08 Jun 2012, 17:48
އަތޮޅުތަކުގެ ބައެއް މެޖިސްޓްރޭޓް ކޯޓަކަށް އަލަށް އައްޔަން ކުރައްވާ މެޖިސްޓްރޭޓުން ހުވާ ކުރުމުގެ ރަސްމިއްޔާތު އަންނަ އާދީއްތަ ދުވަހު ބާއްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން މިއަދު ވިދާޅުވީ އެ ދުވަހު ހުވާކުރައްވަން ހަމަޖައްސާފައިވަނީ ރާއްޖޭގެ ފަސް މެޖިސްޓްރޭޓް ކޯޓަށް އައްޔަން ކުރައްވާ ފަސް މެޖިސްޓްރޭޓުން ކަމަށެވެ.
އާދީއްތަ ދުވަހު މެޖިސްޓްރޭޓުން ހުވާ ކުރައްވާ ނިމުމުން މަގާމުގެ ފަތްކޮޅު އެރުވުން ވެސް އެ ރަސްމިއްޔާތުގައި އޮންނާނެ އެވެ. ނަމަވެސް އެއީ ކޮން ރަށްރަށެއްގެ މެޖިސްޓްރޭޓް ކޯޓްތަކަކަށް އައްޔަން ކުރައްވާ މެޖިސްޓްރޭޓުންނެއް ކަމެއް ޖޭއެސްސީން ބުނެފައެއް ނުވެއެވެ.
މެޖިސްޓްރޭޓްކަމަށް ޝައުގުވެރިވާ ފަރާތްތައް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލެއްވީ މިދިޔަ މާޗް މަހުގެ އަށް ވަނަ ދުވަހު އެވެ. އިއުލާން ކޮށްފައި ވަނީ ރާއްޖޭގެ އުތުރާއި ދެކޮނުން 13 އަތޮޅެއްގެ އެކި ރަށްތަކަށް ޖުމްލަ 44 މެޖިސްޓްރޭޓުން ހޯދާށެވެ.
މެޖިސްޓްރޭޓެއްގެ އަސާސީ މުސާރައަކީ 18،500ރ. އެވެ. އިސް މެޖިސްޓްރޭޓްގެ މުސާރައަކީ 21،000ރ. އެވެ.