08 Jun 2012, 16:09
ކޮންމެ ރޯދަ މަހަކަށް ވެސް ގެއާއި ބަދިގޭގެ ސާމާނާއި ހިފާގެންގުޅޭ ތަކެތި އާ ކުރަން ހާއްސަ ސަމާލު ކަމެއް އެންމެން ވެސް ދެއެވެ. އެކަމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރޯދައާ ދިމާކޮށް މާލޭގެ ބޮޑެތި ފިހާރަތަކުން "ރޯދަ ސޭލް"ތައް އާންމުންނަށް ހުޅުވައިލަ އެވެ. ރޯދައަށް ބޭނުންވާނެ ސާމާނު ހެޔޮ އަގުގައި ލިބޭނެ ގޮތް މި ސޭލްތަކުައި ހަމަޖެހިގެން ދެ އެވެ. މިއަހަރުގެ ރޯދަމަސް ފެށެން ދޮޅު މަހެއްހާ ދުވަހަށް ވެފައިވާއިރު މިހާރު ވެސް ސޭލް ބޯޑްތައް ބައެއް ފިހާރަތަކުގެ މޫނު މައްޗަށް ވަނީ ނެރެން ފަށައިފަ އެވެ. އެއާއެކު އާންމުން ވެސް ވަނީ ރޯދަ ސޭލްތަކުން ވިޔަފާރި ކުރަން ފަށާފަ އެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހަށް ސަމާލުކަންދޭ ބޮޑެތި ފިހާރަތަކުގެ ތެރޭގައި ދަމާސް ހިމެނެ އެވެ. އެ ފިހާރައިގެ ރޯދަސޭލް މިއަހަރުވެސް ވަނީ ހުޅުވާލާފަ އެވެ. މިދިޔަމަހުން ފެށިގެން މިމަހު 31 ގެ ނިޔަލަށް ކުރިއަށް ގެންދާ ދަމާސް ރޯދަ ސޭލްގައި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި އެހެން ސާމާނު ވެސް ހެޔޮއަގުގައި ލިބޭނެ ގޮތް އެކުންފުނީގެ ހަތަރު ފިހާރައެއްގައި ވެއެވެ.
"މި އަހަރުވެސް އެންމެ ބޮޑަށް އިސްކަންދީފައި ހުންނާނީ އާންމުންނަށް ހެޔޮ އަގެއްގައި ރޯދައަށް ބޭނުންވާ ތަކެތި ފޯރު ކޮށްދޭން. މިއަހަރުގެ ރޯދަސޭލްގައި 70 ޕަސެންޓަށް ވެސް ބައެއް ތަކެތި އަގު ހެޔޮކޮށްފައި ހުންނާނެ،" މަޝްހޫރު ދަމާސް ފަރުނީޗަރުގެ ޑިވިޒަން މެނޭޖާ އަހުމަދު ފުއާދު ވިދާޅުވި އެވެ.
ރޯދައަށް އަވަހަށް ސޭލް ނެރެފައިވާ ފިހާރަތަކުގެ ތެރޭގައި ހިމެނޭ ރެޑް ވޭވް އިން ބުނީ ރޯދަ ސޭލްގެ ދަށުން ރޯދައަށް ބޭނުންވާ ގިނަ ބާވަތްތަކެއް އަގު ހެޔޮ ކޮށްފައިވާ ކަމަށާއި ކާބޯތަކެތީގެ އިތުރުން ބަދިގެއަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނުގެ ތެރެއިން ޓޯސްޓަރާއި މިކްސްޗަރު ފަދަ ބާވަތްތައް ވަރަށް ބޮޑަށް ހެޔޮކޮށްފައިވާ ކަމަށެވެ.
ރޯދައަށް ބާޒާރު ކުރަން ނުކުމެ އުޅުނު މީހަކު ބުނީ ބާޒާރުގައި ތަކެތީގެ އަގު ބޮޑު ނަމަވެސް ރޯދަ ސޭލްތަކުގައި އަގު ހެޔޮކޮށް ތަކެތި ހުރުމާއި ކުރިޔާލާ ސޭލްތައް އެޅުވުމުން ހިތްހަމަ ޖެހޭ ކަމަށެވެ. ރޯދައަށް ބޭނުންވާ ވަރަށް ގިނަ ސާމާނު ހެޔޮ އަގުގައި މިހާރު ވެސް ހޯދިފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަސްލު މިހާރު ތަކެތީގެ އަގުބޮޑުއިރު މިފަދަ ސޭލްތަށް ބާއްވާކަމީ ލިބޭ ރަނުގެ ފުރުސަތެއް. ރޯދައަށް ތައްޔާރުވުމުގެ ބޮޑު ބައި މިހާރު ވެސް ފުރިހަމަ ވެއްޖެ،" އެމީހާ ބުންޏެވެ.
