19 Apr 2024, 10:33
އެމެރިކާގެ ނިއުޔޯކް ސިޓީގައި ނެރޭ މަޝްހޫރު މަޖައްލާ "ޓައިމް"ގެ އެންމެ ނުފޫޒުގަދަ 100 ފަންނާނުންގެ ތެރޭ އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ހިމެނިއްޖެއެވެ.
އާލިއާ ބަޓް ހިމެނިފައިވަނީ އެންމެ ނުފޫޒުގަދަ އާޓިސްޓުންގެ ކެޓަގަރީގައެވެ. ބަތަލާ އާލިއާގެ އިތުރުން މަޝްހޫރު ފިލްމު "ސްލަމްޑޯގް މިލިއަނާ"ގެ އެކްޓަރު ދޭވް ޕަޓޭލް ވެސް މި ލިސްޓުގައި ހިމެނެއެވެ.
ވޭތުވެދިޔަ ދެ އަހަރުތެރޭ އާލިއާގެ މޮޅު ޕާފޮމެންސެއް ފެނުނު ހަތަރު ފިލްމެއް ވަނީ ރިލީޒްކޮށްފައެވެ. ހަމައެއާއެކު މިދިޔަ އަހަރު އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމުން ގިނަ ބައެއްގެ މަގުބޫލުކަން ބަތަލާ ހޯދިއިރު ކެރިއަރުގެ ފުރަތަމަ ޤައުމީ އެވޯޑް ވެސް އާލިއާއަށް ވަނީ މިދިޔަ އަހަރު ލިބިފައެވެ.
މި އަހަރުގެ އެންމެ ނުފޫޒު ގަދަ ފަންނާނުންގެ ލިސްޓުން 31 އަހަރުގެ ބަތަލާއަށް ފުރުސަތު ލިބުނު މައިގަނޑު އެންމެ ބޮޑު އެއް ސަބަބަކީ ހޮލީވުޑްގައި ބަތަލާކުރި ތަޖުރިބާއެވެ. ހޮލީވުޑްގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރުންނާ އެކު މަސައްކަތްކުރުމުގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ ޔޫރަޕްގެ ލަގްޒަރީ ބްރޭންޑް ގުޗީގެ ގްލޯބަލް އެމްބެސެޑަރުކަން ވެސް އާލިއާއަށް ވަނީ ލިބިފައެވެ.

އާލިއާ ބަޓް އަލަތު ދަރިފުޅު ރަހާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ޓައިމްގެ މި އަހަރުގެ އެންމެ ނުފޫޒު ގަދަ ފަންނާނުންގެތެރޭ އާލިއާ ހިމެނުމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ބަތަލާއަށް މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ. މަޝްހޫރު ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ދެވަނަ ކައިވެންޏަށް ލިބުނު ހަގު ދަރިފުޅު އާލިއާ ފިލްމީ ދާއިރާއަށް ނުކުތީ ޢުމުރުން އެންމެ 17 އަހަރުގައި ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"އިންނެވެ.
އިންޑިއާގެ މަޝްހޫރު ކަޕޫރު ޚާންދާނަށް ނިސްބަތްވާ އެކްޓަރު ރަންބީރު ކަޕޫރުގެ އަންހެނުން އާލިއާ އަކީ ބޮލީވުޑްގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެންމެ ކުޅަދާނަ ބަތަލާއިންގެ ތެރޭ ގުނާ ލެވޭ ފިލްމީ ތަރިއެކެވެ. އާލިއާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު "ޖިގްރާ"އިންނެވެ.