18 Apr 2024, 16:50
ޤައުމީ އިނާމު ދިނުމަށް އާ ދެ ދާއިރާއެއް ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަދުވަހު ހުޅުވާލާ ގޮތަށް ގައުމީ އިނާމާބެހޭ ކޮމިޓީން ހަމަޖައްސާފައިވާ ކަމަށެވެ.
އެ ކޮމިޓީން، އިނާމު ދޭނެ ދާއިރާތަކާއި ރޮނގުތަކާ ބެހޭގޮތުން ކަމާބެހޭ ވުޒާރާތަކުގެ ޚިޔާލުވެސް ހޯދާފައިވާ ވެސް އެ އޮފީހުން ބުންޏެވެ.
މި އަހަރު އިތުރުކުރާ ދާއިރާތަކަކީ:
ދިވެހި ޤައުމިއްޔަތުގެ ދާއިރާ:
މި ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން "އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް" ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން ޢިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ވެހިކުރުން ހިމެނެއެވެ.- ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާ:މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ އެ މީހަކަށް ލިބިފައިވާ ޚާއްޞަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމައުން ބަލައިގަނެފައިވާ ޚާއްސަ ޚިދުމަތަކަށާއި، ދިވެހި ދައުލަތުގެ ޙިމާޔަތުގައި ކޮށްފައިވާ ޚާއްޞަ ޚިދުމަތަށެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ، ޚިދުމަތްކޮށްދީފައިވާ ގޮތަށާއި، ފެންވަރަށާއި، ދެމިހުންނަނިވި މިންވަރަށެވެ.
ޤައުމީ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ:
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު:ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު:ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.
ރައީސް އޮފީހުން ބުނީ ގައުމީ އިނަމު ދިނުމަށް ހަމަޖެހިފައިވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއެއްގައި ކަަމަށެވެ.