ގޭތެރެއަށް ބޭނުންވާ ސާމާނަށް ބަލާއިރު ބާޒާރުގެ އާންމު އަގުތަކަށް ބަލާއިރު ތަކެތިލިބެން ހުންނަނީ ވަރަށް އަގު ބޮޑުކޮށެވެ. ނަމަވެސް ރޯދައާ ދިމާކޮށް މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެސްޓީއޯއިން ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެސްޓީއޯއިން ވަނީ މިދިޔަ އާދިތަ ދުވަހުން އިއްޔެގެ ނިޔަލަށް ޕިލިޕުސް ބުރޭންޑުގެ ގޭތެރެއަށް ބޭނުންވާ ސާމާނުވަރަށް އަގު ހެޔޮކޮށް ވިއްކާ އެ ބްރޭންޑްގެ އިންޓަނޭޝަނަލް ވޮރެންޓީ ވެސް ދީފަ އެވެ. އެ ކުންފުނިން ބުނީ ރޯދަމަހަށް އަމާޒްކޮށްގެން މިފަދަ އިތުރު ސޭސްލްތައް އަދި ނެރޭނެ ކަމަށެވެ.
ރޯދަ މަހާ ދިމާކޮށް އާންމުކޮށް ބޮޑެތި ސޭލްތައް ހިންގާ އަގޯރާ އާއި މުއާސަލާތީ ކުންފުނި ދިރާގުނާއި ވަތަނިއްޔާއިންވެސް އަދި ރޯދަ ސޭލްތައް ނުފަށަ އެވެ. އެހެން ނަމަވެސް އެހެންއަހަރުތަކެކެ އެއްފަދައިން ގިނަ ޕުރޮމޯޝަންތަކެއް ފަށާނެކަމަށް ވަނީ ބުނެފައެވެ. އެކުންފުނިތަކާއި ފިހާރަތައް ނޫނަސް މާލޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުން ދަނީ ރޯދައަށް ތައްޔާރުވަމުންނެވެ. ކުރިޔަށް އޮތް ހަފުތާތަކުގައި ރޯދަ ސޭލްތައް ގިނަ އިތުރަށް ބާރު ބޮޑުވެގެން ދާނެ ކަމަށް ބެލެވެ އެވެ.
ރޯދަ ކައިރިވާ ވަރަކަށް އެންމެ ގިނައިން ދެކެވޭނެ ވާހަކައަކަށް ވެފައި އޮންނަނީ ރޯދައާއެކު ކާބޯތަކެތީގެ އަގު ބާޒާރުގައި އުފުލޭ ވާހަކަ އެވެ. ނަމަވެސް ރޯދަމަހު ބާޒާރުގައި ކާބޯތަކެތީގެ އަގު ބޮޑު ވިޔަ ނުދިނުމަށް ދުރާލާ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯއިން ވަނީ ޔަގީން ކަން ދީފަ އެވެ.
މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވި ގޮތުގައި މި އަހަރުގެ ރޯދަމަހު ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަ ނުދީ އެއްވަރެއްގައި ހިފެހެއްޓުމަށް އެ ކުންފުނީގެ މަސައްކަތް މިހާރު ވެސް ވަނީ ފަށާފަ އެވެ.
"މިފަހަރު ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކާބޯތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރަމުން މިއަންނަނީ. ހާއްސަކޮށް ފިޔާއާ އަލުވި އަދި ކުކުޅު ބިހަށް ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން މިއަންނަނީ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެހެން އަހަރުތަކުގެ ތަޖުރިބާއަށް ބަލައި ބާޒާރުގައި ތަކެތީގެ އަގުތަށް އުފުލުމުގެ ކުރިން ރާއްޖޭގެ ބާޒާރަށް ތަކެތި ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރޯދަމަސް ފެށުމުގެ 20 ދުވާއި 15 ދުވަސް ކުރިން ރޯދައަށް ބޭނުންވާ ކާބޯތަކެތި ރާއްޖެ އެތެރެކޮށް ބާޒާރަށް ނެރެން މަސައްކަތް ކުރާ ކަމަށެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނިން ބުނީ މިފަހަރު ރާއްޖެއަށް މުދާ އެތެރެ ކުރާނީ ވިޔަފާރިވެރި، އެހެން ފަރާތްތަކުން ރޯދައަށް މުދާ އެތެރެކުރާ މިންވަރު ވެސް ބަލައި ތަކެތީގެ ޑިމާންޑް ނުވެއްޓި އެއްވަރެއްގައި ދެމެހެއްޓޭނެ ގޮތަކަށެވެ. ހާއްސަކޮށް ރޯދަމަހު ބާޒާރުގައި އެންމެ ޑިމާންޑް ބޮޑުވާ ފިޔާ އަލުވި ބިހުގެ އަގުތަކަށް ބޮޑު ވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރާނެ އެވެ.