15 Aug 2010, 09:13
14:15
މި އަހަރު ކުރީކޮޅު މާލޭގައި ހިނގި ނުރައްކާތެރި ސައިކަލް އެކްސިޑެންޓެއްގައި އަންހެނަކު މަރުވި މައްސަލައާ ގުޅިގެން ސައިކަލް ދުއްވި މީހާގެ މައްޗަށް އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދައުވާކޮށްފި އެވެ.
ދައުލަތުން މި ދައުވާކޮށްފައި ވަނީ ގއ. ވިލިނގިލީ ގުލޭނޫރަންމާގޭ ޝިމާޒު އަޙްމަދުގެ މައްޗަށެވެ.
ޝިމާޒުގެ މައްޗަށް މި ދައުވާކުރީ މި އަހަރުގެ މާޗް މަހުގެ ދެ ވަނަ ދުވަހު އިރުއޮއްސުނު ވަގުތު ބުރުޒު މަގުން އޭނާ ސައިކަލުގައި ދަނިކޮށް މާމަ ދަރިފުޅު އުރައިގެން މަގު ހުރަސްކުރި މ. މޮޑަންހައުސް ޝަކީލާ އާއި އޭނާގެ މާމަ ދަރިފުޅު ޢަބްދުﷲ ޔަމާން އަޙްމަދާ ދެމީހުނަށް ބޮޑެތި ޒަހަމްތައް ލިބުމަށް ފަހު، ލިބުނު ގެއްލުމަށް ފަރުވާ ކުރަމުން ދަނިކޮށް ޝަކީލާ މަރުވެފައިވާތީ އެވެ.
ޝިމާޒުގެ މައްޗަށް ދައުވާ ކުރީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ޝިމާޒު ދުއްވި ސައިކަލުންޖެހި، އެކްސިޑެންޓުވުމަށް ފަހު ޝަކީލާ މަރުވީ އެ އެކްސިޑެންޓް ހިނގިރޭ ގަ އެވެ. އެއީ ޝަކީލާއަށް ލިބުނު ގެއްލުންތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ސިކުނޑިއަށް ލޭ އެޅިގެނެވެ. މި ހާދިސާގައި ޝަކީލާ އުރައިގެން ހުރި މާމަ ދަރިފުޅު ޔަމާންގެ ބޮލުން ބޮޑުބައެއް ފަޅައިގެން ދިޔަ ނަމަވެސް އޭނާ ވަނީ ސަލާމަތްވެފަ އެވެ.