ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަރަށް ބޮޑަށް ދަށް ހިނގައްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި މިއަދު ވިޔަފާރި ބަންދުކުރި އިރު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 83 ޑޮލަރަށް ވުރެ ދަށްވެފަ އެވެ.

އެގޮތުން ތެޔޮ ފީފާއަކުން 1.93 ޑޮަލަރު ހެއުވެ، ފީފާއެއްގެ އަގު މިހާރު ހުރީ 82.89 ޑޮލަރުގަ އެވެ. މިއީ ފާއިތުވި ގާތްގަނޑަކަށް އަށް މަސް ދުވަސް ތެރޭގައި ތެޔޮ ފީފާއެއްގެ އަގު 83 ޑޮލަރަށް ވުރެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 83 ޑޮލަރަށް ވުރެ ދަށަށް ތެޔޮ ފީފާއެއްގެ އަގު ވެއްޓިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އެމެރިކާގައި ބޭނުންކުރާ ގެސޮލިން އުފެއްދުމަށް ބޭނުންކުރާ ސާފުނުުކުރާ ތެލުގެ އެންމެ މަޝްހޫރު ބްރޭންޑް ބްރެންޓް ކްރޫޑްގެ އަގު ވެސް ވަނީ ދެ ޕަސެންޓަށް ދަށަށް ގޮސް ފީފާއެއްގެ އަގު 97.91 ޑޮލަރަށް ވެއްޓިފަ އެވެ.
ު
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައި މިވަނީ އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގުތިސާދެއް މިހާރު އޮތް ގައުމު ކަމަށްވާ ޗައިނާގެ އިގުތިސާތީ ދުވެލި މަޑުޖެހުމާއި ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުންނެވެ.