ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ފަހު ބައި ވެސް ބާތިލުކޮށް، އެ މަނިކުފާނު މިނިވަންކުރުމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ރިޝްވަތު ގަބޫކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ހައިކޯޓުން މިރޭ ބާތިލްކޮށް، ޔާމީން މިނިވަންކުރުމާއި ގުޅިގެން އަދުރޭ އެކްސްގައި ވިދާޅުވީ ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެކަން ރައީސް މުޢިއްޒު ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި ހަމަ ކޮންމެ މީހަކަށް ވެސް ތަފާތު ކުރުމެއްނެތި ޢަދުލު އިންސާފު ލިބޭނެކަމާއި، ޝަރުޢީ ދާއިރާއަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީޢަތް ކުރުމުގެ ފުރުޞަތު އޮތް ދާއިރާއެއްކަން ވެސް ރައީސް ޔަގީންކޮށްދެއްވާފައިވާ ކަމަށެވެ.

ޔާމީނަށް އިއްވި ހުކުމް ހައިކޯޓުން މިއަދު ބާތިލުކުރީއިރު، އެ ހުކުމުގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު، 2023 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އެ މަނިކުފާނަށް ވާދައެއް ނުކުރެއްވުނެވެ.

ޕީއެންސީގެ ޓިކެޓުގައި ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ޔާމީންގެ މައްޗަށް އޭރު އިއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމްގެ ސަބަބުންނެވެ. އަދި ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް ޔާމީން މިނިވަންކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވެ.

އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ މަނިކުފާނު ވިދާޅުވީ، އެ މަނިކުފާނު ހުންނެވީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށްވެ ވަޑައިގަތް ވަޢުދުގެ މަތީގައި ކަމަށާ، އެހެން ނަމަވެސް ސަރުކާރުން ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.

ޔާމީންގެ މައްޗަށް ދަށު ކޯޓުން 2022 ވަނަ އަހަރު އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލި ފަހުން އެ މައްސަލައިގެ ހުކުމްނުކުރެވި ހަތަރު މަސް ދުވަސް ހޭދަވެގެންދިޔައެވެ.

ރޭ ކުއްލި ގޮތަކަށް އެ މައްސަލައިގެ ހުކުމްކުރުން މިއަދަށް ތާވަލުކުރީ އެ މައްސަލަ ދިގުލައިގެން ދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް މައްސަލަ ވެސް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައި އޮއްވައެވެ.