08 Jun 2012, 16:50
ޕީޕީއެމްގެ ރަށު ގޮފިތައް އުފައްދަން އަތޮޅުތަކަށް ދަތުރުތަކެއް ކުރަން އެ ޕާޓީން ނިންމައިފި އެވެ.
ޕާޓީގެ ހަރަކާތްތައް އަލުން ފެށުމުގެ ގޮތުން ޕީޕީއެމްގެ އާންމު މެންބަރުންނަށް އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރޭ ދެއްވި ފަރިއްކޮޅުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ ޕީޕީއެމުން އަތޮޅުތަކަށް ކުރާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޕާޓީގެ ރަށު ގޮފިތައް އުފައްދަން އުތުރާއި ދެކޮނުގެ އަތޮޅުތަކަށް ދަތުރުތައް ކުރަން ހަމަޖެހިފައިވާ ކަމަށާއި އޭގެ ބައެއް ދަތުރުތަކުގައި ރައީސް މައުމޫން ވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް މިވަގުރު ރާއްޖޭން ބޭރުގައި ހުންނެވި ރައީސް މައުމޫން ރާއްޖެ ވަޑައިގަންނަވާނެ ދުވަސް އަދި ހަމަޖެހިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެތެރެއަށް ކުރާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ، ރާއްޖޭގެ އުތުރަށާއި ދެކުނަށް. ބައެއް ދަތުރުފުޅުތަކުގައި ރައީސް މައުމޫން ބައިވެރިވަޑައިގަންނަވާނެ،" އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕާޓީގެ ގައުމީ މަޖިލީސް އޮންނާނެ ކަމަށާއި އޭގެ ކުރިން ޕާޓީގެ ރަށު ގޮފިތައް ރަޖިސްޓްރީކޮށް ނިންމަން ޖެހިފައި ވާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން އެކަން ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އެންދެރިމާގޭގައި ރޭ ބޭއްވި ފަރީއްކޮޅުގައި ގިނަ އަދެއްގެ އާންމުންނާއި ޕާޓީގެ މެންބަރުން ބައިވެރިވި އެވެ.