މާގިނައިން ސީޓީސްކޭން ހެދުމުގެ ސަބަބުން ކުޑަކުދީންނަށް ލޭގެ ކެންސަރާއި ސިކުނޑީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މީގެ 30 އަހަރު ކުރިން ސީޓީސްކޭން ތާރަފުވުމަށް ފަހު، އޭގެ ބޭނުން ކުރެވޭލެއް ވަނީ ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައެވެ. ކުޑަކުދީންގެ ކަރަށާއި ބޮލަށާއި މައިބަދައަށް ލިބޭ އަނިޔާ އާއި ނާރުގެ މައްސަލަތައް ދެނެގަތުމުގައި ސީޓީ ސްކޭނުގެ ބޭނުން ކުރެވެއެވެ.

އިނގިރޭސި ވިލާތުގެ ހޮސްޕިޓަލްތަކުގައި 1985 ވަނަ އަހަރާއި 2002 ވަނަ އަހަރާ ދެމެދު ސީޓީސްކޭން ހަދައިފައިވާ، އުމުރުން 22 އަހަރުން ދަށުގެ 180000 ކުދީންގެ ތެރެއިން 74 ކުދީންނަށް 2008 ވަނަ އަހަރާ ހަމަޔަށް އައި އިރު ލޭގެ ކެންސަރު ޖެހިފައިވެއެވެ. އަދި 135 ކުއްޖަކަށް ސިކުނޑީގެ ކެންސަރު ޖެހިފައިވެއެވެ.

ސައިންސްވެރީން ބުނާ ގޮތުގައި ލޭގެ ކެންސަރު ޖެހުމުގެ ފުރުސަތު އާންމު ގޮތެއްގައި ކޮންމެ 2000 ކުދީންގެ ތެރެއިން އެއް ކުއްޖަކަށް އޮވެއެވެ. އެހެން ނަމަވެސް ސީޓީ ސްކޭނުގެ ސަބަބުން މިއަދަދު ކޮންމެ 600 ކުދީންގެ ތެރެއިން އެއް ކުއްޖަކަށް ބަދަލުވެއެވެ.

އެމެރިކާގެ ރިސަރޗް އިންސްޓިޓިއުޓަކުން ބުނާ ގޮތުގައި ސީޓީ ސްކޭނުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވަނީ މާ ގާތްގާތުގައި މާ ގިނައިން ސީޓީ ސްކޭނު ހެދުމުގެ ސަބަބުންނެވެ.