21 Apr 2024, 08:31
ސިނަމާ މެދުވެރިކޮށް މުޖުތަމައުގައި ހުރި މުހިއްމު މައްސަލަތަކަށް އަލި އަޅުވާލައިގެން ފިލްމު އުފެއްދުމަށް ބަތަލާ ރަވީނާ ޓަންޑަން އެދިއްޖެއެވެ.
ނުވަދިހައިގެ އަހަރުތަކުގެތެރޭ ބޮލީވުޑްގައި ވިދާލި ބަތަލާ ބުނީ މިއީ ބެލުންތެރިންގެ ފަރާތުން ލިބޭ ލޯތްބާއި ތައުރީފުގެ ބަދަލުގައި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ ފަރާތުން މުޖްތަމައަށް ދެވޭނެ އެންމެ އަގުހުރި ހަދިޔާ ކަމުގައެވެ.
ރަވީނާ އެންމެ ފަހުން ކުޅުނު ފިލްމު "ޕަޓްނާ ޝުކްލާ" ބިނާކޮށްފައިވާ ހާދިސާގެ މައްޗަށް އަލި އަޅުވާލަމުން ބަތަލާ ބުނެފައި ވަނީ މުޖްތަމައުގައި ހިނގާ ނޭދޭވޭ މައްސަލަތަކުގެ މައުޟޫތަކުގެ ސުރުހީ ނަމަވެސް ސިނަމާ މެދުވެރިކޮށް ބެލުންތެރިންނަށް ފެނުމަކީ ރަނގަޅު ފެށުމަކަށް ވާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ޕިޓީއައިއަށް ދިން އިންޓަވިއުގައި ރަވީނާ ބުނީ، މިހާތަނަށް ކޮމާޝަލް ފިލްމުތައް ގިނަ އަދަދަކަށް ކުޅެވިއްޖެ ކަމަށާއި ދެން ބޭނުންވަނީ މުޖްތަމައުން ބަތަލާއަށް ހޯދައިދިން ރީތި ނަމާއި ޝަރަފުގެ އަގުވަޒަން ކުރުމުގެ ގޮތުން މުޖްތަމަށް އެހީތެރިވުމަށް ކަމަށެވެ.

ބަތަލާ ރަވީނާ ޓަންޑަން ފިލްމު "ޕަޓްނާ ޝުކްލާ"ގެ މަންޒަރެއްގައި --ފޮޓޯ/ޓެލެގްރާފްއިންޑިއާ
މިހާރުވެސް ފިލްމުތަކުން މަދުން ފެންނަ ބަތަލާ މީގެ ފަހުން އަހަރަކު އެއްފަހަރު ނަމަވެސް ފިލްމެއް ނުވަތަ ދެ ފިލްމު ޚާއްސަ ކުރާނީ މުޖްތަމައަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ ފަދަ މައުޟޫއަކާ ގުޅޭ ފިލްމުތަކަށް ކަމަށް ރަވީނާ ވަނީ ބުނެފައެވެ.
ރަވީނާ އެންމެ ފަހުން ކުޅުނު ފިލްމު "ޕަޓްނާ ޝުކްލާ"އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒު ޚާންގެ ފިލްމު ކުންފުނިން ގެނެސްދިން ފިލްމެކެވެ. މި ފިލްމަކީ ދަރިވަރުންގެ އިމްތިހާނުތަކުގެ ނަތީޖާ އޮޅުވާލުމުގެ ބޮޑު ސްކޭމްއެއް ހިންގާގޮތުގެ ހާދިސާތައް ގެނެސްދީ އެ ދަރިވަރުންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ދައްކުވައިދިން ސޯޝަލް ޑްރާމާއެކެވެ. ރަވީނާ ފިލްމުގައި ކުޅެފައި ވަނީ އެފަދަ ދަރިވަރުންނަށް އިންސާފު ހޯދައިދިނުމުގައި ފަސްޖެހުމެއް ނެތި މަސައްކަތްކުރި ވަކީލެއްގެ ރޯލެވެ.