19 Apr 2024, 15:46
މި ސަރުކާރުން އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ޒޯނެއް ގާއިމުކުރަން ނިންމުމުން ބޭރުގެ ފަރާތްތަކުގެ ތައުރީފު ލިބޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، އޭޝިއާ ސަރަހައްދުގެ އިގުތިސާދުތަކާ ބެހޭގޮތުން އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކް (އޭޑީބީ)ން ދާދި ފަހުން އާންމުކުރި "އައުޓްލުކް 2024" ރިޕޯޓްގައި މިކަމާ ގުޅިގެން އަލިއަޅުވާލާފައިވާ ކަމަށެވެ. އަދި، ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ތަސައްވަރުކަން ސައީދު ފާހަގަކުރައްވާފައިވެއެވެ.
"އައުޓްލުކް 2024"ގައިވާގޮތުން ދަނޑުވެރިކަމުގެ ސަބަބުން ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރަން ފަސޭހަތަކެއް ލިބޭނެއެވެ. ރާއްޖޭގައި ދަނޑުވެރިކަމަށް ބޭނުންކުރެވިދާނެ 5،500 ހެކްޓަރުގެ ބިން އޮތްއިރު، ދަނޑުވެރިކަން ކުރަނީ އޭގެ ތެރެއިން އެންމެ 10 ޕަސަންޓު ބިމުގައިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދަނޑުވެރިކަމުން 2005ވަނަ އަހަރުން ފެށިގެން 2022ވަނަ އަހަރާ ހަމައަށް ޖީޑީޕީއަށް އެވެރެޖްކޮށް ހިއްސާވަނީ 1.5 ޕަސަންޓުކަން ފާހަގަކޮށް "އައުޓްލުކް 2024"ގައި ވަނީ ރާއްޖޭގައި ދަނޑުވެރިކަން ފުޅާ ކުރެވިދާނެ ކަމަށެވެ. ނަމަވެސް، މިކަމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި އެ ގޮންޖެހުންތައް ހައްލުކުރަންޖެހޭ ކަމަށެވެ.
މި ގޮންޖެހުންތަކުގެ ތެރޭގައި ރާއްޖޭގައި ދަނޑުވެރިން މަދުވުމާއި، ދަނޑުވެރިކަމަށް މާލީ އެހީ ހޯދާނެ ގިނަ މަގުތަކެއް ތަނަވަސްވެފައި ނެތުމާއި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނު އަގުބޮޑުވުން ފާހަގަކޮށްފައިވެއެވެ.
ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށާއި އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރަން ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް އުތުރުތިލަފަޅުން 200 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އުތުރުތިލަފަޅު އެގްރިކްލްޗާ ޒޯން ވާނީ އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީން މުއްސަނދިވެފައިވާ ފަޚުރުވެރި ބިޔަ މަޝްރޫއަކަށް ކަމަށް މީގެ ކުރިން މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ.
އުތުރުތިލަފަޅުގައި ބިން ހިއްކައި، ދަނޑުވެރިކަންކުރާނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ)އިން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ މިހާރު ވަނީ ހަވާލުކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 800،000 މީހުންނަށް ސީދާ މަންފާކުރާނެ ކަމަށް ސީއެޗްއީސީން ބުނެއެވެ. އެ ގޮތުން ދިވެހީންގެ އާންމު ދިރިއުޅުމަށްކުރާ ޚަރަދުތައް 40 އިންސައްތައިން ދަށްކުރުމަކީ މި މަޝްރޫއުގެ އަމާޒެކެވެ.