08 Jun 2012, 19:22
ރާއްޖޭގެ ސަލާމާތީ ބާރުތައް، ސިފައިނާއި ފުލުހުންނާ ކުރިމަތިލާން ޖެހިއްޖެނަމަ ފަހަތަށް ނުޖެހި އެކަންކުރާނެ ކަމަށާއި ސަރުކާރު ވައްޓާލާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އަވަސް އިންތިހާބަކަށް ގޮވާލާ އެމްޑީޕީން ކޮންމެ ހުކުރު ދުވަހަކު މާލޭގެ މަގުތަކުގައި ބާއްވާ ސިލްސިލާ ހިނގާލުމުގެ މިއަދުގެ ހިނގުން އުސްފަސްގަނޑަށް ނިންމާލުމަށްފަހު އެތަނުގައި ހުންނަވައި ބައިވެރިންނާއި މުހާތަބުކޮށް ރީކޯ މޫސަ ވިދާޅުވީ ސިފައިނާއި ފުލުހުނާއި ކުރިމަތިލާންޖެހޭ ދުވަސް ވަރަށް ކައިރިވަމުން އަންނަ ކަމަށާއި އެދުވަހު ޖުމްހޫރީ މައިދާނަށްވަދެ ސިފައިންނާއި ފުލުހުންނާ ކުރިމަތިލައި މިހާރުގެ ވެރިކަން ވައްޓާލާނެ ކަމަށެވެ.
"ސިފައިނާއި ފުލުހުނާ އަޅުގަނޑުމެން ކުރިމަތިލާނަން، މަރާ ހުސް ކޮށްލިޔަސް ކުރިމަތިލާނަން، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި މިކުރާ ޖިހާދު އަޅުގަނޑުމެން ނިންމައެއް ނުލާނަން،" މޫސަ ވިދާޅުވި އެވެ.
އަވަސް އިންތިހާބަކަށް ގޮވާލި ހިނގާލުން މިއަދު ވެސް ފެށީ އެމްޑީޕީގެ މުޒާހަރާ މައިދާން ކަމަށްވާ އުސް ފަސްގަނޑުންނެވެ. އެއީ ހަވީރު ގާތްގަނޑަކަށް 4:45 ގަ އެވެ.
~
ތިމާވެށީގެ ދުވަހާ ގުޅުވައިގެން މިއަދު ވެހިކަލް ދުއްވުން މަނާ ކޮށްފައި އޮތުމުން ހިނގާލުން ފެށީ ތިމާވެއްޓާއި ރައްޓިހި ގޮތަކަށެވެ. އެގޮތުން ހިނގާލުމުގައި ސައުންޑް ސިސްޓަމް އުފުލަން ބޭނުްނުންކުރީ ދެ އަތް ގާޑިޔަލެވެ. އެމްޑީޕީގެ މިއަދުގެ ހިގާލުމުގެ ކުރީގައި ތިބި ބަޔަކު ވަނީ ތިމާވެށީގެ ނާޒުކުކަން ދައްކުވައިދޭ ޕޯސްޓަރުތަކެއް ވެސް ދައްކާލާފަ އެވެ.
ހިނގާލުމުގައި އިސްކޮށް ހުންނެވީ ވެސް ރީކޯ މޫސަ އެވެ. އިތުރަށް ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި ކުރީގެ އެމްއެންއެސްއެލްގެ ޗެއާމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) އަދި އެމްޑީޕީގެ ޕާލަމެންޓު ގުރޫޕުގެ ބައެއް މެންބަރުން ހިމެނިވަޑައިގަތެވެ.
މިއަދު ބޭއްވި ހިނގާލުމުގައި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލަމުން ފުރަތަމަ ނުކުތީ މަޖީދީ މަގަށެވެ. އޭގެ ފަހުން ސޯސަންމަގާއި މެދުޒިޔާރަތް މަގުން ގޮސް މަޖީދީމަގަށް ނުކުމެ ހިގާލުން ނިންމާލީ އެވެ. އެމްޑީޕީގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި މިއަދުގެ ހިނގާލުމުގައި ވެސް ރައީސް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް މަލާމާތް ރައްދުވާ ގޮތަށް އަޑާއި ހަރަކާތްތައް ބޭނުންކުރި އެވެ. އަދި މިއަދު ވެސް ހިނގާލުމުގައި ކިޔެވިލި ކިޔެވުމާއި ދުން އެރުވުމުގެ ހަރަކާތްތައް އޮތެވެ.