06 Mar 2010, 10:43
އަންނަ އާދިއްތަ ދުވަހުން ފެށިގެން، އަރަބިއްޔާ ސްކޫލްގެ ކިޔެވުން ސެންޓަރ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަންގެ އިމާރާތަށް ވަގުތީގޮތުން ބަދަލުކޮށް އެ އިމާރާތުގައި ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓަރގެ ނައިބު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ އަރަބިއްޔާ ހިންގަމުންއައި އިމާރާތުގެ ތަންތަންގަނޑު ވެއްޓި ދަރިވަރުންނަށް ނުރައްކާވާ ހިސާބަށް ގޮސް، ސްކޫލްގެ ކިޔެވުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ފަހު، އަރައްބިއްޔާގައި ކިޔަވަމުން އައި ހުރިހާ ކުދިންނަށް ދެދަންފަޅިއަށް ދަތިކަމެއްނެތި، އަމީނިއްޔާ ސްކޫލް ކުރިމަތީގައި ހުންނަ ސީސީ އިމާރާތުގައި ކިޔަވައި ދެވޭނެ ކަމަށެވެ. އަދި މިކަމަށް އެ މަދުރަސާގެ މެނޭޖުމަންޓުން ވެސް ވަރަށް ބޮޑު އެއްބާރު ލުމެއް ދެމުންގެންދާ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ތަންތަންގަނޑު ވެއްޓި ދަރިވަރުންނަށް ނުރައްކާވާ ހިސާބަށް ދިއުމުގެ ސަބަބުން ސްކޫލްގެ ކިޔެވުން މިދިޔަ ބުދަދުވަހުންފެށިގެން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އަދި އެކަމާ ގުޅިގެން ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިންތަކެއް ސްކޫލް ކައިރިއަށް އެއްވެ ނުރުހުން ފާޅުކށް ވަނީ މުޒާހަރާކޮށްފަ އެވެ. މީގެ އިތުރުން ވެސް އަރަބިއްޔާ ސްކޫލް ހިންގުމަށް ސަރުކާރު ނުކުޅެދޭނަމަ، އެ ސްކޫލް ހިންގުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އެ ސްކޫލްގެ ހަވާލުކުރުމަށް ދީނީ ޖަމްއިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއްސަލަފުން ވަނީ ގޮވާލައިފަ އެވެ.
ވިހި އަހަރުވެފައިވާ ތިން ބުރީގެ އެ އިމާރާތުގެ ތަނބުތަކާއި ޝީޓުން ބައިބައި ކަނޑައިގެން ގޮސް، ފާރުތަކުގައި ރެނދުލައި ވެއްޓެމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެކަންތައް، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.