18 Apr 2024, 23:19
ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ބަޔާން މިޔުނިކް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީފައިނަލްއިން ބަޔާން ޖާގަހޯދާފައިވަނީ ކްއާޣާ ފައިނަލްގައި އާސެނަލް އާއި ބައްދަލުކޮށް ތިން ލަނޑު ދެ ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު އާސެނަލްގެ ދަނޑުގައި ކުޅެ ދެ ލަނޑު ދެ ލަނޑުން އެ ޓީމު އެއްވަރުވިއިރު ބަޔާންގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ބަޔާން އިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާނުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ހަމަލާއަށް އިސްކަންދީ ކުއާޓާ ފައިނަލްގައި ލީޑު ނެގުމަށް މަސައްކަތް ކޮށްފައެވެ.
ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ދެ ތިން ފުރުސަތު މި ހާފުގައި ލިބިގެންދިޔަކަން ފާހަގަވިއެވެ. މިގޮތުން ބަޔާންއަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތު ޖަމާލް މުސިއެލާއަށް ލިބިގެންދިޔައިރު އާސެނަލްއަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ ގެބްރިއެލް މާޓިނެއްލީ އަށެވެ. ނަމަވެސް މިދެ ހަމަލާ ވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 63ވަނަ މިނެޓުގައި ބަޔާންއަށް ކާމިޔާބު ކޮށްދިނީ ޖޯޝުއާ ކިމިޗުއެވެ.
މި ލަނޑާއެކު ބަޔާންއިން ހަމަޖެހިލިއިރު އާސެނަލްއިންވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. މިއާއެކު މެޗު ނިމިގެންދިޔައީ އެއް ލަނޑު ސުންލަނޑުން ބަޔާން މި މެޗު ކާމިޔާބުކޮށް ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްގެންނެވެ.
މިއާއެކު ބަޔާންއަށް މިވަނީ މިސީޒަންގައި ޖަރުމަނު ބުންޑަސްލީގާ ކާމިޔާބު ނުކުރެވުމުގެ ހިތާމައިން އަރައިގަންނާނެ މަގެއް ފެނިގެން ގޮސްފައެވެ. ނަމަވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން އެ ޓީމުން ކުރާ މަސައްކަތުގައި ސެމީފައިނަލްގައި ބަޔާންއަށް ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް ސެމީފައިނަލުން ޖާގަހޯދާފައިވާ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ރެއާލް މެޑްރިޑާއެވެ.