08 Jun 2012, 21:19
ހުޅުމާލޭ ޕޯސްޓް އޮފީސް ފަޅާލައި ވައްކަން ކުރަން ވަން މީހަކު އެ އިމާރާތުގެ ތެރޭގައި ފިލާ އޮއްވާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ޕޯސްޓް އޮފީސް ފަޅާލައިގެން ވައްކަން ކުރަން އުޅެނިކޮށް ހައްޔަރު ކުރީ 36 އަހަރުގެ މީހެއް ކަމަށެވެ. އެމީހާ އެހެން އެއްވެސް ވަނަވަރެއް ފުލުހުން އާއްމެއް ނުކުރެ އެވެ. އަދި އެތަނުން އެމީހާ ވަގަށް ނެގި އެއްޗެއްސާ ބެހޭ ގޮތުން ވެސް މައުލޫމާތެއް ނުދެ އެވެ.
މި މީހާ ހައްޔަރު ކުރީ ޕޯސްޓް އޮފީސް ފަޅާލި ކަމުގެ މަޢުލޫމާތު ލިބިގެން ރޭ ފަތިހު 4:30 ހާއިރު ފުލުހުން ހުޅުމާލެ ޕޯސްޓް އޮފީސް ކައިރިއަށް ގޮސް އިމާރާތް ބަލައި ފާސްކުރަމުން ދަނިކޮށް ޕޯސްޓް އޮފީސް ފެންލައިޓާ ދިމާލަށް ހުރި ބެލްކަނީގެ ތެރޭގައި އޮވެފައި ފިލަން އުޅެނިކޮށެވެ.
އެމީހާ ވައްކަން ކުރަން ވަދެފައި ވަނީ ޕޯސްޓް އޮފީހުގެ ފެންލައިޓް ހަލާކު ކޮށްލައިގެނެވެ. ވައްކަމުގެ މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ވަނީ ފަށާފަ އެވެ.