21 Apr 2024, 07:55
މިދިޔަ މަހުގެ 23 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "ކްރެކް" މި މަހުގެ 26ވާ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓް ސްޓާގައި ސްޓްރީމްކުރަން ފަށާނެކަން އިއުލާނުކޮށްފިއެވެ.
ވިދުޔަތު ޖަމްވާލް، އަރުޖުން ރާމްޕާލް، ނޯތާ ފަތެހީ އަދި އެމީ ޖެކްސަން މުހިއްމު ރޯލް ކުޅެފައިވާ މި ފިލްމަކީ ވިދުޔަތުގެ އަމިއްލަ ފިލްމު ކުންފުނިން އެކްޓަރު އަމިއްލައަށް ޕްރޮޑިއުސްކޮށް އަދިތިޔަ ދަތު ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.
އަރުޖުން ރާމްޕާލްއާ ވިދުޔަތުގެ ވަރުގަދަ ކުރިމަތިލުމެއް ދައްކުވައިދިން މި ސްޕޯޓްސް ތުރިލާއަކީ މިހާތަނަސް އިންޑިއާގައި އުފެއްދި އެންމެ ވަރުގަދަ ކުޅިވަރާއި ގުޅުންހުރި ތުރިލާ ފިލްމު ކަމަށް ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ.
މީގެކުރިން ވެސް އެކްޝަން ފިލްމުތަކުން ވަރަށް ވަރުގަދަ ސްޓަންޓް ސީންތައް ކުޅެފައިވާ ވިދުޔަތު ބުނެފައި ވަނީ މީގެކުރިން ސްޓަންޓް ސީންތައް ކުޅުނުއިރު ހާސްނުވި ނަމަވެސް މި ފިލްމުގެ ބައެއް މަންޒަރުތައް ކުޅުނުއިރު ވަރަށް ހާސްވިކަމަށެވެ.

ފިލްމު 'ކްރެކް'ގެ ބަތަލާ އެމީ ޖެކްސަން--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އަމިއްލަ ސްޓަންޓް މަންޒަރުތައް އެހެން މީހެއްގެ އެހީއާ ނުލާ ކުޅެން ޝައުގުވެރިވީ ނަމަވެސް "ކްރެކް"ގެ އެފަދަ މަންޒަރުތައް ވަރަށް ބޮޑު ޗެލެންޖަކަށްވީ ކަމަށް ވިދުޔަތު ވަނީ ބުނެފައެވެ.
މި ފިލްމުގައި ބަތަލާ ނޯރާ ފަތެހީގެ ވެސް ވަރަށް ގިނަ އެކްޝަން ސީންތައް ހިމެނިފައިވާއިރު މިއީ ނޯރާ މިފަދަ ރޯލަކުން ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމުވެސް މެއެވެ.
ޖުމްލަ 45 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މިފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު އާމްދަނީއެއް ނުލިބުނު ނަމަވެސް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ފިލްމު ވިއްކައިގެން ޚަރަދު ފޫބެއްދިދާނެ ކަމަށް ފިލްމު އެނަލިސްޓުން ބުނެއެވެ.
ފިލްމު "ކޮމާންޑޯ" އަދި "ޚުދާ ހާފިޒު" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ވިދުޔަތު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ "ޝޭރް ސިންގް ރާނާ"ގެ ނަމުގައި އުފައްދާ ފިލްމަކުންނެވެ.
ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުއެވެ.