ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޯރި އިތުރުކުރުމުގެ ގޮތުން އިނާމްތައް ހިމަނާފައިވާ ޕްރޮމޯޝަނެއް "ޔޫރޯ ފޯ ޔޫ"ގެ ނަމުގައި ދިރާގުން ފަށައިފި އެވެ.

ސަލްސާ ރޯޔަލްގައި މިރޭ ބޭއްވި ހަފްލާއެއްގައި ދިރާގުގެ މާކެޓިން އެންޑް ޕީއާރް އިބްރާހިމް އިމްޖާދު ޖަލީލު ވިދާޅުވީ ޔޫރޯގެ ފޯރި އިތުރުކުރުމުގެ ގޮތުން އެ ކުންފުނިން ފެށި މި ޕްރޮމޯޝަންގައި ޔޫރޯ މުބާރާތާބެހޭ ގިނަ މައުލޫމާތު ލިބިގެންދިއުމުގެ އިތުރުން މުބާރާތުގެ ފޯރި ރާއްޖޭގައި އިތުރުކުރުމުގެ ބައިތައް ހިމަނާފައިވާނެ ކަމަށެވެ.

ދިރާގުގެ ޔޫރޯ ޕްރޮމޯޝަން ކުރިޔަށް ގެންދަނީ ހަތަރު މުބާރާތެއްގެ ގޮތުގަ އެވެ. އެއީ "ގެސް ދަ ސްކޯ" އާއި "ޔޫރޯ ފޯ ޔޫރޯ ލީގް" އާއި "ޔޫރޯ އެސްއެމްއެސް ކުއިޒް" އަދި "ޔޫރޯ 2012 ލައިވް" އެވެ.

ގެސް ދަ ސްކޯ ގައި ބައިވެރިވާ ފަރާތްތައް ޖެހޭނީ ކޮންމެ މެޗެއްގެ ވެސް 75 ވަނަ މިނެޓްގެ ކުރިން ލަފާ ކުރެވޭ ސްކޯ ޖެހުމަށްފަހު 577 އަށް އެސްއެމްއެސް ކުރާށެވެ. މުބާރާތުން އެންމެ ގިނަ މެޗްގެ ސްކޯ ދިމާކުރާ ފަރާތަކަށް 46 އިންޗީގެ ސޮނީ ބްރާވިއާ ޓީވީއެއް ދިރާގުން ދޭނެ އެވެ.

"ޔޫރޯ ފޯ ޔޫރޯ ލީގް" ގައި ބައިވެރިވާ ފަރާތްތަކުން އާރްއީޖީ ޖެހުމަށްފަހު 566 އަކަށް އެސްއެމްއެސް ކުރުމުން ރަޖިސްޓާ ވާނެ އެވެ. އޭގެފަހުން ދިރާގުގެ ވެބްސައިޓަށް ވަދެ ލީގުގައި ބައިވެރިވެ ޔޫރޯ މުބާރާތުގެ މެޗްތަކުގެ ސްކޯ ދިމާ ކުރުމުން އެއް ވަނައަށް ދާ ފަރާތަކަށް ސައުންޑް ސިސްޓަމަކާއި އައިޕޮޑް ނެނޯއެއް ލިބޭނެ އެވެ.

ޕްރޮމޯޝަންގެ ތިން ވަނަ މުބާރާތް، "ޔޫރޯ އެސްއެމްއެސް ކުއިޒް" ގައި އެއްވަނަ ހޯދާ ފަރާތަކަށް "ނިކޯން ޑީ 3100" ގެ ކެމެރާއެއް ލިބެ އެވެ. މި ބައިގައި ބައިވެރި ވުމަށް އެސްއެމްއެސް ކުރާނީ ޔޫރޯ ޖެހުމަށްފަހު 588 މި ނަމްބަރަށެވެ. އިނާމް ލިބެނީ މި ބައިގައި ކޮންމެ ބުރެއްގައި ކަނޑައެޅިފައިވާ އަދަދަކަށް ކުރާ ސުވާލުތަކުން އެންމެ ގިނަ ޖަވާބު ދިމާކުރާ ފަރާތަކަށެވެ.

ޕްރޮމޯޝަންގެ އެންމެ ފަހު ބައިގައި ހިމެނޭ "ޔޫރޯ 2012 ލައިވް" އެވެ. މިއީ ޔޫރޯއާއި ބެހޭ ގިނަ މައުލޫމާތު ތަކެއް އެސްއެމްއެސްގެ ގޮތުގައި ލިބޭ ބައެކެވެ. ދިރާގުން ބުނީ ޔޫރޯ ނިމެންދެން މި ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށާއި އަދި ޔޫރޯގެ ހުރިހާ މެޗެއް ބެލުމުގެ އިންތިޒާމް ސަލްސާ ރޯޔަލްގައި ދިރާގުން ހަމަޖައްސާފައިވާ ކަމަށެވެ.