުލާފައިވަނީ 8.68 އިންސައްތަ މީހުން. އޭގެ ތެރޭގައި ގިނައީ ފިރިހެނުން. އެގޮތުން، 16،900 ފިރިހެނުން ވަނީ ވޯޓުލާފައި. އަދި، 7،803 އަންހެނުން ވަނީ އެހާތަނަށް ވޯޓުލާފައި.

    ހެނދުނު 9:00 އާ ހަމައަށް 91.32 އިންސައްތަ މީހުން ވޯޓެއް ނުލައި. އެއީ، 259،960 މީހުން.

    އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ: ނުވައެއް ޖެހުމާ ހަމައަށް 24،703 މީހުން ވަނީ ވޯޓުލާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
    09:27

    ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވޯޓު ލައްވައިފި.

    އެކަމަނާ ވޯޓުލެއްވީ އަމީނިއްޔާ ސްކޫލުގައި ހުންނަ ފޮއްޓަށް.

    ސާޖިދާ މުޙައްމަދު ވޯޓު ލެއްވުން -- ސަން ފޮޓޯ/ މޫސާ ނަދީމް
    09:22

    08:54
    ރައީސް މުއިއްޒު ވޯޓުލެއްވުން: އެ މަނިކުފާނު ހަމައެކަނި އެދިވަޑައިގަތީ އަވަހަށް ވޯޓުލާން އަވަހަށް ވަޑައިގެންނެވުމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
    ރައީސް ޑރ. މުހައްމަދު މުއިއްޒު

    ހުރިހާ ރައްޔިތުން ވެސް ނުކުމެވަޑައިގެން ވީހާ ވެސް އަވަހަކަށް ވޯޓުލުގެ ހައްގު އަދާކުރައްވާށޭ. ކޮންމެހެން ހަވީރުވަންދެން މަޑުނުކޮށް،
    08:44

    ރައީސް މުއިއްޒު ވޯޓުލައްވައިފި

    ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ކުރިއަށްދާ މަޖިލީސް އިންތިޚާބުގައި ވޯޓުލައްވައިފި.

    އެ މަނިކުފާނު ވޯޓުލައްވާފައިވަނީ ދެންމެގެ ވަގުތެއްގައި ތާޖުއްދީން ސްކޫލުގައި ހުންނަ ފޮއްޓަށް.

    ވޯޓުލެއްވުމަށް ފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ހުރިހާ އެންމެން ވެސް ހެނދުނު ހެނދުނާ ވޯޓުލާން އެދިވަޑައިގެންފައި.

    ރައީސް މުއިއްޒު ވޯޓުލައްވަނީ: އެ މަނިކުފާނު އެންމެން ވެސް އަވަހަށް ވޯޓުލާން އެދިވަޑައިގެންފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
    08:26

    ވޯޓުލުން ކުރިއަށްދާނީ 5:30 ވަންދެން، ވަގުތު އިތުރެއް ނުކުރާނެ

    ހެނދުނު 8:00 ވުމާ އެކު ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ވޯޓުލާ ކިއޫތައް ހަވީރު 5:30 ވުމާ އެކު ބަންދުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި.

    ވޯޓުލާން އިތުރު ވަގުތެއް ނުދޭނެ ކަމަށް ވަނީ ބުނެފައި.

    މަޖިލީސް އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް
    08:05

    ވޯޓުލާން ފަށައިފި

    ހެނދުނު 8:00 ވުމާ އެކު މަޖިލީސް އިންތިޚާބުގެ ވޯޓުލާން ފަށައިފި.

    މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 284,663 މީހުންނަށް ލިބިފައިވޭ. އަދި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ގައުމުތައް ހިމެނޭހެން ޖުމުލަ 602 ވޯޓުފޮށި ވަނީ ބަހައްޓާފައި.

    މަޖިލީސް އިންތިޚާބުގެ ވޯޓުލާން ފެށުން -- ސަން ފޮޓޯ/ އަހުމަދު މުސްލިމް