08 Jun 2012, 17:23
ސްވިޒަލޭންޑްގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖެ ބައިވެރިވާން ނިންމައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނުން ބުނީ އަންނަ ޖެނުއަރީ 31 އިން ފެށިގެން ތިިން ދުވަހަށް ބާއްވާ އެ ފެއާގައި ރާއްޖެ ބައިވެރިވާނީ "ގެސްޓް ކަންޓްރީ" އެއްގެ ގޮތުގައި ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ އާންމުކޮށް 70،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާ އެ ފެއާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓްއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ބައިވެރިވާ ކަމަށާއި ރާއްޖެ އިން އެ ފެއާގައި ބައިވެރިވުމުން ފެއާގައި ބައިވެރިވާ ފަރާތްތަކުގެ ސަމާލުކަމަށް ރާއްޖެއަށް ލިބި ރާއްޖެ އިތުރަށް އިޝްތިހާރު ވެގެންދާނެ ކަމަށެވެ.
ފެއާގައި 100 އަކަމީޓަރުގެ ރާއްޖޭގެ ޕެވިލިއަނެއް ގާއިމް ކުރާނެ ކަމަށާއި އެ ޕެވިލިއަން ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމްގެ އެކި ބައިތައް ދައްކުވައިދޭ ގޮތަށް ތައްޔާރުކުރެވޭ އެއްޗަކަށް ކަމަށް ވެސް ކޯޕަރޭޝަނުން ބުންޏެވެ.
ސްވިޒަލޭންޑަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މިއަހަރުގެ އޭޕްރީލް މަހާއި ހަމައަށް އެގައުމުން 16،452 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ.