08 Jun 2012, 12:56
މި ސަރުކާރުގެ ވަޒީރުން ރައްޔިތުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަންޖެހޭ ކަމަށާއި އެ މަސަކަތް އަންނަ ހަފްތާގައި ފަށާނެކަމަށް އެމްޑީޕީ ޕާލަމެންޓް ގުރޫޕްގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މުސާމަނިކު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން އުސްފަސްގަނޑުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ވަގުތީ ޗެއާޕާސަން މޫސަ ވިދާޅުވީ މިހާޜު އުފައްދާފައިވާ ސަރުކާރަކީ ބަޢާވާތަކުން އައި ސަރުކާރެއް ކަމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވީ ނަމަވެސް އެމްޑީޕީ ސަރުކާރުން ކުރަން ރާވާފައި ހުރި މަޝްރޫއުތައް ހުއްޓިފައިވަނީ ކީއްވެގެންތޯ މިހާރުގެ ކެބިނެޓް މިނިސްޓަރުންނާ ސުވާލު ކުރަންޖެހޭ ކަމަށެވެ.
"ދައުލަތުގެ ބަޖެޓުގައި ލާރިއެއް ނެތޯ. އެލާރިވަނީ ކޮންތާކަށްތޯ. އަޅުގަނޑުމެނަށް ޔަގީން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަސް ތެރޭގައި ދައުލަށް އާމްދަނީގެ ގޮތުގައި ލިބޭނެ އެތައް މިލިއަން ރުފިޔާއެއް ހުންނާނެ. ކަން ހިނގި ގޮތް އަޅުގަނޑުމެނަށް އެބައިނގޭ. އެސުވާލުތައް ރައްޔިތުން މަޖިލީހުގައި ކުރަން އެބަޖެހޭ،" މޫސަ ވިދާޅުވި އެވެ.
އެނާ ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއީދުކުރާ މެންބަރުން ބޭނުންވަނީ މަޖިލީހުގެ ކޯރަމް ގެއްލުވާލައިފައި ބާއްވައިގެން މަޖިލީސް ކުރިއަށް ގެންދިޔަ ނުދިނުމަށް ކަމަށާއި ނަމަވެސް އެމްޑީޕީން އެފުރުސަތު ނުދޭނެ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ފިނޭސް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރާއި އަދި އިސްލާމިކް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރައްވާ ކުރަންޖެހޭ ސުވާލުތައް އެބަހުރި ކަމަށް ވިދާޅުވެ މިހާރު ސަރުކާރަށް ބޮޑަށް މޫސަ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"ފަހަރެއްގައިވެސް އެ މީހުނާއި (ވަޒީރުންނާއި) ސުވާލު ކުރުމަކުން އެ ސަރުކާރު ގަބޫލު ކުރި ކަމަކަށްނުވޭ. އެއީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ހައިސިޔަތުން ކުރަންޖެހޭ ކަމެއް،"
އެމްޑީޕީން ދެން މުޒާހަރާއަށް ނިކުންނަންވީ މިހާރުގެ ސަރުކާރު ވައްޓާލަން ކަމަށާއި ސަރުކާރު ވައްޓާލާފައި ނޫނީ ނޭވާވެސް ނުލާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
"މި ފަހަރު މި ނިކުންނަނީ ސަރުކާރު ވައްޓާލަން އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން ނޭވާލާނީ ސަރުކާރު ވައްޓާލާފައި،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ މުޒާހަރާއަކަށް ނިކުމެ ފުލުހުންނާއި ސިފައިންނާއި ކުރިމަތިލާން ޖެހޭ ކަމަށާއި އެމްޑީޕީން ދެން އެއްވާނީ ޖުމްހޫރީ މައިދާނަށް ކަމަށެވެ. އަދި މުޒާހަރާތަކުގައި ނިކުމެ އުޅެނީ ކުރިމަތި ނުލެވޭވަރުގެ ގިނަ ފުލުހުން ތަކެއް ނޫން ކަމަށާއި އެމްޑިޕީގެ މުޒާހަރާ ތަކުގައި ދެން ޕެޕާ ސްޕްރޭވެސް ބޭނުން ކުރާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑުމެންވެސް ބޭނުންކުރާނަން ހަރުގަނޑުވެސް. ސިފައިން ގެއަށްވެސް އަރައިގަންނާނަން. ފުލުހުންނާއި ދިމައަށްވެސް ގޮސް އެތަނަށްވެސް އަރައިގަންނާން...ޖުމްހޫރީ މައިދާނަށް ވަންނާނަން އަޅުގަނޑުމެން. އަޅުގަނޑުމެންވެސް ޕެޕާސްޕްރޭވެސް ގެންދާނަން. ހުއްދަ ކުރާ ހުރިހާ އެއްޗެއް ހިފައިގެން ހަމަ ހަތިޔާރާއެކު ދިމާކުރާނީ އެނގިދާނެތާ ވާއެއްޗެއް،" މޫސަ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަދެއްކެވި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުން ވަނީ އިންކުއަރީ ކޮމިޝަނުން ނެރެފައިވާ ޓައިމް ލައިނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި އެމްޑީޕީގެ ހަރަކާތްތައް މިހާރަށް ވުރެ ބޮޑަށް ވަރުގަދަ ކުރާނެ ކަމަށް ގިނަ މެންބަރުންތަކެއް ބައިވެރިވި މި ޖަލްސާގައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވި އެވެ.