ނ. މާފަރު ހަސަން އަބޫބަކުރު 65، ގެ މަރާ ގުޅިގެން އިތުރު ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާފަރު ހިތްފަސޭހަގޭ، އަބޫބަކުރުގެ މަރާ ގުޅިގެން ރޭގެ ވަގުތެއްގައި 26 އަހަރުގެ ފިރިހެނަކު އަދި މިއަދުގެ ވަގުތެއްގައި 17 އަހަރުގެ ކުޑަކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެމީހުންގެ ނަން ހާމައެއް ނުކުރެ އެވެ.

"ރޭގެ ވަގުތެއްގައި 26 އަހަރުގެ މީހަކާއި މިއަދުގެ ވަގުތެއްގައި 17 އަހަރުގެ ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ،" އޮފިޝަލް ވިދާޅުވި އެވެ.

އަބޫބަކުރު މަރާ ގުޅިގެން މިހާތަނަށް ޖުމްލަ ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު އެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. މައްސަލާގައި މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފރިހެނެކެވެ.

ސަންއަށް އެނގިފައިވާ ގޮތުން އަބޫބަކުރުގެ މަރާ ގުޅިގެން ކުރިން ހައްޔަރުކޮށްފައި ވަނީ އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އަބޫބަކުރު މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ތެރެއިން ނެވެ. ފެނުނުއިރު އޮތީ ބެޑްޝީޓަކުން ދެފައި ބަނދެފަ އެވެ. އަދި އޭރު އޭނާގެ އަނގައިންނާއި ނޭފަތުން ލޭ ވެސް ފައިބައިފައި ހުއްޓެވެ.