09 Jun 2012, 03:02
ރޮބަޓް ލެވަންޑޮވްސްކީ ޖަހައިދިން ލަނޑުން ޕޮލެންޑް މޮޅުވާންދަނިކޮށް ޑިމިޓްރިސް ސަލްޕިންގްޑިސް ޖަހައިދިން ލަނޑުން މެޗު އެއްވަރުވެ ޔޫރޯ 2012ގައި ޕޮލެންޑް ޕްރެޝަރަށްވެއްޓިއްޖެ އެވެ.
އަމިއްލަ ގައުމުގައި މުބާރާތް ހުޅުވަން ކުޅުނު މެޗުން މޮޅުވާން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ގްރީސް އަށެވެ. އެކަމަކު 10 ކުޅުންތެރިންނާއެކު ކުޅެނިކޮށް ފަހު ހާފުގައި ލިބުނު ޕެނަލްޓީ ކެޕްޓަން ކަރަގޫނިސް ޖެހުމުން ޕޮލެންޑްގެ ބަދަލު ކީޕަރު ޓީޓޮން ވަނީ ދިފާއުކޮށްފަ އެވެ.
ޕޮލެންޑަށް ޕެނަލްޓީ ލިބުނީ އެއްވަނަ ކީޕަރު އާސެނަލްގެ ސިޒެސްނީ ގްރީސްގެ ސަލްޕިންގްޑިސް އޭރިޔާ ތެރެއަށް ވައްޓާލުމުންނެވެ. މީގެ ސަބަބުން އޭނާ އަށް ދެއްކި ރަތްކާޑާއެކު ދެ ގައުމުގެ ކުޅުންތެރިންގެ އަދަދު 10 އަށް ހަމަހަމަވި އެވެ. މުބާރާތުގެ ފުރަތަމަ ރަތްކާޑު ދެއްކީ ގްރީސްގެ ސްކޮރާޓިސް އަށް ދެ ވަނަ ރީނދޫކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ.
މެޗަށް ފަހު ޕޮލެންޑްގެ ކީޕަރު ޓީޓޮން ބުނީ ސިޒެސްނީ އަށް ރަތްކަޑު ދެއްކުމުން މިއީ ގައުމަށް ކަމެއް ކޮށްދޭނެ ޖެހުނު ވަގުތެއް ކަމަށް ހީކުރި ކަމަށެވެ. އަދި މެޗުގައި ޕޮލެންޑަށް ލިބުނު ފުރުސަތުތަކާ އަޅާ ބަލާއިރު މިއަށްވުރެ ނަތީޖާ ރަނގަޅުވާން ޖެހޭނެ ކަމަށެވެ.
ޕޮލެންޑްގެ ކޯޗު ސްމޫދާ ބުނީ މެޗުގެ ކުރިންނާއި ހާފް ޓައިމްގައި ވެސް އޭނާގެ ކުޅުންތެރިން ތިބީ ހާސްވެފައި ކަމަށާއި ގޯސްތަކެއް ހެދުނު ނަމަވެސް ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ރަޝިޔާއާ ދެކޮޅަށް މިިއަށްވުރެ މާ ރަނގަޅަށް ކުޅޭނެ ކަމަށެވެ.
"އޯޕަނިން މެޗަކީ އަބަދުވެސް އުނދަގޫ މެޗެއް. ހާއްސަކޮށް ހޯމް ޓީމަށް. އެއްވަރުވުމަކީ މުޅިން ފޭލްވުމެއްނޫން. ބާކީ އަދި ދެ މެޗު އެބައޮތް،" ސްމޫދާ ބުންޏެވެ.
ގްރީސްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ޕެނަލްޓީ އަކީ މޮޅުވާން ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި އެކަމަކިު ކުޅުންތެރިންނާމެދު ފަހުރުވެރިވާ ކަމަށެވެ.